ނަޞޭޙަތާއި އިރުޝާދު
ތަރާވީޙް ނަމާދާއި ގުޅުންހުރި ބައެއް ޙުކުމްތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ރަމަޟާން މަހަކީ މާތް މަތިވެރި މައްސަރެކެވެ. ޘަވާބާއި ދަރުމައަށް އެދޭ މީހާއަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އަބަދާއި އަބަދު ފާފަތަކަށް އަރައިގަނެވޭ ނިކަމެތި އިންސާނާއަށް ބައްދަލުވާ ފުއްސެވުމާއި ރުއްސެވުމުގެ މައްސަރެކެވެ. އަގުވެސް ނުކުރެވޭހާ ބޮޑު ނިޢުމަތެކެވެ. މާތް ﷲ ވަނީ އެހެން މައްސަރުތަކަށްވުރެ ހާއްސަކަންތައްތަކެއް މިމަހުގައި ލައްވާފައެވެ.

 

މިގޮތުން ތަރާވީޙް ނަމާދަކީ ހަމައެކަނި ރަމަޟާންމަހަށް ހާއްސަ  އަޅުކަމެކެވެ. ތަރާވީޙް ނަމާދުގެ ވަގުތަކީ ޢިޝާ ނަމާދުގެ ޖަމާޢަތް ނިމިގެންގޮސް ފަޖުރުލުމާއިދެމެދެވެ. މިނަމާދަކީ ރޭ އަޅުކަންގޮތުގައި ބެލެވޭ ނަމާދެކެވެ. އެހެންކަމުން މިނަމާދު ކުރާނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ރޭ އަޅުކަންވަނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ.”

ތަރާވީޙް ނަމާދުގެ މާތްކަން

ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ރަމަޟާން މަހުގައި އިޚްލާޞްތެރިކަމާއިއެކު ޘަވާބާއި ދަރުމައަށް އެދި ރޭ އަޅުކަންކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ.” (ބުޚާރީ)

އަދިވެސް އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. “ރޭ އަޅުކަމުގައި އިމާމް މީހާއާއިއެކު ނިމެންދެން (ނަމާދުގައި) މަޑުކޮށްފި މީހާ، މުޅި ރޭ އަޅުކަމުގައި ހުރި މީހެއް ފަދައިން މާތް ﷲ ލިއުއްވާނެއެވެ.”

ޝެއިޚް އިބްނު ޢުޘެއިމީން رحمه الله ވިދާޅުވިއެވެ. “ތިބާ ތަންމަތީގައި ނިދާފައިވާ ޙާލުގައި، މުޅި ރޭ އަޅުކަން ކުރުމުގެ ޘަވާބު ޙާޞިލުކުރާނީ ކިހިނަކުންތޯއެވެ؟ މިސްކިތަށް އައިސް، އިމާމް މީހާއާއިއެކު ތަރާވީޙް ނަމާދު ނިމެންދެން ހުރެއްޖެނަމަ، ތިބާ ތަންމަތީގައި ނިދާފައި ރޭގަންޑުގެ އެންމެ ފަހު ހިންދުކޮޅުގައި ހާރުކާން ތެދުވިކަމުގައިވީނަމަވެސް، މުޅި ރޭ އަޅުކަމުގައި ކޮޅަށް ހުރި މީހެއްކަމުގައި މާތް الله ތިބާއަށް ލިޔުއްވަވާނެއެވެ. މި މަތިވެރި ނިޢުމަތަށްޓަކައި އަހުރެމެން މާތް الله އަށް ޝުކުރު ކުރަމެވެ.”

ތަރާވީޙް ނަމާދުގައި ވަނީ ކިތައް ރަކުޢަތް؟

ރަސޫލު ﷲ صلى الله عليه وسلم ރަމަޟާން މަހުގައި އަދި އެހެނިހެން މައްސަރުތަކުގައިވެސް، ރޭ އަޅުކަމުގައި ކުރައްވަނީ 11 ރަކުޢަތެވެ. އަދި ބައެއްފަހަރު 13 ރަކުޢަތް ކުރައްވާކަމަށް އައިސްފައިވެއެވެ. (ބުޚާރީ)

ނޯޓް: 13 ރަކުޢަތް (ޢިޝާ ނަމާދުގެ ފަހު ސުންނަތުގެ 2 ރަކުޢަތް، ރޭ އަޅުކަމުގެ 8 ރަކުޢަތް އަދި ވިތުރީގެ 3 ރަކުޢަތް)

ތަރާވީޙް ނަމާދުކުރުމުގައި ވަކި އަދަދެއް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަނޑައަޅުއްވާފައިނުވެއެވެ. އެހެންކަމުން މިކަންވަނީ އިޚްތިޔާރަށް ދޫކޮށްލެވިފައެވެ. ޙަދީޘް ބަސްފުޅުގައިވެއެވެ. “ރޭ އަޅުކަންވަނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ. ދެންފަހެ ފަޖުރު ވަގުތު ވަދެދާނެ ކަމުގެ ބިރު ހީވެއްޖެ މީހާ ވިތުރީގެ އެއް ރަކުޢަތް ކުރާހުށިކަމެވެ.” (ބުޚާރީ އަދި މުސްލިމް)

ޢުމަރުގެ ފާނު رضي الله عنه ގެ ޚިލާފަތުގައި ތަރާވީޙް ނަމާދުގައި، ސަޙާބީން 23 ރަކުޢަތް ކުރެއްވިކަމަށް އައިސްފައިވެއެވެ. (ލަޖްނާގެ ފަތުވާ ތެރެއިން)

ތަރާވީޙް ނަމާދުގެ ރަކުޢަތްތަކުގެ އަދަދާއުމެދު ސުވާލު ދެންނެވުމުން، ޝެއިޚް އިބްނު ބާޒް رحمه الله ވިދާޅުވިއެވެ.

“ސުންނަތް ގޮތަކީ އިމާމް މީހާއާއިއެކު ނިމެންދެން ނަމާދުގައި މަޑުކުރުމެވެ. އިމާމް މީހާ 23 ރަކުޢަތްކުރި ނަމަވެސްމެއެވެ. ސަބަބަކީ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ރޭ އަޅުކަމުގައި އިމާމް މީހާއާއިއެކު ނިމެންދެން (ނަމާދުގައި) މަޑުކޮށްފި މީހާ، މުޅި ރޭ އަޅުކަމުގައި ހުރި މީހެއް ފަދައިން މާތް ﷲ ލިއުއްވާނެއެވެ.”

“އެންމެ ރަނގަޅުގޮތަކީ އިމާމު މީހާއާއިއެކު ނިމެންދެން ނަމާދުގައި މަޑުކުރުމެވެ. އެއީ 11 ރަކުޢަތް ނުވަތަ 13 ރަކުޢަތް އަދި 23 ރަކުޢަތް ކަމުގައިވިޔަސްއެވެ. އެހެނީ އެންމެ އެދެވިގެންވަނީ އިމާމު މީހާއަށް ތަބާވުމެވެ.” (މަޖްމޫޢު ފަތުވާ އިބްން ބާޒް 325/11)

އެއް އިމާމަށްވުރެ ގިނަ އިމާމުން ތަރާވީޙް ނަމާދުގައި އިމާމުވެ ނަމާދު ކުރާނަމަ:

ޝެއިޚް އިބްނު ޢުޘެއިމީން رحمه الله ވިދާޅުވިއެވެ. “ދެ އިމާމުން ތިބޭކަމުގައި ވާނަމަ އެއް އިމާމާއި އަނެއް އިމާމަކީ އެކަކުއަނެކަކުގެ ނާއިބުން ގޮތަށް ބަލާށެވެ. އެހެންކަމުން ދެ އިމާމުން ނަމާދުކުރިކަމުގައި ވިޔަސް ބެލެވޭނީ އެއީ އެއް އިމާމެއްކަމަށެވެ. ވީމާ ދެވަނަ އިމާމް ނަމާދުކޮށް ނިމެންދެން ނަމާދުގައި މަޑުކުރާށެވެ.”

ރޭ އަޅުކަމުގައިވަނީ ކިތައް ވިތުރި؟

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އެއް ރެއެއްގައި ދެ ވިތުރިއެއް ނުވެއެވެ.”

ޝެއިޚް އިބްނު ޢުޘެއިމީން رحمه الله ވިދާޅުވިއެވެ. “ދަމު ނަމާދު ކުރަން އެދޭ މީހާ ތަރާވީޙް ނަމާދުގައި އިމާމު މީހާ ވިތުރި ކޮށްނިމުމުން، (ސަލާމް ނުދީ) ތެދުވެ އިތުރު އެއް ރަކުޢަތް ކުރާނީއެވެ. އޭރުން ތިބާއަށް އެކުރެވެނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ. އަދި ދަމު ނަމާދުކުރުމަށްފަހު ވިތުރި ކުރާނީއެވެ.”

ޝެއިޚް ބިން ބާޒް رحمه الله ވިދާޅުވިއެވެ. “ރޭގަނޑުގެ އިރާކޮޅުގައި ވިތުރި ކުރުމަށްފަހު، ރޭގަނޑުގެ ފަހުބައިގައި ދަމު ނަމާދު (ވިތުރިއާއި ނުލައި) ކުރެވިދާނެއެވެ. އަދި ޢާއިޝަތުގެފާނު رضي الله عنها ކިބައިން ރިވާ ވެފައިވާ ގޮތުގައި ރަސޫލު ﷲ صلى الله عليه وسلم ވިތުރި ކުރައްވައި އިށީންދެ އިންނެވުމަށްފަހު، ތެދުވެ އަނެއްކާވެސް ދެރަކުޢަތް ކުރައްވައެވެ. މީގެން ދަލީލު ލިބެނީ ވިތުރިއަށް ފަހުވެސް ސުންނަތް ނަމާދު ކުރެވިދާނެކަމެވެ. (ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.)”

ވިތުރީގައި ޤުނޫތު ކިޔުން ވާޖިބު ހެއްޔެވެ؟

ޝެއިޚް ބިން ބާޒް رحمه الله ވިދާޅުވިއެވެ. “ވިތުރީގައި ޤުނޫތު ކިޔުމަކީ ސުންނަތެކެވެ. އެހެންކަމުން، ޤުނޫތު ނުކިޔައި ދޫކޮށްލިޔަސް މައްސަލައެއް ނެތެވެ. އަދި ކޮންމެ ރެއަކު ޤުނޫތު ކިޔަސް މައްސަލައެއް ނެތެވެ. ސަޙާބީންނާއިއެކު އިމާމްވެ ރޭ އަޅުކަން ކުރެއްވިއިރު އުބައްޔު ބިން ކަޢުބު رضي الله عنه ބައެއް ރޭ ތަކުގައި ޤުނޫތު ނުކިޔުއްވައެވެ.”

އަންހެނުން ތަރާވީޙް ނަމާދު ކުރުމުގައި އެންމެ ރަނގަޅީ ކޮންގޮތެއް؟

“އަންހެނާ މިސްކިތުގައި ކުރާ ނަމާދަށް ވުރެ، އޭނާ ގޭގައި ކުރާ ނަމާދު ހެޔޮކަންބޮޑެވެ. އެއީ ފަރުޟު ނަމާދުވިޔަސް، ސުންނަތް ނަމާދު ވިޔަސް (ތަރާވީޙް ނަމާދު ވިޔަސް) މެއެވެ.” (ލަޖްނާގެ ފަތުވާ ތެރެއިން)

ޝެއިޚް އިބްނު ޢުޘެއިމީން رحمه الله ވިދާޅުވިއެވެ. “އަންހެނާއަށް އެންމެ ރަނގަޅީ ގޭގައި ތަރާވީޙް ނަމާދުކުރުމެވެ. ނަމަވެސް މިސްކިތަށް ދިއުމަކީ އޭނާއަށް ނަމާދު ކުރުމަށް އިތުރު ހިތްވަރަކާއި ނަމާދުގައި ޝައުޤުވެރިކަން އިތުރުވާ ކަމެއް ނަމަ، އަދި ގޭގައި ނަމާދު ކުރަން މަޑުކޮށްފިނަމަ ތަރާވީޙް ނަމާދު ނުކުރެވިދާނެކަމުގެ ބިރުހީވާނަމަ އޭނާއަށް އެންމެ ރަނގަޅީ މިސްކިތަށް ދިއުމެވެ.”

މިސްކިތަށް ދިއުމުގައި، އިސްލާމީ ރިވެތި ފޭރާމުން ނިވާވާންޖެހޭނެއެވެ. އަދި ސެންޓުގެ ވަސް ފާޅުވާނެހެން ޖަހައިގެން ދިއުން ހުއްދަވެގެންނުވެއެވެ. ހަމަ އެހެންމެ ފިރިމީހާ ނުވަތަ ބަލަދުވެރިޔާގެ އިޒްނަ ހޯދަންވާނެއެވެ.

ޝެއިޚް އިބްނު ޢުޘެއިމީން رحمه الله ވިދާޅުވިއެވެ. “ގޭގައި ތަރާވީޙް ނަމާދު ކުރާއިރު އަންހެނުންގެ ޖަމާޢަތެއް ހަދައިގެން އަންހެނަކު އިމާމުވެ ނަމާދު ކުރުމުގައި މައްސަލައެއްނެތެވެ. އަދި ޤުރުއާނުން ބޮޑުބައެއް ހިތުދަސް ނޫންނަމަ މުސްޙަފް ބަލައިގެން ކިޔެވިދާނެއެވެ.”

އަންހެނުން ޖަމާޢަތުގައި ނަމާދުކުރާއިރު ހަދާނީ ސީދާ ސަފެކެވެ. އަދި އިމާމާ ހުންނާނީ އެސަފުގެ މެދުގައެވެ.

މާތް ﷲ، އަޅަމެން ހިފާ ރޯދައާއި ރޭ އަޅުކަމާއި އަދި އެހެނިހެން އަޅުކަންތައް ޤަބޫލުކުރައްވާށިއެވެ. އާމީން

35