ނަޞޭޙަތާއި އިރުޝާދު
ތިބާގެ މައިންބަފައިންގެ އުންމީދު

ތިބާގެ މައިންބަފައިން އެދެނީ ތިބާއަކީ މާތް އުޅުމެއްގެ ވެރިއަކަށް ވުމަށެވެ. އަދި ހެޔޮކަމުގެ މަގުގައި ރިވެތި އަޚުލާޤާއެކު ކުރިއަށް ދިޔުމަށެވެ. އަދި ނުބައި ޢަމަލުތަކުންނާ އަދި ނިކަމެތިވާފަދަ އެންމެހާ ކަމަކުން ދުރުހެލިވުމަށެވެ. އަދި މަގުފުރެދުމުގެ ޝިކާރާގައި ނުޖެހުމަށެވެ. ނުވަތަ ޝަހުވަތްތަކާއި ލައްޛަތްތަކުގެ އަޅަކަށް ނުވުމަށެވެ. ނުވަތަ ޖާހިލުކަމާއި ހަވާނަފްސުގެ ސަވާރީއަކަށް ނުވުމަށެވެ.

އެހެންކަމުން ތިބާ ކުރާ އުންމީދުތަކާއި މައިންބަފައިން ކުރާ އުންމީދުތައް ޝަހުވަތުގެ ކުޑަ ހިނދުކޮޅެއްގައި ނުވަތަ ޣާފިލުކަމުގެ ވަޤުތެއްގައި ގެއްލުވާ ނުލާށެވެ.

އެކުގައިވާ ރައްޓެހީން ހެޔޮގޮތުގައި ޚިޔާރުކުރާށެވެ. ފަހެ ހިތުހުރިގޮތަކަށް އުޅުމަށް ނަފްސު ދޫކޮށްލެވިއްޖެނަމަ ތިބާގެ ނަފްސު ފުރެދި އަދި އެހެންމީހުންވެސް ފުރައްދަފާނެއެވެ. އަދި އެ ރަނގަޅުކޮށްފިނަމަ ޘާބިތުކަމުގެ ފޭރާމުން އެ ފޭރާންލާނެއެވެ. އަދި ރިވެތި ސިފަތަކާއި ޚުލުޤުވެސް ލިބިގަންނާނެއެވެ.

ލައްޛަތުތަކުގައި ހިފެހެއްޓުމެއްނެތި އިހުމާލުވެ އަދި ޝުބުހަތަކަށް ލެނބިއްޖެ މީހަކު ދަންނައެވެ. އޭނާ ޣާފިލުކަމުގެ ތެރެއަށް ވަދެއްޖެއެވެ. އަދި މުރޫއަތްތެރިކަން ފޫއަޅުވާލައި އޭނާގެ ނަފްސު ގެއްލެނިކުރުވައިފިއެވެ. އަދި މީސްތަކުން އޭނާއަށް ކުރާ ޤަދަރުގެއްލިއްޖެއެވެ. އަދި އޭނާއާ މެދު އޭނާގެ މައިންބަފައިންނާއި ގާތްމީހުންކުރަމުން އައި އުންމީދު ފުނޑުފުނޑުވެއްޖެއެވެ.

1