ނަޞޭޙަތާއި އިރުޝާދު
ހެޔޮނަސީބާއި ބަދުނަސީބު

ބަރަކާތްތެރި ރަމަޟާން މަސް އޭގެ އެންމެހާ އަޅުކަންތަކާއި، ރަޙުމަތާއި، ފާފަފުއްސެވުމާއި، ދަރުމައާ އެކު އަޅުގަނޑުމެންނާ ކުރިމަތިލައިފިއެވެ. ރަޙުމަތުގެ ދިހައަކާއި ފާފަފުއްސެވުމުގެ ދިހައަކާއި ނަރަކައިން މިންޖުވުމުގެ ދިހައެއް، އެމަހުގެ ތެރޭގައި އަޅުގަނޑުމެނާ ބައްދަލުކޮށް އަލްވަދާޢު ކިޔަމުންދާނެއެވެ. ބާއްޖަވެރި، ހެޔޮނަސީބުގެ އަހުލުވެރިބަޔަކީ ޢާންމު ދުވަސްތަކާއި ޚިލާފަށް ރަމަޟާން މަހުގެ ދުވަސްތައް ހެޔޮ ބަދަލުތަކަކާ އެކު ހޭދަކުރާ މީހުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާ ތާބީޢަ ބޭކަލުން އުޅުއްވި ގޮތާއި އެއްގޮތަށް ޢަމަލުކުރުމުގައި މިދުވަސްތައް ހޭދަކުރުންމަތީ ދެމިތިބުމެވެ. އެއީ އެގޮތަށް އުޅުމުން ރޯދައިގެ ޙަޤީޤީ މަގުސަދު ކަމަށްވާ “ތަޤުވާވެރިކަން” ހާސިލު ކުރުމަށެވެ.

އަބާއްޖަވެރި، ބަދުނަޞީބުގެ އަހުލުވެރިބަޔަކީ އެބަޔެއްގެ ދިރިއުޅުމުގައި ދުވަސްތަކާ ޚިލާފަށް ރަމަޟާން މަހުގެ ދުވަސްތައް އިތުރު އިންޤިލާބެއް ހެޔޮބަދަލެއް ނެތި ހޭދަކޮށްލާ މީހުންނެވެ. މާތްﷲގެ ރުހިވޮޑިގަތުން ހާސިލު ކުރުމަށް މަސައްކަތް ނުކުރާ ހާލު، އެއިލާހުގެ ބިމުގައި އެއިލާހުގެ ޙުކުމުތަކަށް ފުރަގަސް ދެމުންދެއެވެ. ރިޝްވަތު ދިނުމާއި ރިބާ ކެއުން އާދަޔަކަށް ހަދާފައިވާއިރު، ހުއްދަ ނޫން ގޮތްގޮތަށް ފައިދާ ހޯދުމާއެކު މުދާތައް އެއްކޮށް ޖަމައުކުރުމުގައި ވަގުތުތައް ނަގާލަމުން ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރަމުންދެއެވެ. ރަމަޟާން މަސް އައުމުގެ ކުރިން ހެނދުނު، މެންދުރު، އަދި ރޭގަނޑު، މިތިންވަގުތު، ކައިބޮއި ހަދައެވެ. އަދި އެމަސް އައުމުން ވެސް ހާރުކެއުމާއި އިފުޠާރު ކުރުމާއި، ރޭގަނޑު ކެއުމުގެ އާދަ ދަމަހައްޓައެވެ. ދޮގުހެދުމާއި ވިޔަފާރީގެ އިތުރު ނަފާ ހޯދުމަށް ދޮގުހުވާ ކުރުމާއި، ނެތިނުބައި މޮށުމާއެކު ޣީބަބުނެ ތިމާގެ އަޚާގެ މުޅަމަސް ކައިހަދައެވެ.

ބަރަކާތްތެރި ރަމަޟާން މަހާ، އެމަހުގެ އަޅުކަންތަކަކީ ރަސްމީ ކަމެއްގެ ގޮތުގައި ދެކޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި ގިނަކަމަށް ފާހަގަވެއެވެ. ހިތާމަކުރަންޖެހޭ ކަމަކެވެ. ރަމަޟާން މަސް ކޮންމެ އަހަރެއްގައި މެ އައިސްފައި ދެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރެއްވިއެވެ. “އެމީހެއްގެ ޙަޔާތުގައި ރަމަޟާން މަސް އައިސް، އަދި އެމަހުގެ ރަޙުމަތާއި ފާފަ ފުއްސެވުން ތިމާގެ ނަފުސަށްޓަކައި އެދުމާއެކު، ތިމާގެ މައްޗަށް ނަރަކައިގެ އަލިފާން، ޙަރާމް ނުކުރި މީހާ ހަލާކު ވެއްޖެކަން ކަށަވަރެވެ.” ([1]) ރޯދައަކީ ހަމައެކަނި ކެއުމާއި ބުއިމާ ދުރުވުމަކަށް ކިޔާ ނަމެއްނޫނެވެ. ކިއެއްތަ، އެއީ ފުރާނަ، ހަށިގަނޑާއެކު ޢާލަމްތަކުގެވެރި، ދީލަތިވަންތަ، މާތްﷲއަށް އަޅުވެތިވުމާއި ކިޔަމަންތެރިކަން އަދާކުރުމުގެ ނަމަކެވެ. ރޯދައަށް ހުންނައިރު، ނެތިނުބައި ކިޔުމާއި ދޮގު ހެދުމާއި ރިޝްވަތު ދިނުމާއި ޣީބަ ބުނުމާއި، ފަސާދަކުރުން ހުއްޓާލުމަކީ ލާޒިމު ކަމަކެވެ. މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި އެކަލާނގެ ޙަލާލު ކުރެއްވި ތަކެތި ދޫކުރުން ލާޒިމުވީ ބީދައިންނެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ކޮންމެ ރެއެއްގެ ދަންބައިގައި ދުނިޔޭގެ އުޑުން މަލާއިކަތް ބޭކަލަކު ނިދާ އިއްވައެވެ. “އޭ ހެޔޮކަމުގެ އެދުންތެރިޔާ! ހެޔޮކަންތައް ކުރުމުގެ ވަގުތު އަތުވެއްޖެއެވެ. އެކަމަށް އަވަސް ވާށެވެ! އޭ ނުބަޔަށް އެދޭމީހާ! މިރަމަޟާން މަހުގައި ނުބައިކަންތަކުން މަނާވާ ހުށިކަމެވެ. ނުބައިކަމުން ދުރުވެގަތުމުގެ ވަގުތު ޖެހިއްޖެއެވެ!” ބަރަކާތުން ފުރިގެންވާ މިމަހުގައި މާތްﷲ އެކަލާނގެ އަޅުތަކުން، ފާފައިން ސަލާމަތްކޮށް، ދުރުކުރެއްވުމަށްޓަކައި ޙައްދު ފަހަނައަޅާފައިވާ ޝައިޠާނުން ކަސްދަޅު އަޅުއްވާ ބަންދުކުރައްވަ ތެވެ. ނަރަކައި ދޮރުތައް ބަންދު ކުރައްވަތެވެ. ސުވަރުގޭގެ ދޮރުތައް ހުޅުވާލަށްވަތެވެ. ރަމަޟާން މަސް ރަޙުމަތާއި ފާފަ ފުއްސެވުމާއި ނަރަކައިން މިންޖުވުން، ދިހައަކުން ދިހައަކަށް ތަޤުސީމު ކުރެވިފައި ވެއެވެ. ފަރުޟުތަކުގެ ދަރުމައާއި ޘަވާބު 10 ގުނައިން އިތުރުކޮށް 700 ގުނައަށް މަތިކުރެވިފައިވެއެވެ. ސުންނަތްތަކުގެ ޘަވާބާއި ދަރުމައިގެ އަޖުރު ފަރުޟުތަކުގެ ޘަވާބާއި ދަރުމައިގެ އަޖުރާއި އެއްވަރަށް ލިބެއެވެ. އަދި އެމަހުގެ ރޯދައިގެ ޘަވާބުގެ އިތުރު ކުރެވިފައިވަނީ މިންވަރެއް ނެތިއެވެ. ކިއެއްތަ، ޤުދުސީ ޙަދީޘެއްގައި ވަނީ الصَّوْمُ لِيْ وَ أَنَا أَجْزِي بِهِ ([2])”ރޯދަ ވަނީ ތިމަންއިލާހަށް ޓަކައެވެ. އޭގެ ޖަޒާ ދެއްވާނީ ވެސް ތިމަންއިލާހެވެ.” މިހެންނެވެ. އެކަމަކު، މިދަރަޖަތަކަކާއި ސިފަތައް ލިބުން އޮތީ ރޯދައިގެ މަގުސަދާ އެއްގޮތަށް ރޯދަ ހިފާ ރޯދަ ވެރިންނަށެވެ. އެއީ ތަޤުވާވެރިވުމާއި ﷲއަށް ބިރުވެތިވުމެވެ. ދިރިއުޅުމާއި މަރުވުމުގެ ޢަޒުމު އެކަލާނގެއަށްޓަކައި ވުމެވެ. ދިރިހުރުމަށް ކުރެވޭ ލޯތްބާއި މަރުވުމުގެ އެދުން ވެސް އެކަލާނގެއަށް ޓަކައިވުމެވެ. ބޮޑެތި އެންމެހާ ކަންތަކާއި ކުދި އެންމެހާ ކަންތައްތައް އެއިލާހުގެ ދަރުބާރަށް ހުށަހަޅާ، އެއިލާހަށް ދެއްކުމަށާއި، އެއިން އެހީ ލިބިގަތުމަށް ކުރެވިފައިވުމެވެ. ފާފައިގެ ތެރޭގައި އުޅޭއިރުވެސް ތިމާ އެއިން ރައްކާތެރިވެ އެހެންމީހުންވެސް ރައްކާތެރި ކުރުމަށް ފިކުރުކޮށް ވިސްނާ ޢަމަލުކޮށްފައި ވުމެވެ.

ނަމަވެސް ތިމާގެ އަމިއްލަ ނަފުސާއި އެހެންމީހުން، ރައްކާތެރިކުރުމާއި ހޭލެއްވުމުގެ ބަދަލުގައި އަޅުގަޑުމެން އަޅުގަޑުމެންގެ އަމިއްލަ ނަފުސު އެއްވެސް މަގުސަދެއް ނުވާ އަނދިރި ތެއްކަމެއް ނެތް ވަޅެއްގެ ތެރެއަށް ވައްޓާލާ ޙިއްސު ގެއްލުވައިފީއާމު، ނުވަތަ ތަޤުވާވެރިކަމުގެ ބަދަލުގައި “ރޯދައަކީ ހާރުކެއުމާއި އިފުޠާރުކުރުން” ކަމަށް ވިސްނައިފީއާމު، ރޯދައިގެ މަތިވެރިކަމާއި ރަމަޟާން މަހުގެ ފޮނި މޭވާއާއި ދަރުމައާއި ޘަވާބުގެ ޙައްޤު ވެރިން ކަމުގައި އަޅުގަޑުމެން ނުވާނެކަން ކަށަވަރެވެ.

ޘަވާބާއި ދަރުމައިން ފުރިގެންވާ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް މުސްލިމު ރޯދަވެރިޔާ، އޭނާގެ ވަގުތު ފާއިދާއެއް އޭގައި ނުވާ ތާކުންތާކު ނުޖެހޭ ޕޮރަގުރާމުތައް ބެލުމުގައި ހޭދަކުރުން. ނުވަތަ ޣީބަ ބުނުމާއި ނެތިނުބައި މޮށުމާއި ދޮގުހެދުމާއި ބޭކާރު އަނގަތެޅުމުގައި ދުވާލުގެ ހަތަރު ދަން ހޭދަކުރުން. ނުވަތަ ރޯދައަށް ހުރި ޙާލު، ފަރުޟު ފަސް ނަމާދު ކުރުމަށް ސަމާލުކަން ނުދިނުން، ނުވަތަ ރަމަޟާން މަހުގެ މުޅި ދުވާލު ނިދުމުގައި ހޭދަކޮށް ރޭގަނޑުގެ ހަތަރުދަން ބޭކާރު އަނގަތެޅުމުގައި ނަގާލުން، މިފަދަ ރޯދަވެރިންނަށް، ﷲގެ ޙަޟުރަތުން އުއްމީދުކުރެވޭނީ ކޮންކަހަލަ އަޖުރަކަށްތޯ؟

އަޅުގަނޑުމެންގެ ގިނަބަޔަކު، ބަރަކާތްތެރި ރަމަޟާން މަސް ހެޔޮކަމުގެ މޫސަމަކަށް ހެދުމުގެ ބަދަލުގައި ޢީދަށް ތައްޔާރުވުމުގައި ހޭދަކުރައެވެ. ވިޔަފާރިވެރިންނާއި ފިހާރަވެރިން، ވިޔަފާރީގެ މޫސުމެއްގެ ގޮތުގައި ހޭދަ ކުރައެވެ. ޚާއްސަކޮށް އެއްހާސް މަހަށްވުރެ ހެޔޮކަން ބޮޑު ލައިލަތުލް ޤަދުރި އޭގެ ތެރޭގައި ހިމެނޭ ނަރަކައިން ސަލާމަތްވުމުގެ ދިހަކަމަށްވާ ރޯދަ މަހުގެ ފަހު ދިހައިގެ މުޤައްދިސް ރޭތައް، ވަގުތީ ފައިދާތައް ހޯދުމުގައި ބާޒާރުތަކުގައި ނަގާލަމުން ދެއެވެ. މިއީ ޢާލަމްތަކުގެ ވެރިއިލާހުގެ ދަރުބާރުގައި އެކަލާނގެ ޙަޟުރަތުގައި ރޮވެ، ފާފަތައް ފުއްސަވުމަށް އެދި އިސްތިޣުފާރުކޮށް، ﷲގެ ރުއްސެވުމާއި އެކަލާނގެ ސުވަރުގެ ލިބިގަތުން އެދި ދުޢާ ކުރުން މަތީގައި ދެމިތިބެންވީ ދުވަސްތަކެވެ. ހެޔޮނަސީބުގެ އަހުލުވެރި ބާއްޖަވެރިންގެ ގޮތަކީ މިއީއެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

1