ޚަބަރު
ރަޙްމަތުގެ ވާރޭ ވެއްސަވައިދެއްވާތޯ އާދޭސް ދަންނަވާ! – ޚުތުބާ

ރަޙްމަތުގެ ވާރޭ ވެއްސަވައިދެއްވާތޯ އާދޭސް ދަންނެވުމަށް މިއަދު އިސްތިސްޤާ ނަމާދު ޚުތުބާގައި ގޮވާލައްވައިފިއެވެ.

ޚުތުބާގައި ގޮވާލެއްވީ “ މި ބަރަކާތްތެރި އިސްތިސްޤާ ނަމާދަކީ މާތް ﷲ ގެ ޙަޟްރަތަށް ކުއްތަންވުމަށް މާތް ނަބިއްޔާގެ ސުންނަތުގައި ކަނޑައެޅިފައިވާ އިސްތިސްޤާ ނަމާދެވެ! މި ނަމާދާއެކުގައި ވަނީ ހިތާއިދުލުން މާތް ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ ދުއާކޮށް އިސްތިޣްފާރު ކުރުމެވެ. މި ޙާލަތުން މިއަށް ވުރެ ހެޔޮ ޙާލަތަކަށް ބަދަލުކޮށްދެއްވުން އެދި ދުޢާކުރުމެވެ. މާތް ﷲ އީ އަޅުތަކުންގެ ބޭނުންތައް ފުއްދަވައިދެއްވާ ރަސްކަލާނގެއެވެ. ފާފަފުއްސަވައިދެއްވުން އެދި ދުޢާކުރާށެވެ. މިޙާލަތާމެދު ވިސްނާ ފިކުރުކޮށް މާތް ﷲ އަށް ބިރުވެތިވެ ދުޢާކުރާށެވެ. ރަޙްމަތުގެ ވާރޭ ވެއްސަވައިދެއްވާތޯ އާދޭސް ދަންނަވާށެވެ! އެކަލާނގެ ދެއްވާ ރިޒްޤު ގައި ބަރަކާތް ލައްވާތޯ ދުޢާކުރާށެވެ! އިޚްލާޞްތެރިކަމާއެކު އެކަލާނގެ ޙަޟްރަތުގައި ދަންނަވާ ކޮންމެ އަޅަކަށް ނުދެއްވައި ދޫކޮށެއް ނުލައްވައެވެ.“

އިތުރަށް ޚުތުބާގައި ގޮވާލެއްވީ “ މިއަދު މިވަނީ ފެނަށް ދަތިވެ ނުތަނަވަސްކަން ރަށުތެރެއަށް ފެތުރިފައެވެ. އެހެންކަމުން މިކަމުން މިންޖު ކުރައްވާތޯ މާތް ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާށެވެ! ފާފައެއް ކުރެވިފައިވާނަމަ އެފާފައަކުން ތައުބާވެ ދެވަނަ ފަހަރަށް އެފަދަ ފާފައަކަށް އަރައި ނުގަތުމަށް ޢަޒުމް ކަނޑައަޅާށެވެ! އަދި މާތް ﷲ އަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮގޮތުގައި ތައުބާވެ އިސްތިޣްފާރު ކުރާށެވެ! މާތް ﷲ ގެ ހައިބަވަންތަކަން ހިތަށް ގެނެސް ތިމާގެ ނިކަމެތިކަން ވިސްނާށެވެ! އެކަލާނގެ ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވެ އެކަލާނގެ ޙައްޤުގައި ތިމާއަށް ކުރެވިފައިވާ އުނިކަންތައްތައް ހިތްމައްޗަށް ގެނެސް ފާފަ ފުއްސަވައިދެއްވުން އެދޭށެވެ! އެކަލާނގެއި ޙާލުގައި ޖެހިފައިވާ މިސްތަކުންގެ ހާލަތު ބައްލަވައި ވޮޑިގެންވާ ރަސްކަލާނގެއެވެ! އެކަލާނގެ ރަޙްމަތަށް އެދޭށެވެ! އެކަލާނގެއީ ގޮތް ހުސްވެފައިވާ މީސްތަކުންނަށް ރަޙްމަތުގެ ނަޒަރުން ބައްލަވައިވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެ ޙަޟްރަތުގައި ނިކަމެތިކަމާ އެކު އާދޭސް ދަންނަވައި ދުޢާކުރާށެވެ! އެކަލާނގެއީ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ.“

އަދިވެސް އިތުރަށް ޚުތުބާގައި ގޮވާލެއްވީ “ އިސްތިޣްފާރުކުރުމަކީ އެކަމުގެ ފައިދާ ވަރަށް ބޮޑުކަމެކެވެ. އެކަމުގެ ސަބަބުން ނިޢުމަތްތައް އިތުރުވާ ކަމެކެވެ. ބަރަކާތްތައް ގިނަވާކަމެކެވެ. މާތްﷲ ގެ ދީލަތިވެވޮޑިގެންނެވުން އެބަޔަކަށް ކެނޑިނޭޅި ލިބިލިބި ހުންނާނޭ ކަމެކެވެ. ގުނާ ޢަދަދު ނުކުރެވޭ ވަރަށެވެ! މާތް ﷲ އަށް ތަޤްވާވެރިވެ ދުޢާކުރާށެވެ! ދުޢާގައި ފާފަފުއްސަވައިދެއްވުން އެދި ގިނަގިނައިން ދަންނަވާށެވެ!.“

0