މިސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫއު
ޤިޔާމަތްދުވަހު ކާފިރުންވާހުށީ ބޮޑުވެގެންވާ ގެއްލުމެއްގައިކަން
މިސޫރަތުގެ މުހިންމު ނުކުތާތައް
• މި ސޫރަތުގެ ނުވަ ވަނަ އާޔަތުގައި ބަޔާންކުރެވިފައިވަނީ އީމާންވެ ހެޔޮ ޢަމަލުކުޅަ މީހުންނަށް ބޮޑުވެގެންވާ ކާމިޔާބެއް ލިބޭނެ ކަމުގައެވެ. އަދި 10 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވަނީ ކާފަރުންނަށްހުރީ ނުބައިވެގެންވާ ނިމިދިޔުމެއްކަމެވެ.
• ﷲ އަށް ކިޔަމަންތެރިވުމުގައި ފަރުވާތެރިވާ ފަރާތްތަކަށް ކާމިޔާބުލިބޭނެކަން މި ސޫރަތުގެ 12 ވަނަ އާޔަތުން އެނގެއެވެ. އަދި ﷲ އަށް ކިޔަމަންތެރިވުމުގައި ފަރުވާކުޑަކުރާމީހުންނަށް އެކަމުގެ ގެއްލުން (ދުނިޔެއާއި އާޚިރަތުގައި) ފޯރާނެއެވެ.
• ﷲ ގެ މަގުގައި ޞަދަޤާތްކުރާމީހުންނަށް ކާމިޔާބު ލިބޭނެކަމުގައި މި ސޫރަތުގެ 17 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ.
މިސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތައް
އީމާން ކަމުގެ 5 ރުކުން މި ސޫރަތުގައި ބަޔާން ވެގެން ވެއެވެ.
އީމާން ކަމުގެ ރުކުން ރުކުނާއި ގުޅޭ އާޔަތް ނަމްބަރު
މާﷲ އަށް އީމާންވުން 1 – 4
ރަސޫލު ބޭކަލުންނަށް އީމާންވުން 5 – 6
އާޙިރަތް ދުވަހަށް އީމާންވުން 9,7
ފޮތްތަކަށް އީމާންވުން 8
މިންވަރަށް އީމާންވުން 11
• މި ސޫރަތުގައި މާތްﷲގެ 12 އިސްމުފުޅެއް އައިސްފައިވެއެވެ.
• އަނބީންނާއި ދަރީންނަކީ އިމްތިޚާނެއްކަމުގައި މި ސޫރަތުގެ 14 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. އަދި އަނބީންނާއި ދަރީންގެ ސަބަބުން ތިމާއަށް ﷲ އަށް އުރެދެވޭނަމަ، (މި ޙާލަތުގައި) އަނބީންނާއި ދަރީންނަކީ ތިބާގެ ޢަދުއްވުންކަމުގައި އަންގަވާފައިވެއެވެ. އަނބީންނާއި ދަރީންގެ ސަބަބުން ތިބާ ﷲ އަށް ކިޔަމަންތެރިވުމުގައި ކަންނެތްވެ، ފަރުވާކުޑަކުރެވޭނަމަ، (މި ޙާލަތުގައިވެސް) އަނބީންނާއި ދަރީންނަކީ ތިބާގެ ޢަދުއްވުންކަމުގައި އަންގަވާފައިވެއެވެ. އެކަލާނގެ މަޚްލޫޤެއްދެކެ ލޯބިވާނަމަ، އެ ލޯބި ތިބާގެ ހިތުގައި ﷲތަޢާލާއަށް އޮންނަ ލޯބީގެ މައްޗަށް ގަދަވެގަނެދީގެންނުވާނެއެވެ. ކިޔަމަންތެރިވުމުގައިވެސް އެންމެ އިސްކުރަންޖެހޭ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ.
• މި ސޫރަތުގެ 11 ވަނަ އާޔަތުގައި އައިސްފައިވެއެވެ.
ما أصاب من مصيبة إلا بإذن الله
ޢަލްޤަމާ ވިދާޅުވިއެވެ. އެއީ މުޞީބާތެއް ދިމާވާ ހިނދު، އެ މުޞީބާތް އެ ޖެހުނީ ﷲ ތަޢާލާގެ އިޒުނަފުޅާއިއެކުކަން ޤަބޫލުކޮށް އެ މިންވަރުފުޅާ ނުރުހުންނުވެ، ހެޔޮގޮތުގައި އެކަން ބަލައިގަންނަ މީހާއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވިއެވެ.
”މުއުމިނާގެ ކަންތަކާއިމެދު އަޖާއިބު ހުއްޓެވެ. އޭނާގެ ހުރިހާ ކަމަކީވެސް ހެޔޮ ކަމެވެ. މުއުމިނެއްގެ ކިބައިގައި މެނުވީ އެކަން އެގޮތަށް ނުވެއެވެ. އޭނާއަށް އުފާވެރިކަމެއް ލިބިއްޖެއްޔާ ޝުކުރުކުރެއެވެ. އެކަން އޭނާއަށް ހެޔޮކަމެއް ކަމުގައި ވެދެއެވެ. އަދި އޭނާއަށް މުޞީބާތެއް ކުރިމަތިވެއްޖެއްޔާ ކެތްތެރިވެއެވެ. ފަހެ އެ ކަންވެސް އޭނާއަށް ހެޔޮކަމެއްކަމުގައި ވެއެވެ.“
ސަޢްދު ބިން ޖުބައިރު ވިދާޅުވިއެވެ. އެއީ މުޞީބާތެއް ޖެހޭ ހިނދު إنا لله و إنا إليه راجعون އޭ ބުނާ މީހާއެވެ.