ކީރިތި ޤުރްއާނުގެ ބަގީޗާ – ސޫރަތުލް ތަލާޤް
މިސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫއު
މާތް ﷲ އަށް ތަޤްވާވެރިވުމަކީ އެންމެހާ ނުބައި ކަމަކުން އާއިލާތަކާއި، މުޖުތަމަޢުތަކާއި، އަދި އުއްމަތް ރައްކާތެރިކޮށްދީ ފާގަތިކަމާއި އުފާވެރިކަން ގެނެސްދޭކަމެކެވެ.
މިސޫރަތުގެ މުހިންމު ނުކުތާތައް
ވަރި ޢިއްދަ އަދި އަނބިންނަށް ހޭދަކުރުމާއި ބެހޭ ޙުކުމްތައް މިސޫރަތުގެ 1 ވަނަ އާޔަތުން 6 ވަނަ އާޔަތާއި ހަމައަށް އައިސްފައިވެއެވެ.
މިސޫރަތުގެ 2 ވަނަ އާޔަތުންފެށިގެން 5 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި ތަޤްވާވެރިކަމުގެ ފައިދާތައް ހިމެނެއެވެ. އެގޮތުން ފަރުދީ އަދި ޢިޖްތިމާއީ ދުޅަހެޔޮކަމާއި ތަޤްވާވެރިކަމާއި ހުރި ގުޅުމުގެ މައްޗަށްވެސް މިއާޔަތް ތަކުގައި ބަލައިލެވިފައިވެއެވެ.
ފާފައިގެ އަސަރުތައް 8 ވަނަ އާޔަތާއި 9 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
އީމާންކަމާއި ހެޔޮ ކަމުގެ ޖަޒާގެ ވާހަކަ 11 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
މިސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތައް
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ ۚ وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾ އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيض ން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަކީ، އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ. އަދި މާބަނޑު އަންހެނުންގެ عدّة އަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ. އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.
މި އާޔަތުން އެނގޭގޮތުގައި ހައިޟު ނުވާ ކުޑަ އަންހެން ކުއްޖާއާއި ވެސް ކައިވެނި ޢަޤްދު ކުރެވިދާނެއެވެ. އެކަމަކު އެއަންހެން ކުއްޖާއާއި ޖިމާޢު ވެވޭނީ އެކުއްޖާ ބާލިޣުވުމަށް ފަހުގައެވެ. ބާލިޣުވުމުގެ ކުރިން ޖިމާޢުވެ ވަރިކޮށްފިނަމަ أرش البكارة ދައްކަން ޖެހޭނެއެވެ.
މި ސޫރަތުގައި ތަޤްވާގެ ވާހަކަ ތަކުރާރުކޮށް އައިސްފައިވެއެވެ. ބައެއްފަހަރު އައިސްފައިވަނީ ތަޤްވާވެރިވުމަށް ބާރުއަޅާ އުސްލޫބެއްގައެވެ. އަނެއްބައިފަހަރު އައިސްފައިވަނީ ތަޤްވާވެރިނުވެއްޖެނަމަ، ދުނިޔެ އާއި އާޚިރަތުގައި އެކަމުގެ އުޤޫބާތް މާތް ﷲ ދެއްވަވާނެކަން ބަޔާންކޮށްދޭ އުސްލޫބެއްގައެވެ.
ﷲ ތަޢާލާގެ އޯގާވަންތަކަން ބަޔާންކޮށްދޭ އެއްކަމަކީ ވަރި ކުރުމުގެ ކުރިންނާއި ފަހުން ކަޑައްތުކުރަންޖެހޭ މަރުޙަލާތަކެއް ލައްވާފައިވުމެވެ.
ވަރިކުރުމުގެ ކުރިން ކަޑައްތުކުރަންޖެހޭ މަރުޙަލާތައް
އޯގާތެރިކަމާއިއެކު ނަސޭޙަތްދިނުން
ނަސޭޙަތްދީގެން ރަނގަޅުނުވެއްޖެނަމަ ހަޖުރުކުރުން
ވަރިކުރުމުގެ ފަހުން ކަޑައްތުކުރަންޖެހޭ މަރުޙަލާތައް
އަނބިމީހާ ޢިއްދައިގައި އިންނަންޖެހުން
ފިރިމިހާ އަނބިމީހާއަށް ހޭދަކުރަންޖެހުން
މި ހުރިހާ ކަމަކުންވެސް އަންގައިދެނީ އާއިލާ ނުރޫޅި ބަދަހިކަމާއިއެކު އޮތުމަށް އިސްލާމްދީން ބާރުއަޅާ މިންވަރެވެ.
ވަރިކުރެވޭ އަންހެނާ ނުވަތަ ފިރިމަރުވެފައިވާ އަންހެނުން ޢިއްދައިގައި އިންނަންޖެހުމުގެ އެއް ޙިކުމަތަކީ ނަސަބު އޮޅުންބޮޅުންވުމުން ސަލާމަތްކުރުމެވެ.
މި ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
ياأيها النبي إذا طلقتم النساء فطلقوهن لعدتهن
އޭ ނަބިއްޔާއެވެ! ތިޔަބައިމީހުންގެ އަނބީން ވަރިކުރާނަމަ، ފަހެ އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ!
އަނބިމީހާއާއި ޖިމާޢުވެފައިނުވާ ޠުހުރެއްގައި އެއްފަހަރުން އަނބިމީހާ ވަރިކުރުމަކީ ވަރިކުރުން ސުންނަތްގޮތްކަމަށް(އެބަހީ ސުންނީ ވަރިކަމަށް) ޞަޙާބީން އިޖުމާޢުވެފައިވެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މުޚާތަބުކުރެވިފައިވާ އާޔަތްތައް ތިން ބަޔަކަށް ބެހެއެވެ. އެއީ:
އާޔަތް ޢިބާރާތްކުރެވިފައިވާ ގޮތުން އާޔަތުން މުޚާތަބުކުރެވެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައިވީ ނަމަވެސް، އާޔަތުގެ އަސްލު މުރާދަކީ މުޅި އުއްމަތަށް މުޚާތަބުކުރުން ކަމުގައިވުން
މިސާލަކަށް އިސްރާ ސޫރަތުގެ 23 ވަނަ އާޔަތުގެ އަސްލު މުރާދަކީ މައިންބަފައިންނަށް ކިޔަމަންވުމަށް މުޅި އުއްމަތަށް ބާރުއެޅުމެވެ. ނަމަވެސް މި އާޔަތުގައި މުޚާތަބުކުރެވިފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެވެ. މި އާޔަތް ބާއްވާލެއްވުނުއިރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަންމާފުޅާއި ބައްޕާފުޅު އަވަހާރަވެފައިވުމުން މިއިން ދޭހަކޮށްދެނީ އާޔަތް މުޚާތަބުކުރެވިފައިވަނީ މުޅި އުއްމަތަށްކަމެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އާޔަތުގެ މުޚާތަބުއައިސްފައިވުމާއެކު، އާޔަތުގެ އަޙްކާމުތައްވެސް ހަމައެކަނި އެކަލޭގެފާނަށް ޚާއްސަކުރެވިފައިވުން
މިސާލަކަށް ކައިވެނީގެ އަޙްކާމްތަކުގައި ނަބިއްޔާ صلى الله عليه وسلم އަށް ޚާއްސަވެގެންވާ ބައެއް ކަންކަމުގެ ވާހަކަ އަޙްޒާބު ސޫރަތުގެ 50ވަނަ އާޔަތުން ފެށިގެން 52ވަނަ އާޔަތާއި ހަމައަށް އައިސްފައިވެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އާޔަތުގެ މުޚާތަބު އައިސްފައިވުމާއެކު، އާޔަތުގެ އަޙްކާމުތަކުގައި އެކަލޭގެފާނާއި އުއްމަތުގެ އެންމެހާ މުސްލިމުން ޝާމިލުވެފައިވުން
މިސާލަކަށް ތަޙްރީމް ސޫރަތުގެ ފުރަތަމަ އާޔަތް
ހަތް އުޑު އުފެއްދެވިފައިވާކަން މި ސޫރަތުގައި ބަޔާންވެފައިވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((مَا السَّمَاوَاتُ السَّبْعُ فِي الْكُرْسِيِّ إِلَّا كَحَلْقَةٍ مُلْقَاةٍ بِأَرْضِ فَلَاةٍ، وَفَضْلُ الْعَرْشِ عَلَى الْكُرْسِيِّ كَفَضْلِ تِلْكَ الْفَلَاةِ عَلَى تِلْكَ الْحَلْقَةِ)) (البيهقي في الأسماء والصفات، ومحمد بن أبي شيبة في كتاب العرش) މާނައީ: “ކުރިސިއާ އަޅާބަލާއިރު ހަތްއުޑުގެ މިސާލަކީ ސަހަރާ ހުސް ބިމަކަށް އެއްލިފައިވާ ދަގަނޑު ބޮޅެއް (އަނގޮޓިއެއް) ގެ މިސާލެވެ. އަދި ކުރުސީގެ މައްޗަށް ޢަރުޝު މަތިވެރިވެގެންވަނީ އެހުސްބިމަށް އެބޮޅު އެއްލިފައިވާ މިސާލެވެ.”