ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
އެއްވެސް ޢަމަލަކީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ.

ތިބާ ކުރާ އެއްވެސް ހެޔޮ ޢަމަލަކީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ. އެކަމަކީ ތިބާއަށް ކިތަންމެ ކުޑަކަމެއްކަމުގައި ހީވިޔަސް، އެއީ ތިބާ ސުވަރުގެއަށް ވަނުމުގެ ސަބަބުކަމުގައިވުން އެކަށީގެންވެއެވެ.

ހަމައެއާއެކު ތިބާކުރާ އެއްވެސް ފާފައަކީވެސް ކުޑަކަމެއްކަމުގައި ހީނުކުރާށެވެ. އެއީ ތިބާ ނަރައަކަށް ވަންނަންޖެހޭ ސަބަބުކަމުގައިވުން އެކަށީގެންވެއެވެ. ހެޔޮކަމުގެ ހުރިހާ ދޮރެއްގައި ޓަކިޖަހާށެވެ. ސުވަރުގޭގައި ތިބާއަށް ފައިދާކުރާނީ ކޮންކަމަކުންކަމެއް ނޭނގޭނެއެވެ. ފަހެ ހަމަކަށަވަރުން މަގުމަތީގައި މީސްތަކުންނަށް އުނދަގޫވާނޭހެން އޮތް ގޮފިގަނޑެއް އެއްފަރާތްކޮށްގެންވެސް މީހަކު ސުވަރުގެއަށް ވެއްދެވުނެވެ.

ތިބާ ބުނާ އެންމެ ކަލިމައަކުން ނުވަތަ ދޭ އެންމެ ހެޔޮ ނަސޭޙަތަކުންވެސް މީހަކަށް ބާއްޖަވެރިކަން ލިބިދާނެކަން ކަށަވަރެވެ. އަދި އެކަމަށްޓަކައި އަބަދުމެ ތިބާވެސް ބާއްޖަވެރިވެދާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ)) [متفق عليه]

މާނައީ: “ކަދުރުފަޅިއެއް ހޭދަކޮށްގެންވެސް ތިޔަބައިމީހުން ނަރަކައިން ރައްކާތެރިވާށެވެ.”

ފަހެ އިސްލާމްދީނުގައި ކޮންމެ ހެޔޮޢަމަލަކަށްވެސް މަތިވެރިކަން ދެއްވިގެންވެއެވެ. އެހެންކަމުން އެކި ބާވަތްތަކުގެ ހެޔޮ ޢަމަލުތައް ވީހާވެސް ގިނައިން ކުރެވޭތޯ ބަލާށެވެ. އޭގެ ތެރެއިން ބައެއް ކަންކަން ކިތަންމެ މަދުން ކުރެވުނަސް މައްސަލައެއް ނެތެވެ. ޙަދީޘްގައިވެއެވެ.

((أَحَبَّ الْأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ)) [متفق عليه]

މާނައީ: “ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލުތަކަކީ ކިތަންމެ މަދުންވިޔަސް ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލުތަކެވެ.”

ފާފައިގެ އެންމެހާ މަގުތަކުން ދުރުހެލިވެ ރައްކާތެރިވާށެވެ. ފަހެ ތިބާ ނަރަކައަށް އެއްލާލެވޭނީ ކޮން ފާފައެއްގެ ސަބަބުންކަމެއް ތިބާއަކަށް ނޭނގޭނެއެވެ. ބުޅަލެއްގެ ސަބަބުންވެސް އަންހެނަކު ނަރަކައަށް ވަންނަންޖެހުނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((دَخَلَتِ امْرَأَةٌ النَّارَ فِى هِرَّةٍ رَبَطَتْهَا ، فَلَمْ تُطْعِمْهَا ، وَلَمْ تَدَعْهَا تَأْكُلُ مِنْ خشَاشِ الأَرْضِ)) [متفق عليه]

މާނައީ: “ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކައަށް ވަންނަންޖެހުނެވެ. އޭނާ އެބުޅާ ބަނދެފައި ކާންނުދީ ބޭއްވިއެވެ. އަދި އޭތި އަމިއްލަޔަށް ބިންމަތިން ކާއެއްޗެހި ހޯދައިގެން ކާންވެސް ދޫކޮށްނުލިއެވެ.”

އެހެންކަމުން މުރޫއަތްތެރިކަމާއި ދީލަތިކަމާއި ރިވެތި އަޚުލާޤާއި ހިނިތުންވުމާއި މީސްތަކުންނަށް ޚިދުމަތްކުރުމާއި ވާހަކަދެއްކުމުގައި ތެދުވެރިވުމާއި ވަޢުދަށް ވަފާތެރިވުމާއި ފައިސާގެ މުޢާމަލާތްތައް ރަނގަޅުގޮތުގައި ކުރުމާ އަދި މިނޫނަސް ހެޔޮކަމުގެ އެންމެހާ މަގުތަކުން ހިނގާށެވެ. އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.

“އަބަދުމެ އަޅުކަމުގައި އުޅޭމީހަކު ކުރާނެ ވަކި ޚާއްޞަ އަޅުކަމެއް ނުވެއެވެ. އޭނާގެ ބޭނުމަކަށްވާނީ ވީކޮންމެ ގޮތަކުންވެސް ﷲ ގެ ރުއްސެވުން ހޯދުމެވެ. އޭނާގެ އަޅުކަން ބިނާވެފައި އޮންނާނީ އެކަމުގެ މައްޗަށެވެ. އެހެންކަމުން އަޅުކަމުގެ އެކި ހަރުފަތްތަކުން އޭނާ ބަދަލުވަމުން ދާނެއެވެ. އޭގެ ކޮންމެ ހަރުފަތެއްގައިވެސް އޭނާ ދަތުރުކުރަމުންދާނެއެވެ. އަދި އެހެން ހަރުފަތެއް ފަހިވެއްޖައުމަށް ދާންދެން އޭނާ އެކަމުގައި ދެމިހުންނާނެއެވެ. އޭނާގެ ދަތުރު ނިމެންދެން އޭނާގެ ކަންކަން ހުންނާނީ އެފަދަ ގޮތަކަށެވެ. ފަހެ ތިބާއަށް ޢިލްމުވެރިން ފެނިއްޖެނަމަ އެތަނުން އޭނާ ފެންނާނެއެވެ. އަދި ތިބާއަށް މުޖާހިދުން ފެނިއްޖެނަމަ އެތަނުންވެސް އޭނާ ފެންނާނެއެވެ. އަދި ﷲ ހަނދުމަކުރާ މީހުން ފެނިއްޖެނަމަ އެތަނުގައިވެސް އޭނާ ހުންނާނެއެވެ. އަދި މީސްތަކުންނަށް އިޙްސާންތެރިވެ ޞަދަޤާތްކުރާ މީހުން ފެންނަ ހިނދު އެތަނުންވެސް އޭނާ ފެންނާނެއެވެ.” [مدارج السالكين (١ / ٨٩)]

______________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މަސްދަރު:ދިސަލަފިއްޔާ

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top