ނަޞޭޙަތާއި އިރުޝާދު
ހިތް ހެޔޮކުރުމުގެ މާތްކަން

* އަޅުގަނޑުގެ ނަފްސަށާއި ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރަނީ ﷲ عزَّ وجل އަށް ތަޤުވާވެރިވުމަށެވެ. ފަހެ، އެއީ ކުރީގެ މީހުންނާއި ފަހުގެ މީހުންނަށްވެސް ﷲ ތަޢާލާ ކުރައްވާފައިވާ ވަޞިއްޔަތެވެ.

﴿وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ﴾ [النساء: 131]

މާނައީ: “އަދިހަމަކަށަވަރުން ﷲއަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންއިލާހު ވަޞިއްޔަތް ކުރައްވާ އެންގެވީމެވެ.”

* ފަހެ، އެމީހެއްގެ ހިތުގައި ތައުޙީދާއެކު (އެބަހީ: ﷲގެ އެއްކައުވަންތަކަމާއެކު)، އަޅުތަކުންނަށް ހިތް ހެޔޮކޮށްފިމީހާ އެމީހެއްގެ ހިތަށް ރަޙްމަތާއި މަޣުފިރަތު ލިބޭނެއެވެ. ސަލާމަތްވެގެންވާ ހިތަކީ ﷲ ޚަބަރު ދެއްވާފައިވާ ކަންކަމާ ތަޢާރުޟުވާ އެންމެހާ ޝުބުހަތަކުން ސަލާމަތްވެގެންވާ ހިތެވެ. އަދި ﷲ އާ ދުރުކުރުވާ އެންމެހާ ޝަހުވަތްތަކުން ވެސް ސަލާމަތްވެގެންވާ ހިތެވެ.

އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. ’ފަސް ކަމަކުން ސަލާމަތްވެއްޖައުމަށް ދާންދެން ސަލާމަތްވެގެންވާ ހިތަކަށް ނުވެއެވެ. އެއީ: ތައުޙީދާ ފުށުއަރާ ޝިރުކާއި، ސުންނަތާ ޚިލާފުވާ ބިދުޢައާއި، އަމުރުކުރައްވާފައިވާ ކަންކަމާ ޚިލާފުވާ ޝަހުވަތާއި، ޛިކުރާއި ފުށުއަރާ ޣާފިލުކަމާއި، އިޚްލާޞްތެރިކަމާއި ފުށުއަރާ ހަވާނަފްސެވެ.‘ ސަލާމަތްވެގެންވާ ހިތްތަކަކީ ތަޤުވާވެރިކަމާއި އީމާންތެރިކަމުން ފުރިފައިވާ ހިތްތަކެކެވެ. އަދި އެހިތްތައް ފުރިގެންވަނީ ހެޔޮކަމާއި އިޙްސާންތެރިކަމުންނެވެ. އަދި އެފަދަ ހިތްތަކެއްގެ ވެރިންވަނީ އެންމެހާ ރިވެތި އަޚްލާޤުން ޒީނަތްތެރިވެގެންނެވެ. އަދި އެބައިމީހުންގެ ދިރިއުޅުމުގައިވާނީ ޠާހިރުކަމާއި އެހެން މީހުންނަށް ހެޔޮއެދުމެވެ.

އެހެންކަމުން މީސްތަކުންގެ ތެރެއިން އެންމެ ޠާހިރު ހިތްތައް ލިބިގެންވަނީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނެވެ. އެބޭކަލުންނީ އެބޭކަލުންގެ ޤައުމުގެ މީހުންނާއި އުންމަތުގެ މީސްތަކުންނަށް ހެޔޮކަން ލިބުމަށް އެންމެ ބޮޑަށް ލޯބިކުރެއްވި ބޭކަލުންނެވެ. އެބައިމީހުންނަށް ނަސޭހަތްތެރިވެލެއްވުމާއި އިރުޝާދުދެއްވުމާއި އުނގަންނައިދެއްވުމާއި ހެޔޮމަގު ދެއްކެވުމުގައި އެބޭކަލުންގެ ނަފްސުތައް ޤުރުބާންކުރެއްވިއެވެ.

ޔޫސުފުގެފާނާމެދު އެކަލޭގެފާނުގެ އަޚުން އެކުރެއްވި ކަންތަކަށް ފަހުގައިވެސް، އެއޯގާތެރި ކަލޭގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވި ބަސްފުޅުގެ ވާހަކަ ﷲ ތަޢާލާވަނީ ޤުރުއާނުގައި އަޅުގަނޑުމެންނަށް ކިޔައިދެއްވާފައެވެ.

﴿قَالَ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ يَغْفِرُ اللَّهُ لَكُمْ وَهُوَ أَرْحَمُ الرَّاحِمِينَ﴾ [يوسف: 92]

މާނައީ: “މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަފުއްސަވާށިއެވެ! އަދި އެއިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.”

އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم އަށް ﷲ ތަޢާލާވަނީ އެކަލޭގެފާނުގެ މޭފުޅު ތަނަވަސް ކޮށްދެއްވާ، އެކަލޭގެފާނުގެ ހިތްޕުޅު ސަލާމަތްތެރިކޮށްދެއްވާ، އެކަލޭގެފާނުގެ ނަފްސު ޠާހިރު ކޮށްދެއްވާފައެވެ. އުނދަގޫކުރެވޭނެ އެންމެ ބޮޑަށް އެކަލޭގެފާނަށްވަނީ ދަޢުވަތުގެ މަގުގައި މީސްތަކުން އުނދަގޫކޮށްފައެވެ. އެއާއެކުވެސް އެކަލޭގެފާނު ވެވަޑައިގެންނެވީ މީސްތަކުންގެ ތެރެއިން ސަލާމަތްވެގެންވާ ހިތުގެ ވެރިޔާއަށެވެ. އަދި އެބައިމީހުންގެ ތެރެއިން އެންމެ ޢަފޫކުރައްވާ ފަރާތަށެވެ. އަދި ނަބީބޭކަލުންނަށްފަހު، މީސްތަކުންގެ ތެރެއިން އެންމެ ޠާހިރު ހިތްތަކުގެ ވެރިންނަކީ ޞަޙާބީންނެވެ. ފަހެ، އެބޭކަލުން ޞިފަކުރައްވާ ﷲ جلَّ وعلا ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ﴾ [الحشر: 9]

މާނައީ: “އަދި އެބައިމީހުންގެ ކުރީގައި، މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެތިބި އަންޞާރުން، އެބައިމީހުންގެ ގާތަށް ހިޖުރަކުރި މުހާޖިރުންދެކެ ލޯބިވެއެވެ. އަދި އެބައިމީހުންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެބައިމީހުން (އެބަހީ: އަންޞާރުން)ގެ ހިތްތަކުގައި ނުވެއެވެ. އަދި އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެބައިމީހުންނަށް އިސްކަންދެއެވެ. އެބައިމީހުންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ ހަމަ ދިންނަވާނެ މީހުންނެވެ.”

އަބޫ ދުޖާނާ رضي الله عنه މަރަށް ޙާޟިރުވިއިރު އެކަލޭގެފާނުގެ މޫނުފުޅު އަލިވެގެންވިއެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން، ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާއަށް ނަޞްރު ދެއްވި މަތިވެރި ވަގުތުގެ ވާހަކަ ޛިކުރު ނުކުރައްވައެވެ. އެހެންނަމަވެސް އެކަލޭގެފާނު ޛިކުރު ކުރެއްވީ މުޅިން އެހެން ވާހަކައެކެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.

’އަހުރެންގެ ޢަމަލުތަކުގެ ތެރެއިން އެންމެ އިތުބާރު އޮތީ ދެކަމަކަށެވެ. އެއްކަމަކީ، އަހުރެންނާ ނުބެހޭ ކަމެއްގައި އަހުރެން ވާހަކަ ނުދައްކަމެވެ. އަނެއްކަމަކީ، އެންމެހާ މުސްލިމުންނަށްޓަކައި އަހުރެންގެ ހިތް ހެޔޮވެގެން ވެއެވެ.‘

* ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން ޞިފަކުރައްވަމުން އިޔާސް ބުން މުއާވިޔާ ވިދާޅުވިއެވެ.

’އެބޭކަލުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެބޭކަލުންގެ ތެރެއިން އެންމެ ހިތް ހެޔޮ މީހާއެވެ. އަދި ޣީބައާ އެންމެ ދުރު ބޭކަލުންނެވެ.‘

އިބްނުލްޤައްޔިމް ވިދާޅުވިއެވެ. އިބްނު ތައިމިއްޔާ ނޫން އެހެންމީހެއްގެ ކިބައިގައި، މާފުކުރުމާއި ޢަފޫކުރުމާއި ހިތް ސަލާމަތްވެގެންވުން ޖަމާވެގެންވަނިކޮށް ތިމަން ނުދެކެމެވެ. އެކަލޭގެފާނަށް އެންމެ އުނދަގޫކުރި، އެކަލޭގެފާނުގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ މަރުވިކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނުގެ ދަރިވަރަކު އެކަލޭގެފާނަށް ދިނެވެ. ފަހެ، އެކަލޭގެފާނު އެކަން މަނާކޮށް އެދަރިވަރު ދެކެ ކޯފާއިސްކުރައްވާ ވިދާޅުވިއެވެ. “މުސްލިމަކު މަރުވުމުން ތިމަންކަލޭގެފާނަށް އެކަމުގެ އުފާވެރިކަމުގެ ޚަބަރު ދެނީ ހެއްޔެވެ!” ދެން އެކަލޭގެފާނު إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މިފަދައިން ވިދާޅުވެ ވަޤުތުން ތެދުވެވަޑައިގަތެވެ. އަދި މައްޔިތާގެ އަހުލުންނަށް ހިތްވަރުދެއްވާ ވިދާޅުވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ ބައްޕަގެ މަޤާމުގައެވެ.”

ޔޫނުސް އައްޞަދަފީ ވިދާޅުވިއެވެ. އިމާމު ޝާފިޢީއަށް ވުރެ ބުއްދިވެރިމީހަކާ ތިމަންނައާ ބައްދަލު ނުވެއެވެ. އެއްދުވަހަކު މައްސަލައެއްގައި އެކަލޭގެފާނާ ދެބަސްވެ މުނާޡަރާކުރީމެވެ. ދެން އެތަނުން ވަކިވެގެން ދިޔައީމެވެ. އެއަށްފަހު އެކަލޭގެފާނާ ބައްދަލުވުމުން ތިމަންގެ އަތުގައި ހިފާފައި ވިދާޅުވިއެވެ. “އޭ އަބޫ މޫސާއެވެ. މައްސަލައެއްގައި އެއްބަސް ނުވެވުނަސް، އަހަރެމެން ދެމީހުންނަކީ އަޚުވަންތަ ބަޔަކަށް ވުން ރަނގަޅުވާނެ ނޫން ހެއްޔެވެ؟”

* މީހަކު އިބްނު އައްސައްމާކަށް ދެންނެވިއެވެ. – އޭރު އެދެބޭކަލުންގެ ދެމެދުގައިވަނީ ޚިލާފެއް ހިނގާފައެވެ. –

“އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ކުރެވުނު ގޯސްކަމުގެ ވާހަކަދެއްކުމަށް ކަނޑައެޅިގެންވާ ވަޤުތަކީ މާދަމާއެވެ.” ފަހެ، އިބްނު އައްސައްމާކު އޭނާއަށް ދެންނެވިއެވެ. “އަދި ކިއެއް ހެއްޔެވެ. މާދަމާވަނީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް މާފުކުރުމަށެވެ.”

ހިތް ރަނގަޅުވުމުގެ އެންމެ ބޮޑު އެއްސަބަބަކީ ﷲ ތަޢާލާގެ ފޮތް ކިޔަވާ، އެދަސްކޮށް، އޭގެ ޢިލްމު އުނގެނި އަދި އެއާމެދު ވިސްނާ ފިކުރުކުރުމެވެ. ﷲގެ ފޮތާ އޭނާ ގާތްވި ވަރަކަށް އޭނަގެ ހިތް ރަނގަޅުވެ ސަލާމަތްވެއެވެ.

މަސްދަރު: ދިސަލަފިއްޔާ

0