ނަޞޭޙަތާއި އިރުޝާދު
ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން ލިބިގަތުމަށްޓަކައި އެދުވަހުގެ ވަޤުތުތައް އަޅުކަމަށް ޚާއްޞަ ކުރައްވާ!

ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި އެދުވަހުގެ ވަޤުތުތައް އަޅުކަމަށް ޚާއްޞަ ކުރެއްވުމަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. އެގޮތުން އެދުވަހުގައި އެކަލޭގެފާނުގެ ބައެއް ޢަމަލުފުޅުތަކަށް ބަލާލައިފި ކަމުގައިވާނަމަ އަޅުގަނޑުމެންނަށް މިކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެއެވެ.

ހުކުރު ދުވަހުގެ ފަތިސްނަމާދުގައި އެކަލޭގެފާނު سورة السجدة އަދި سورة الإنسان ކިޔަވާވިދާޅުވައެވެ. އަދި ހަމައެހެންމެ ހުކުރު ނަމާދަށް ޚާއްޞަކޮށް ހިނައިގަތުމާއި، މީރުވަސްދުވާ ހުނވަދު ތުރުކުރައްވަވައެވެ. އެދުވަހުގެ ޖަމާޢަތަށް ޙާޟިރުވާހިނދު އެންމެ ރީތި ހެދުން ތުރުކުރައްވައެވެ. އަދި އެދުވަހުގެ ޖަމާޢަތަށް މިސްކިތަށް އަވަހަށް ދިއުމަށް ބާރުއަޅުއްވާފައި ވެއެވެ. ހަމައެހެންމެ އިމާމު މީހާ މިންބަރަށް އަރައިފުމަށްދާންދެން ސުންނަތް ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމުގައި މުޝްޣޫލުވުމަށް ބާރު އަޅުއްވާފައިވެއެވެ.

ހަމައެފަދައިން ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމަކީ މަތިވެރި ސުންނަތެކެވެ. އެދުވަހުގައި އެކުލެވިގެންވާ ساعة الإجابة (ދުޢާ އިޖާބަ ކުރެވޭ ވަޤުތު) ހާޞިލުކުރުމަށް އެކަލޭގެފާނު އުންމަތައް އިރުޝާދު ދެއްވާފައިވެއެވެ. ހުކުރު ދުވަހު މާތް ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުމަކީވެސް މަތިވެރިވެގެންވާ ސުންނަތެކެވެ. މަތީގައި ބަޔާންވެފައި އެވަނީ ހުކުރު ދުވަހު މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދްޔުގެ ތެރޭ ހިމެނިގެންވާ ބައެއް ކަންކަމެވެ.

އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވަނީ މިކަންތައްތަކުގައި ހިފައި މި ބަރަކާތްތެރި ދުވަހުގެ މަތިވެރިކަން ފުރިހަމަ ގޮތުގައި ލިބިގަނެވޭތޯ މަސައްކަތް ކުރުމެވެ.

0