ނަޞޭޙަތާއި އިރުޝާދު
މިފަހަރު ”ރެޑީވަމާ“!

”ޕާސްޓް އިޒް ޕާސްޓް، ލެޓް އިޓް ގޯ“ މީ އަޅުގަނޑުމެންނަށް ބީރައްޓެހި ޖުމްލައެއް ނޫނެވެ. ”މާޒީ އަކީ މާޒީއެވެ، އެދޫކޮށްލާށެވެ.“ ހަމަ މިބީދާއިން ”ލަރން ފްރޮމް ޔުއަރ ޕާސްޓް“ މިއީވެސް އަޅުގަނޑުމެންނަށް އާންމުކޮށް އިވޭ އަޑެކެވެ. ”ތިބާގެ މާޒީއިން ޢިބުރަތް ޙާޞިލުކުރާށެވެ.“

މިދިޔަ ރޯދަމަސް ދިޔައީއެވެ. ކުރަން ހިތުއެޅި ބައިވަރު ކަންތައްތައް ނުކުރެވި ދިޔައީއެވެ. ފަހުދިހައިގައި ކުރަން ބޭނުންވި ވަރަށް އަޅުކަންތައް ނުކުރެވުނީއެވެ. އެކަމާ ހިތާމަ ކުރެވެނީއެވެ. އެހެނެއްކަމަކު، އެ ރޯދަމަސް އެނބުރި ދެނެއް ނާންނާނެއެވެ. އެކަމާ ހާސްނުވާށެވެ! ”ޕާސްޓް އިޒް ޕާސްޓް، ލެޓް އިޓް ގޯ“ ގެ ދަށުން އެކަމާ ނުވިސްނަމާ ހިނގާށެވެ. އަދި ”ލަރން ފްރޮމް ޔުއަރ ޕާސްޓް“ ގެ އެހީއާއެކު މި ފަހަރުގެ ރޯދަމަހަށް ވަރުގަދަ ތައްޔާރީއެއްވަމާ ހިނގާށެވެ. މި ފަހަރުގެ ރޯދަމަސް ތަފާތުކޮށްލަން ހިނގާށެވެ. މިފަހަރު ”ރެޑީވަމާ“ ހިނގާށެވެ.

  1. އެންމެ ފުރަތަމަ ކަމަކަށް، ތިބާގެ ނަފްސު ހިސާބުކޮށްލާށެވެ. ގޯސްކޮށް ކުރެވެނީ ކޮންކޮން ކަންތައްތަކެއްތޯ ބަލާށެވެ. އަދި ރަނގަޅަށް ކުރެވޭ ކަންތައްތައް ވެސް ފާހަގަކޮށް އެކަންކަމުގައި ޘާބިތުވާށެވެ. އެއަށްފަހު، ކުރެވޭ ގޯސްތައް ދޫކޮށްލާ ތައުބާވާށެވެ. އެންމެ ތައުބާއަކުން ފުއްދާނުލާށެވެ. އާއެކެވެ! ކޮންމެ ދުވަހަކު ތައުބާވާށެވެ. އިސްލާމިކް މިނިސްޓްރީއިން ރޯދަމަހުގެ ހަނދު އިއުލާންކުރާ ރޭގައި ތައުބާވާން މަޑުނުކުރާށެވެ. އަޅުގަނޑުމެންގެ ރަސޫލާﷺ ކޮންމެދުވަހަކު 70 ފަހަރަށްވުރެ ގިނަފަހަރު ތައުބާވެވަޑައިގަންނަވާ ވާހަކައަކީ ތެދު ވާހަކައެކެވެ.
  2. މަޑުމަޑުން ހެޔޮ ކަންތައްތައް ގިނަ ކުރާށެވެ. ނަމާދަށް ފަރުވާކުޑަކުރެވޭނަމަ، ހުރިހާ ނަމާދުތަށް ކުރެވޭތޯ ބަލާށެވެ. އެކަން ހާސިލުވުމުން ،ދެން ނަމާދުތައް ޖަމާޢަތުގައި ކުރެވޭތޯބަލާށެވެ. ހުރިހާ ނަމާދެއް ޖަމާޢަތުގައި އަދާކުރެވޭނަމަ، ރަވާތިބު ސުންނަތްތައް ދޫނުކޮށްވޭތޯ ބަލާށެވެ. އިތުރު ހަރުފަތަކަށް ދާން ބޭނުންނަމަ، ދަމު ނަމާދު ކުރަން ފަށާށެއެވެ. މިގޮތަށް މަޑުމަޑުން ކުރިޔަށް ދާށެވެ.
  3. ކޮންމެ ދުވަހަކުވެސް ޤުރުއާނުން މިންވަރެއް ކިޔުމަކީ ލާޒިމް ކަމެއްކަމުގައި ހަދާށެވެ. އެންމެ ޞަފްޙާއެއް ވެސް އެންމެރަނގަޅެވެ. އެއަށްވުރެ އިތުރު ކުރުމަކީ ހަމަ ހެޔޮ ކަމެކެވެ. އެމީހަކަށް ފަސޭހަގަޑިއަކުއެވެ. ދުވަސް ފެށުމުން ”ބިޒީ“ ވެދާނެތީވެ، ފަތިސްނަމާދުފަހުން ޤުރްއާން ކިޔެވުމަކީ ބައެއްމީހުން ކުރާކަމެކެވެ. ޤުރުއާނުން އެމީހެއްގެ ދުވަސް ފަށާ މީހަކަށް ހުރި ހެޔޮކަމެއްގެ ބޮޑުކަމާއެވެ!
  4. ޙާޞިލުކުރާނެ ލަނޑުދަނޑިތަކެއް ކަނޑައަޅާ އަދި އެކަންތައްތައް ހާސިލުކުރެވޭނެ ގޮތްތަކެއް ކަނޑައަޅާށެވެ. މިދިޔަ ރޯދަމުހަގައި ރާޒުވާ އަދި ތާސް ކުޅުމުގައި ވަގުތުތަށް ދުއްވާލެވުނަސް، މިފަހަރު އެހެންވިޔަ ނުދެމާ ހިނގާށެވެ. މިފަހަރު ހުރިހާ ތަރާވީޙެއް ކުރަން ހިނގާށެވެ. އަދި ލައިލަތުލްޤަދްރި ހޯދަން ގަދައަޅާ މަސައްކަތް ކުރަމާ ހިނގާށެވެ. މިއެވެ.

މި ލިޔުން ”ޝެޔަރ“ ކޮށްލާށެވެ. ތިބާގެ ސަބަބުން މީހަކު މިކަންތައްތައް ކޮށްފިނަމަ، ތިބާއަށް އެމިލްކުކުރެވުނީ އެވަޅެއްގެ ފުންމިން ނޭނގޭ ޘާވަބުގެ ރަންވަޅެކެވެ. ان شاء الله

ރޯދަމަސް އަންނަން ކައިރިވެފައި ވަނިކޮށް، އެ މާތް މަހާ ބައްދަލުނުވެ މިދުނިޔެއާ ވަކިވެގެންދަނީ އަޅުގަނޑުމެން ދަންނަ ކިތައް މީހުންތޯއެވެ؟ ޔާﷲ! އަޅަމެން ރޯދަމަހާ ބައްދަލުކުރައްވާނދެވެ! އަދި އެމަހުގައި ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤުދެއްވާނދެއެވެ!

0