ނަޞޭޙަތާއި އިރުޝާދު
ރަމަޟާންމަހު ޝައިޠާނުން ކަސްތޮޅުއެޅުވުން

އަޅުގަނޑުމެން ކުރިއްސުރެ އަޑުއަހާ އުޅެނީ ރަމަޟާންމަހު ޝައިޠާނުންތައް ކަސްތޮޅު އެޅޭކަމެވެ. އަދި އެމަހުގައި ޝައިޠާނުން ނޫޅޭނެކަމެވެ. ނަމަވެސް އުފެދޭ ސުވާލަކީ ހުރިހާ ޝައިޠާނުން ކަސްތޮޅު އެޅިފައިވާނަމަ ރަމަޟާންމަހު ނުބައިކޮށް އުޅޭ ބަޔަކު ފެންނަނީ ކީއްވެ ހެއްޔެވެ؟

“ރަމަޟާންމަހުގައިވެސް ޝައިޠާނާ އިންސާނާއަށް ވަސްވާސްދީފާނެއެވެ. އަދި ސިޙުރުވެރިންވެސް އެމީހުންގެ މަސައްކަތްތައް ރަމަޟާންމަހުކޮށްފާނެއެވެ. ނަމަވެސް ޝައްކެތްނެތް ގޮތުގައި އެހެން މަސްތަކާ ޚިލާފަށް ރަމަޟާންމަހުގައި އެކަންތައްތައް މަދުވާނެއެވެ. ނަބިއްޔާ صلى الله عليه وسلم އަރިހުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

(( إِذَادَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ ، وَغُلِّقَتْ أَبْوَابُ جَهَنَّمَ ، وَسُلْسِلَتْ الشَّيَاطِين )) . [رواه البخاري (3277) ومسلم (1079)] . މާނައީ: “ރަމަޟާންމަސް ފެށުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުންތައް ސިލްސިލާއިން ބަނދެވެއެވެ.” އަދި އިމާމް ނަސާއީ ރިވާކުރެއްވި ރިވާޔަތުގައިވެއެވެ. (( وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ )) .[النسائي (2106) ] މާނައީ: “އަދި މާރިދު ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ.”

المردةއަކީ ماردގެ ގިނަ ގޮތެވެ. އެއީ ނުބައިކަމަށް ހުސްވެގެން ތިބޭ އެއްޗިއްސެވެ. މީގެ މާނައަކީ ޝައިޠާނުންގެ އަޘަރު އެކުއެކީ ކެނޑިގެންދާނެ ކަމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އޭގެން ދަލީލުލިބެނީ އެސޮރުމެން ރަމަޟާންމަހު ބަލިކަށިވެ އެނޫން މަސްތަކުގައި ލިބިގެންވާފަދަ ކުޅަދާނަކަމެއް ލިބިގެން ނުވާކަމެވެ. އަދި އެސޮރުމެން އެންމެން ކަސްތޮޅު ނޭޅި ހަމައެކަނި މާރިދުންގެ ކަސްތޮޅު އެޅުވޭކަމުގެ އިޙްތިމާލު އެބައޮތެވެ.

 

މަސްދަރު:ދިސަލަފިއްޔާ

0