ދިވެހިންނަކީ ޒަމާނުއްސުރެ ރަމަޟާން މަހަށް އެކި ގޮތްގޮތުން ތައްޔާރުވާ ބައެކެވެ. ގޯތިތެރެއަށް ކަށިވެލި ލުމުން ފެށިގެން ގޭތެރެ ސާފު ކުރުމާއި، ކުލަލުމާއި، ފަރުނީޗަރާއި ބަދިގޭގެ ސާމާނު އައު ކުރުމަކީވެސް ގިނަ ބަޔަކު ކުރާ ކަމެކެވެ. އަދި ހަމަ އެހެންމެ ޢާއިލާއާއި ރަޙުމަތްތެރިންނާއި އެކު މާހެފުމުގެ އެކި މެނޫ ތަކަށް އިންސާފު ކުރުމަކީވެސް ގިނަ ބަޔަކު ފޯރީގައި ކުރާ ކަމެކެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ހޭބޯނާރާ އުޅެނިކޮށް އޮންނަނީ މަސް ފެށިފައެވެ. ގިނަ ފަހަރަށް ރަމަޟާން މަސް ނިމިގެން ދަނީ މި ބަރަކާތްތެރި މަހުގެ ޙަޤީޤީ ބޭނުން އެންމެ ރަނގަޅަށް ނުހިފިއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ގޮތެކެވެ. މި އަހަރުވެސް އަހަރުގައި އަންނަ މަސްތަކުގެ ތެރެއިން އެންމެ މާތް އެއް މަސް ކަމުގައިވާ ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލު ކުރަން މިވަނީ ކުޑަ ދުވަސްކޮޅަކަށް ވެފައެވެ.
އަޅުގަނޑުގެ ނަޒަރުގައި ރަމަޟާންމަހަށް ތައްޔާރުވާއިރު އެ މައްސަރުގެ ޙަޤީޤީ މަޤުޞަދު ޙާޞިލް ކުރެވޭނެ ގޮތަކަށް ދުރާލާ ތައްޔާރީތައް ވުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. މި ގޮތުން މި ލިޔުމުގައި މި ހިމަނާލަނީ ރަމަޟާން މަހަށް ރަނގަޅަށް ތައްޔާރު ވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.
- ތައުބާ އާއި ދުޢާ
ފާއިތުވެދިޔަ ރަމަޟާން މަސްތަކާއި ދޭތެރޭ ވިސްނާލާށެވެ. ތިބާއަށް އެ މަސްތައް ހޭދަކުރެވުނީ އެންމެ ރަނގަޅަށް ހެއްޔެވެ؟ ކުރިއަށް އޮތް ރަމަޟާން މަސް ތިބާ ހޭދަކުރަން ބޭނުންވަނީ ކޮން ގޮތަކަށް ހެއްޔެވެ؟ ކޮންމެ މީހަކީވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ މީހެކެވެ. އެހެން ކަމުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވިފައިވާ ނުރަނގަޅު ކަންތަކަށް ތައުބާ ވާށެވެ.އަދި އެކަންތައްތައް ތަކުރާރު ނުކުރުމަށް ޢަޒުމް ކަނޑައަޅާށެވެ. އަދި މި ވަގުތުން ފެށިގެން ފައިދާކުރަނިވި ކަންކަމަށް އިސްކަންދޭށެވެ. މިއާއި އެކު އެކީ ރަމަޟާންމަހުގައި ރޯދަ ހިފުމާއި އަޅުކަން ކުރުމުގެ ތައުފީޤު ދެއްވާތޯ ދުޢާ ކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.
- ކުރީ ރޯދަމަހު ގެއްލުނު ރޯދަތައް ހިފުމާއި ސުންނަތް ރޯދަ ހިފުން
ރަމަޟާން މަސް ފެށުމުގެ ކުރިން ފާއިތުވި ރަމަޟާން މަހު ގެއްލިފައިވާ ރޯދަ ތައް ހިފުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ވީމާ ވީހާވެސް އަވަހަށް އެ ރޯދަތައް ހިފާ ނިންމުމަށް އިސްކަން ދޭށެވެ. މިއާއިއެކު ގިނައިން ސުންނަތް ރޯދަ ހިފުމަކީވެސް ކުރެވިދާނެ ކަމެކެވެ. ޝަޢުބާން މަހަކީ އެމަހެއްގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ނުހަނު ގިނައިން ރޯދަ ހިއްޕެވި މަހެކެވެ. މިގޮތަށް ރޯދަ ހިފުމުގެ ސަބަބުން ރަމަޟާން މަސް އަންނައިރު ހަށިގަނޑު ހުންނާނީ ރޯދަ ހިފުމަށް ހޭނިފައެވެ.
- ނަފްސު މުޙާސަބާ ކުރުމާއި ޙާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުން
ރަމަޟާން މަހާއި ކުރިމަތި ލާއިރު އަމިއްލަ ނަފްސު މުޙާސަބާ ކުރުން ނުވަތަ ނަފްސު ހިސާބު ކުރުމަކީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. ތިބާގެ ޢަމަލުތަކާއި ދޭތެރޭ ވިސްނުމަށް ވަގުތު ކޮޅެއް ހުސްކޮށްލާށެވެ. ޚާއްސަކޮށް ފާއިތުވި ރަމަޟާން މަސް ހޭދަކުރެވުނު ގޮތާއި މެދު ފިކުރު ހިންގާލާށެވެ. އަޅުކަންތަކަށް އެތައް ގުނައެއް އިތުރުން ޘަވާބު ލިބޭ މި މައްސަރުގެ ދުވަސްތަކާއި ރޭތައް ހޭދަކުރެވުނީ ކިހިނެއްތޯ އަމިއްލަ ނަފުސާއި ސުވާލު ކުރާށެވެ. ހަމަ ޔަޤީނުންވެސް ރަނގަޅުކޮށްލަން ޖެހޭ ކަންތައްތައް ހުންނާނެއެވެ. އެ ކަންތައްތަކަށް ބަލާ މި ރަމަޟާން މަހު ޙާޞިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައަޅާށެވެ. މީގެތެރޭގައި ސުންނަތް ނަމާދު ތައް ގިނަ ކުރުން، ޤުރުއާން ކިޔެވުން ގިނަ ކުރުން، ގިނައިން ޞަދަޤާތް ކުރުން ފަދަ ކަންތައްތައް ހިމެނިދާނެއެވެ. ނަމަވެސް މި ކަންތައްތައް ފެށުމަށް ރަމަޟާން މަސް ފެށެންދެން މަޑުނުކުރާށެވެ. މިހާރުއްސުރެ ކަނޑައެޅި ކަންތައްތައް ކުރަން ފެށިއްޖެނަމަ ރަމަޟާން މަހު އެކަންތައްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެހީއަކަށް ވެގެން ދާނެއެވެ.
- ގާތް ތިމާގެ ކަމުގެ ގުޅުން ގުޅުވުން
އެއްވެސް ސަބަބަކާއި ހުރެ އެއްވެސް ފަރާތަކާއި ގާތްތިމާގެ ކަމުގެ ގުޅުން ކެނޑިފައިވާނަމަ ރަމަޟާން މަސް އައުމުގެ ކުރިން އެގުޅުން ގުޅުވުމަކީ ނުހަނު މުހިއްމު ކަމެކެވެ. މަޢާފަށް އެދުމާއި މަޢާފު ކުރުމަކީ އެކަމުގެ ސަބަބުން ހިތަށް ތަސައްލީ ލިބިގެން ދާނެ ކަމެކެވެ. ރަމަޟާން މަހު ސާފު ހިތަކައިގެން އެންމެނާވެސް ކުރިމަތި ލެވޭނީ އޭރުންނެވެ. މި ރަމަޟާން މަހަކީ ޢާއިލީ ގުޅުންތައް އިތުރަށް ބަދަހި ކޮށްލެވޭނެ މަހަކަށް އޭރުން ވާނެއެވެ.
- ކުރަން ބޭނުންވެފައި ހުރި ކަންކަމުގެ ލިސްޓެއް ހަދައި ރަމަޟާން މަސް ފެށުމުގެ ކުރިން އެކަންކަން ކޮށްލުން
ރަމަޟާން މަސް ފެށެން ދެތިން ދުވަހަށް ވީމާ ގޭތެރެއާއި ގޯތިތެރެ ސާފު ކުރަން އުޅުމަކީ ވަރަށް ގިނަ މީހުންގެ ފަރާތުން ފެންނަ ކަމެކެވެ. އަދި ހަމަ އެހެންމެ ރަމަޟާން މަސް ފެށިގެން ދާއިރުވެސް ބާޒާރު ކުރުމުގައި ގިނަ ބަޔަކު އުޅޭތަން ވެސް ފެނެއެވެ. މީގެ ބަދަލުގައި މިގޮތަށް ކުރަން ޖެހިފައި ހުރި ކަންކަމާއި ގަންނަން ޖެހިފައި ހުރި އެއްޗެހީގެ ލިސްޓެއް އެކުލަވާލައި ދުރާލާ މަސައްކަތް ފެށުމުން މާބޮޑު އުނދަގުލަކާއި ނުލާ ރަމަޟާން މަސް އަންނަން ވާއިރަށް ނިންމާލެވޭނެއެވެ. މިގޮތަށް ޢަމަލު ކުރުމުން ރަމަޟާން މަސް އަންނަން ވާއިރު ގޭގެ މާޙައުލު ރަނގަޅަށް ތަރުތީބު ކޮށްލެވިފައި ހުރުމުން ރަމަޟާން މަސް ފެށުމާއި އެކު އަޅުކަންތަކުގައި ގިނަ ވަޤުތު ހޭދަ ކުރެވޭނެއެވެ.