މިއަދު ހުކުރު ޚުތުބާގައި ރަމަޟާންމަހުގެ ކުރަން ފަސް ކަމެއް ތަފްސީލްކޮށް ދެއްވައިފިއެވެ.
އެގޮތުން ޚުތުބާގައި ބަޔާންކޮށްފައިވަނީ” ބަރަކާތްތެރި ރަމަޟާންމަހަކީ އިލާހީ ރަޙުމަތް އިންތިހާއަށް ތަނަވަސްވެގެންވާ މާތް މައްސަރެކެވެ. މިފަދަ ހެޔޮކަމުގެ މޫސުމެއް ﷲ ސުބުހާނޫ ވަތަޢާލާ މިންވަރުކުރެއްވުމުން އެމަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހެޔޮ ޢަމަލުކުރުމުގައި އެކަކު އަނެކަކާވާދަކޮށް ކުރިއަރައިދާން މަސައްކަތް ކުރަންޖެހެއެވެ. މިމާތް މައްސަރުގެ ރަޙުމަތާއި، މަޣްފިރަތާއި ނަރަކައިން ދިންނެވުން ލިބިގަތުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަންނަމާ ހިނގާށެވެ!”
ދެވަނަ ކަންތައް ބަޔާންކޮށް ވިދާޅުވެފައިވަނީ ” ދެވަނަ ކަމަކަށް ކުރަންޖެހޭ ކަމަކީ މިމައްސަރުގައި މިއުއްމަތުގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ރޯދަހިފުމެވެ. ރޯދަ ފަރުޟުކުރެއްވުމުގެ އެންމެބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ކިބައިގައި ތަޤުވާގެ މާތް ސިފަ އަށަގެންނެވުމެވެ.”
އިތުރަަށް ޚުތުބާގައި ބަޔާްންކޮށްފައިވަނީ “ތިންވަނައަށް ކުރަންޖެހޭ ކަމަކީ ކީރިތި ޤުރުއާން ކިޔެވުމުގައި ވީހާވެސް ގިނަވަގުތު ހޭދަކުރެވޭތޯ ބެލުމެވެ. މިމައްސަރު މާތްކުރެވުނު އެއްސަބަބު ކަމުގައިވަނީ ކީރިތި ޤުރުއާން މިމައްސަރުގައި ބާވައިލެއްވުމެވެ.”
އިތުރަަށް ޚުތުބާގައި ބަޔާންކޮށްފައިވަނީ “ ހަތަރުވަނައަށް ކުރަންޖެހޭ ކަމަކީ ތަރާވީޙު ނަމާދު ޖަމާޢަތުގައި އަދާކުރުމަށް މަސައްކަތްކުރުމެވެ. ރޯދަމަހުގެ ރޭތައް އަޅުކަމުގައި ހޭދަކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ދެރަކުޢަތުން ދެރަކުޢަތުން ރޭ އަޅުކަންކުރުމަށް ސުންނަތުން ސާބިތުވެފައިވެއެވެ. އެގޮތުން ޖަމާޢަތުގައި ކުރެވޭ ރޭއަޅުކަމުގެ ތެރޭގައި ތަރާވީޙު ނަމާދު ހިމެނެއެވެ. އަދި އިމާމާ ނިމެންދެން އެ އަޅުކަމުގައި މަޑުކޮށްފިނަމަ މުޅިރޭ އަޅުކަންކުރުމުގެ ސަވާބާއި ދަރުމަ ލިބެއެވެ.”
އިތުރަަށް ޚުތުބާގައި ބަޔާންކޮށްފައިވަނީ” ފަސްވަނައަށް ކުރަންޖެހޭކަމަކީ ދުޢާކުރުމެވެ. ދުޢާއަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އަސްލު އަޅުކަމަކީ ދުޢާކުރުމެވެ. “ދުޢާކުރުމަކީ އަސްލު އަޅުކަމެވެ.”ސޫރަތުގެ 60 ވަނަ އާޔަތް ކިޔަވައި ވިދާޅުވިއެވެ. އާޔަތުގެ މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.”