ނަޞޭޙަތާއި އިރުޝާދު
ދުޢާ އިޖާބަ ކުރައްވާ ވަގުތުކޮޅެއް ހުކުރު ދުވަހު ވެއެވެ.

ދުޢާ އިޖާބަ ކުރެއްވެވިގެންވާ ވަގުތުކޮޅެއް ހުކުރު ދުވަހު ވެއެވެ. ހުކުރު ދުވަހަކީ ވީހައި ގިނައިން ދުޢާކުރާ ދުވަހަކަށް ހަދާށެވެ. އެމީހަކަށް އެންމެ ބޭނުން ބޮޑުވެފައިވާ ކަންކަމަށް އެދި ދުޢާ ކުރަމުން ގެންދާށެވެ. އެ ވަގުތުކޮޅާއި ދިމާކުރެވިއްޖެ ނަމަ ވަގުތުން އިޖާބަ ކުރައްވަވާނެތެވެ. ދިމާނުކުރެވުނު ނަމަވެސް ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަހެވެ. ދުވަހުގެ ކޮންމެ ހިނދުކޮޅަކީ ވެސް މަތިވެގެންވާ ވަގުތުކޮޅެކެވެ. މި ދުވަހުގެ މަތިވެރިކަމާއި މާތްކަން ހާސިލް ކުރުމަށް ފުރުޞަތު ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ.

ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރައްވާ ވަޤުތާމެދު ދެ ރައުޔެއް އައިސްފައިވެއެވެ.

1- އެ ވަޤުތުކޮޅު ވަނީ އިމާމު މީހާ މިންބަރަށް އެރީއްސުރެ ނަމާދުކޮށް ނިމުމާ ދެމެދުއެވެ.

ދަލީލަކީ މި ޙަދީޘެވެ. އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަޤުތުކޮޅާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރެއްވީތީ އަހުރެން އަޑުއެހީމެވެ. (هِيَ مَا بَيْنَ أَنْ يَجْلِسَ الإِمَامُ إِلى أَنْ تُقْضَى الصَّلاَةُ) رواه مسلم 853 މާނައީ: “އެވަޤުތުކޮޅު ވަނީ އިމާމު މީހާ މިންބަރުމަތީގައި އިށިއިނުމާ، ނަމާދު ނިމުމާ ދެމެދުއެވެ.”

2-  އެ ވަޤުތުކޮޅުވަނީ ހުކުރު ދުވަހުގެ ޢަޞްރު ފަހުން އިރު އޮއްސުމާ ދެމެދުގައެވެ.

ދަލީލަކީ ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((يَوْمُ الجُمُعة ثِنْتَا عَشْرَةَ سَاعَةً ، لَا يُوجَدُ فِيهَا عَبْدٌ مُسْلِمٌ يَسْأَلُ اللهَ شَيْئاً إِلَّا آتَاهُ إِيَّاهُ ، فَالْتَمِسُوهَا آخِرَ سَاعَةٍ بَعْدَ العَصْرِ)) [رواه أبو داود (1048) والنسائي (1389) ، وصححه الألباني في ” صحيح أبي داود ” ، والنووي في “المجموع” (4 / 471)] މާނައީ: “ހުކުރު ދުވަހުގައި ބާރަ ސާޢަތްވެއެވެ. މުސްލިމު އަޅަކު އެވަގުތުގައި ﷲއަށް ދެންނެވިކަމެއް ނުދެއްވާ ދޫކޮށް ނުލައްވާނެތެވެ. ޢަޞްރުވަޤުތުގެ ފަހުން އެންމެ ފަހު ސާޢަތުގައި ތިޔަބައިމީހުން އެވަޤުތު ހޯދައިގަންނާށެވެ.”


މައުލޫމާތު ނެގީ: އައްޝައިޚް މުޙައްމަދު ޝާފިޢުގެ ޓެލެގްރާމް ޗެނަލް

58