އިސްލާމްދީނަކީ އަޅުގަނޑުމެންގެ ޢިއްޒަތާއި ކަރާމާތުގެ ތަނބުކަމަށާއި އަދި ކާމިޔާބުގެ ތަޅުދަނޑިއެވެ.
އިސްލާމްދީނަކީ އަޅުގަނޑުމެންގެ ޢިއްޒަތާއި ކަރާމާތުގެ ތަނބެވެ. ކާމިޔާބުގެ ތަޅުދަނޑިއެވެ. އަޅުގަނޑުމެންގެ ކަންތައްތައް އިޞްލާޙުވެގެން ދިޔުމުގެ އަސާސެވެ.އަޅުގަނޑުމެންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ އަޞްލެވެ. ހަމަކަށަވަރުން މިދީން ވަނީ އަޅުގަނޑުމެންގެ ޙަޔާތުގެ މަގުޗާޓު ވަރަށް ފުރިހަމައަށް ކުރަހައިދީފައެވެ. އެއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ޙާލަތު އިޞްލާޙުވެ، އަޅުގަނޑުމެންގެ މުޖުތަމަޢު ރައްކާތެރިވެ، އަޅުގަނޑުމެންގެ ސަފުތައް ބަދަހިވެ، އަޅުގަނޑުމެންގެ މެދުގައި އަޚްވަންތަކަން އާލާވެ، ޢަދާވާތްތެރިންގެ މައްޗަށް އަޅުގަނޑުމެންނަށް ނަޞްރު ލިބިގެން ދާނެފަދަ މަގުޗާޓެކެވެ
މި މަގުޗާޓުގެ އެންމެ ހަރުދަނާ ބިންގާ ވަނީ ކުރު ސޫރަތެއްގައި ބަޔާން ކުރައްވާފައެވެ. އެއީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުތަކެވެ. މާނައީ: “ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައި ކަން ކަށަވަރެވެ. އީމާންވެ ޞާލިޙު ޢަމަލުތައް ކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ
އަލް އަސްރު ސޫރަތުގެ ތަފްސީރުގައި ހާމަކޮށްފައިވަނީ މި ސޫރަތް ފެއްޓެވުމުގައި ﷲ ތަޢާލާ ޒަމާން ގަންދެއްވައި ވަޙީ ބަސްފުޅެއް ބާވާލެއްވުމުން، ވަގުތަށް ﷲ ގެ ޙަޟްރަތުގައި ދެއްވާފައިވާ އަހައްމިއްޔަތު ބަޔާންވެގެން ދެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި، ތިމާގެ ދުވަހުގެ ތާވަލު އެކުލަވާލައި، ނަމާދާއި ﷲ އަށް ކިޔަމަންތެރިވުމަށް އިސްކަންދޭ ޙާލުގައި ތިމާގެ އެހެން ކަންތައް ތަރުތީބުކުރުމެވެ. ބޭކާރުގޮތުގައި ވަގުތު ނަގާ ނުލުމެވެ.
މި އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ އިރުޝާދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް އިރުޝާދަކީ، ހުރިހާ މުސްލިމުން ވެސް އެއްބަޔަކު އަނެއްބަޔަކަށް ހެވާއި، ހިދާޔަތުގެ މަގަށް އުޅުމަށް ވަޞިއްޔަތް ކުރަން ޖެހޭނެކަމެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް، ދީނީ އަދި ދުންޔަވީ ކަންތަކުގެ ތެރޭގައި ހެޔޮކަންތަކާއި ﷲގެ އަޅުތަކުންނޭވެ! މިސޫރަތުގައި ބަޔާން ކުރައްވާފައިވާ، އެއްބަޔަކު އަނެއްބަޔަކަށް ޙައްޤަށް ވަޞިއްޔަތް ކުރުމުގެ މަންހަޖުގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، އުއްމަތުގެ ޒުވާނުން، އުއްމަތާ ގުޅުންހުރި ކަންތައްތަކުގައި އަމިއްލަ އަމިއްލައަށް އިޖުތިހާދު ކުރުމުން ދުރުހެލިވެގަތުމެވެ. ސަބަބަކީ އޭގެ ސަބަބުން، އުއްމަތުގެ ޢަދުއްވުންނަށް އެބައިމީހުންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެހީތެރިވެ ދެވޭތީއެވެ.
ލޮބުވެތި ޒުވާނުންނޭވެ! ތިޔަޒުވާނުންގެ ނިޔަތް ކިތަންމެ އިޚްލާޞްތެރިކަމުގައި ވިޔަސް، ތިޔަ ޒުވާނުންގެ ޢަމަލު ބަހައްޓަން ޖެހޭނީ، ޤުރްއާނާއި ސުއްނަތުގެ މަތިވެރި މަންހަޖުގެ މަތީގައެވެ.