ޚަބަރު
ހެޔޮނިޔަތުގައި، ޘަވާބާއި ދަރުމަ އެދިގެން ކުރެވޭ ކޮންމެ ހެޔޮކަމަކީ އަޅުކަމެއް – ޚުތުބާ

މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފައިވަނީ “ ރަމަޟާންމަހުގެ ރޯދަ އަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ! އެމަހުގެ ރޯދަ ފަރުޟުވެގެންވަނީ ﷲ އަށް ތަޤުވާވެރި ވުމަށްޓަކައެވެ؟ ތަޤްވާގެ މާނައަކީ ކޮބައިތޯއެވެ؟ އެއީ ހަމަ އެކަނި ރޯދަ ހިފާލުމެއްނޫނެވެ! ނުވަތަ، ހަމަ އެކަނި ނަމާދުކޮށްލުމެއް ވެސް ނޫނެވެ! އޭގެ ތެރޭގައި ﷲ ލޯބިވެވޮޑިގަންނަވާ އެންމެހައި ކަންތައްތައް ހިމެނެއެވެ. ހެޔޮނިޔަތުގައި، ޘަވާބާއި ދަރުމަ އެދިގެން ކުރެވޭ ކޮންމެ ހެޔޮކަމަކީ އަޅުކަމެކެވެ. ތަޤްވާވެރިކަމެކެވެ. ނަމާދުކުރުމާއި، ޞަދަޤާތްކުރުމާއި، ތިމާގެކަމުގެގުޅުން ދެމެހެއްޓުމާއި، މައިންބަފައިންނަށް ކަމޭހިތުމާއި، އެއްބަޔަކު އަނެއްބަޔަކަށް ހިތް ހެޔޮކުރުމާއި، މަޢާފްކުރުމާއި، ހެޔޮބަސް ބުނުމާއި، އަނބިދަރީންނަށް އަޅައިލުމާއި، ވަފާތެރިވުމާއި، މިއިން ކޮންމެ ކަމަކީ ތަޤްވާވެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރަމަޟާންމަހުގައި ރޯދަ ފަރުޟު ކުރައްވާފައިވަނީ ތަޤްވާވެރިކަމުގެ މިފަދަ ރީތި ސިފަތަކުން ސިފަ ލިބިގަތުމަށެވެ! ތަޤްވާގެ ފޭރާމުން ޒީނަތްތެރިވުމަށެވެ! “

އިތުރަށް މި މަހުގެ މާތްކަން ބަޔާންކޮށް ޚުތުބާގައި ބަޔާންކޮށްފައިވަނީ “ ރޯދަމަހުގައި ލެއްވިގެންވާ އެންމެ ބޮޑު ނިޢުމަތަކީ ލައިލަތުލްޤަދުރި ވިލޭރޭ އެވެ. ލައިލަތުލްޤަދުރިވިލޭރޭ އަކީ އެއްހާސް މައްސަރަށް ވުރެ، ހެޔޮކަން ބޮޑު ރެއެކެވެ. އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައި ކަމަށް ރިވާވެގެންވެއެވެ. އެރޭގައި އަޅުކަމުގައި ޤާއިމުވެ ހުރެއްޖެ މީހާގެ ފާފަތައް ފުއްސަވާނޭކަމަށް ވާރިދުވެގެންވެއެވެ. އެރޭ އިރުއަރައްޖައުމަށް ދާންދެން ބާއްޖަވެރިކަން ހުއްޓެވެ.“

0