އެމަހެއްގައި ޤުރުއާން ބާވައިލެއްވި މައްސަރު މިވަނީ އަޅުގަނޑުމެންނާއި ބައްދަލުވެފައެވެ. މި މަހަކީ ގިނަގިނައިން ޤުރުއާން ކިޔެވުމަށް އެންމެންވެސް އިސްކަންދޭ މަހެކެވެ. އަހަރުގެ އެހެން މަސްތަކާއި ޚިލާފަށް މިސްކިތްތަކުންވެސް ޤުރުއާން ކިޔަވަން ތިބޭ މީހުން ފެންނަވަރު ގިނަ މަހެކެވެ. ޤުރުއާން ކިޔެވުމަކީ ގިނަގުނަ އަޖުރު ލިބޭ ކަމެއްކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ހަމަ އެއާއިއެކު ޤުރުއާނަކީ އަޅުގަނޑުމެންގެ ޙަޔާތް އޭގެ މައްޗަށް ބައްޓަން ކުރަން ޖެހޭ ފޮތްވެސް މެއެވެ. މި ލިޔުމުގައި މި ހިމަނާލަނީ ޤުރުއާނާއި ތިބާއާއި ދޭތެރޭ ރަނގަޅު ގުޅުމެއް ބިނާ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ކޮންމެ ދުވަހަކު ކިޔެވުމަށް ޓާގެޓެއް ކަނޑައެޅުން
ކޮންމެ ދުވަހަކުވެސް ޤުރުއާނުން ކިޔަވާނެ އެންމެ މަދު މިންވަރެއް ކަނޑައަޅާށެވެ. މިސާލަކަށް ކޮންމެ ދުވަހަކު ފަތިސް ނަމާދުގެ ފަހުން 5 ޞަފްޙާ ކިޔެވުމަށް ޓާގެޓެއް ކަނޑައެޅިދާނެއެވެ. މީގެ އިތުރުންވެސް ވަޤުތު ވާވަރަކުން ކިޔަވާނީއެވެ. ރަމަޟާން މަހަށް ފަހުގައިވެސް މި އާދަ ކުރިއަށް ގެންދާށެވެ. އޭރުން މުޅި އަހަރުގައިވެސް ޤުރުއާން ކިޔެވުން މަތީ ދެމިހުރުމަށް މަގުފަހިވެގެން ދާނެއެވެ.
ޤުރުއާނުގެ މާނަ ދެނެގަތުމަށް މަސައްކަތް ކުރުން
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ޢަރަބި ބަސް ދަންނަ މީހުންނެއް ނޫނެވެ. މިކަމުގެ ސަބަބުން ޤުރުއާން ކިޔަވާއިރު އޭގެއިން އަޅުގަނޑުމެންނަށް ފަހުމް ވަނީ ވަރަށްވެސް މަދު މިންވަރެކެވެ. ޤުރުއާނުގެ ތަރުޖަމާއެއް ހޯދައިގެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް ކިޔާލާށެވެ. ތަރުޖަމާގައި ހުންނަ މަޢުލޫމާތަށްވުރެ އިތުރަށް ބޭނުންވާނަމަ ޤުރުއާން ތަފްސީރު ފޮތެއްގެ އެހީ ހޯދިދާނެއެވެ. އަވަދިނެތި އުޅެމުން ކޮންމެ ދުވަހަކު ފޮތުން ކިޔަން ވަޤުތު ނުވާނަމަ އޯޑިއޯއެއް އަޑުއެހިދާނެއެވެ.
ޤުރުއާން ހިތުދަސްކުރުން
ޤުރުއާނުން މިންވަރެއް ހިތުދަސްކުރަން ޢަޒުމު ކަނޑައަޅާށެވެ. ކާމިޔާބު ދެއްވުންއެދި ﷲ އަށް ދުޢާކުރާށެވެ. ޤުރުއާން ތަޖުވީދުން ކިޔަން ދަންނަ މުދައްރިސެއްގެ އެހީ ހޯދުމަކީ މިކަން އިތުރަށް ފަސޭހަވެގެންދާނެ ކަމެކެވެ. ކިތަންމެ ކުޑަ މިންވަރެއް ދަސްވިޔަސް ހިތްވަރު އެލުވާނުލާ ކުރިއަށް ދާށެވެ.