ދީން
ދިވެހިބަސް ޙިމާޔަތް ކުރުމުގައި ދީނީ ލިޔުންތެރިންނާއި މުޤައްރިރުންގެ ދައުރު

ދިވެހި ބަހާއި ޤަވާޢިދުގެ މުހިއްމު މަޞްދަރުތައް ކަމުގައިވެފައިވާ ގިނަ ފޮތްތަކަކީ ދީނީ ޢިލްމުވެރިންގެ ފޮތްތަކެވެ. މިއީ ޙަޤީޤަތް ޤަބޫލުކުރާ އެއްވެސް މީހަކު ދެބަސްވާނޭ ކަމެއް ނޫނެވެ.

އޭގެ ވަރަށް ގިނަގުނަ ސަބަބުތަކެއް ވެއެވެ. އެންމެ ބޮޑު ސަބަބަކީ، ދީނީ ލިޔުންތަކާއި ދީނީ ފޮތްތަކަކީ މީހުންނަށް މުހިއްމު، އެބައިމީހުންގެ ދީން ދަސްކުރުމަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތުތަކެއް އޭގައި ހިމެނޭ ލިޔުންތަކެވެ. އެހެންކަމުން ފަރުވާތެރިކަމާއެކު އެލިޔުންތައް ކިޔަން ޖެހެއެވެ. އެއްފަހަރަށްވުރެ ގިނަފަހަރަށް އެ ލިޔުންތައް ކިޔަން ޖެހޭފަހަރު މަދެއްނޫނެވެ. އަދި ސްކޫލް ފަށާއިރު ކުޑައިރުއްސުރެ، ކުއްޖާ ހިތުދަސްކުރަން މަޖުބޫރު ކުރެވިފައިވަނީ ތަފާތު ދުޢާ ތަކާއި އަޅުކަންތަކުގައި އެކުލެވޭ ތަފާތު ތަކެތީގެ މާނައެވެ.

އަދި ތާރީޚަށް ބަލާއިރު ދިވެހި ބަހުން ލިޔެވިފައިވާ ލިޔުންތަކުގެ ތެރެއިން އެންމެ ބޮޑަށް ޢާއްމުވެފައިވަނީ ދީނީ ލިޔުންތަކެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ ޙުކުމްތައް އުނގަންނައިދޭ ފޮތްތަކެވެ. ނުވަތަ މަޒުމޫނުތަކެވެ.

މިގޮތުން ކުރީގެ ފޮތްތަކުގެ ތެރެއިން އައްޝައިޚް ޢަލިއެދުރު ތަކުރުފާނު (ރަޙިމަހުﷲ) ލިޔުއްވި [ޒުހަރުލްކަމާލާތި ފީ އަޙްކާމިލް ޢިބާދާތި] އަކީ ފާހަގަ ކުރެވޭފަދަ ފޮތެކެވެ. ޗާޕުކުރުމުގެ ޚިދުމަތް ނެތް ޒަމާނެއްގައި އެފޮތް ދިވެހިންގެ މެދުގައި ފެތުރިފައިވަނީ ޙައިރާންވާންޖެހޭ ދަރަޖައަކަށެވެ. އަތުން ލިޔެ، ކޮޕީކޮށްގެން އެފޮތުގެ އެތައް ކޮޕީއެއް ދިވެހި ގެތަކަށް ވަދެފައިވެއެވެ.

އޭގެ ފަހުން 1956 ގައި ދިވެހި ދައުލަތުގެ ފަރާތުން އޭރުގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ދަށުން ދިވެހި ރައްޔިތުންނަށް އިލްޒާމީ ތަޢުލީމުގެ ދީނިއްޔާތު ކިޔަވައިދިނުމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރައްވައި، ފަޟީލަތުއްޝައިޚް އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ލިޔުއްވި، [އިރުޝާދުލްއަނާމި އިލާ އަހައްމި އަޙްކާމިލް އިސްލާމި] މި ފޮތް ފާހަގަ ކުރެވެއެވެ.

މި ފޮތް ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ރައްޔިތުންނަށް ކިޔަވައިދެއްވުމަށް ގަދައަޅުއްވައި، ސަރުކާރުން މަސައްކަތް ކުރައްވާފައިވެއެވެ. އެފޮތުގެ ފެށުމުގައި އޭރުގެ ވަޒީރުއްދާޚިލިއްޔާ (ހޯމް މިނިސްޓަރ) އޮނަރަބަލް އިބްރާހީމް ޢަލީ ލިޔުއްވާފައިވެއެވެ.

”ދައުލަތުގެ އެދުމަކީ، އަތޮޅުއަތޮޅުގެ ވެރީންނާއި، ރަށްރަށުގެ ޚަޠީބުން މުދިމުން ވުޒާރަތުލްމަޢާރިފުން އަންގަވާ ގޮތުގެ މަތީން، މި ތަޢުލީމު ދިނުމުގައި ތެދުވެރިވެ ހީވާގިވުމެވެ. ރާއްޖެއިން ޖާހިލުކަމުގެ އަނދިރިކަން ފިލުވައިލެވޭތޯ އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމެވެ. ރާއްޖޭގެ އެންމެހައި މުސްލިމުތަކުންނަށް މިފޮތުން އިސްލާމްދީނުގެ ކަންތައްތައް ފިލައި ދަސްކުރުމުގެ ތައުފީޤް މާތްﷲ ދެއްވުމެވެ“

މިފަދަ ގޮތަކަށް ދައުލަތުން ބާރުއެޅުއްވުމުގެ ސަބަބުން މިފޮތްވެސް ވަނީ ފެތުރި ޢާއްމުވެފައެވެ.

މީގެ އިތުރަށް ފަހުގެ ތާރީޚުގައި އެންމެ ފާހަގަކުރެވުނު އެއް ފޮތަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ލިޔުއްވި ތަޢުލީމުއްދިޔާނާއެވެ.  މި ފޮތަކީ އޭރުގެ މަދްރަސަތުއްސަނިއްޔާ (މިހާރުގެ މަޖީދިއްޔާ) ގައި ކިޔަވައިދެއްވުމަށް އެކުލަވާލެއްވި ފޮތެކެވެ. ތިން ބަޔަކަށް ބައްސަވައި ލިޔުއްވާފައިވާ މިފޮތުގެ ފުރަތަމަ ބައި ލިޔުއްވައި ނިންމަވާފައިވަނީ ހިޖުރައިން 1363 ވަނައަހަރުގެ ޖުމާދަލްއޫލާމަހުގެ 15 ގައެވެ. ތިންވަނަ ބައި ނިންމަވާލައްވާފައިވަނީ 1372 ވަނަ އަހަރުގެ ރަމަޟާންމަހުގެ 20 ވީ ބުދަދުވަހުއެވެ. އެއީ މީލާދީން 1953 ވަނަ އަހަރެވެ. ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ ދިގު މުއްދަތުގައި ލިޔުއްވި މި ފޮތަކީ ދިވެހި ރައްޔިތުންނަށް ގިނަގުނަ ލާބައާއި މަންފާ ލިބުނު ފޮތެކެވެ.

އޭގެ އެންމެ ބޮޑު ސަބަބެއްކަމުގައި ޤަބޫލުކުރެވެނީ، ފޮތަކީ ކިޔަވާ ދަރިވަރުންތަކަކަށް އަމާޒުކުރައްވައިގެން ޖަމީލުދީދީ (ރަޙިމަހުﷲ) ލިޔުއްވި ފޮތަކަށްވެފައި، އޭގެ ބަސްމަގަކީ އުނގަންނައިދިނުމުގެ މޭރުންތަކުން އައިސްފައިވާ ބަސްމަގެއް ކަމުގައި ވުމެވެ. އަދި ފޮތަކީ އަތްމަތީގައި ގެންގުޅެން ފަސޭހަ ފޮތެއްކަމުގައި ވުމެވެ. ދަސްކުރުމަށް އެކަށީގެންވާ ފަސޭހަ ފޮތެއްކަމުގައި ވުމެވެ.

އޭގެ ސަބަބުން މުޅިރާއްޖޭގެ އުތުރުން ދެކުނަށް އެ ފޮތް ފެތުރި ޢާއްމުވިއެވެ.

ފޮތުގައި އިޞްލާޙު ބޭނުންވާ ބައެއް ކަންތައްތައް ނެތެކޭ ނުދަންނަވާނަމެވެ. ކޮންމެ މީހެއްގެ މަސައްކަތުގައިވެސް އުނިކަން ހުންނާނެއެވެ. އެހެންނަމަވެސް ފޮތް ފެތުރި މީސްތަކުންގެ މެދުގައި މަޤްބޫލު ވެފައިވި މިންވަރަށް ބަލާއިރު، އެއީ ޖަމީލްދީދީ (ރަޙިމަހުﷲ) ގެ އިޚްލާޞްތެރިކަމުގެ ނަތީޖާއެއް ކަމުގައި ޤަބޫލުކުރާހިތްވެއެވެ. ސަބަބަކީ މީހާގެ މަސައްކަތުގައި އިޚްލާޞްތެރިކަން ވާ މިންވަރަކުން ﷲ ސުބްޙާނަހޫ ވަތަޢާލާ އެމަސައްކަތް މީސްތަކުންގެ މެދުގައިވެސް މަޤްބޫލު އެއްޗެއްކަމުގައި ލައްވައެވެ.

ކޮންމެއަކަސް މުހިއްމު ނުކުތާއަކީ ދީނީ ވާހަކަތަކާއި ދީނީ ފޮތްތަކާއި މަޒުމޫނުތަކުގެ ލިޔުންތެރިން ފަރުވާތެރިވާން ވެއްޖެކަމެވެ. އަހަރެމެން ތިންލައްކައެއްހާ މީހުން އެކަނި ވާހަކަދައްކައި އުޅޭ މި ދިވެހި ބަސް ޙިމާޔަތް ކުރުމުގައި މިދެންނެވިފަދަ ލިޔުންތެރިންގެ ދައުރު ވަރަށްވެސް މުހިއްމެވެ.

ހަމަ އެގޮތަށް ދީނީ ތަޤްރީރުތަކާއި ރޭޑިއޯ ޓީވީ ޕްރޮގްރާމްތަކާއި ދީނީ ވެބްސައިޓްތަކުންވެސް މިކަމާމެދު ސަމާލުވާން ޖެހޭ ކަމަށް ޤަބޫލު ކުރަމެވެ. އެއްވެސް ޙާލެއްގައި މިވެބްސައިޓަކީ ދިވެހި ބަހުގެ މާ މޮޅު ލިޔުންތަކެއް ހުރި ސައިޓެއް ކަމުގައި ދަންނަވަނީކީ ނޫނެވެ. މި މަޒުމޫނުގައި އަޅުގަނޑުގެ މުޚާޠަބު ތިޔަ ބޭފުޅުންނަށް ވާޞިލު ވުމުގެ ކުރިން އަޅުގަނޑަށް ނިސްބަތް ކުރަމެވެ. އެ ގޮވާލުމަށް އެންމެ ފުރަތަމަ ޢަމަލު ކުރަންޖެހޭ މީހަކީ އަޅުގަނޑީމެވެ. އަދި އަޅުގަނޑުމެންގެ މިވެބްސައިޓްގެ ޓީމެވެ.

ފާހަގަކޮށްލަންޖެހޭ މުހިއްމު ނުކުތާއަކީ، ދިވެހި ޤައުމުގައި ދީނީ ތަޤްރީރުތައް ކުރައްވާ ބޭފުޅުންގެ ބަސްމަގުވެސް ދިވެހި ބަހަށް ވިސްނަވައިގެން ބަހުގެ ހަމަތަކުގެ މަތިން ގެންގުޅުއްވުމުގެ މުހިއްމު ކަމެވެ. އެހެނީ ފަހުގެ ތާރީޚުގައި ދީނީ ޢިލްމުވެރިންގެ ތަޤްރީރުތައް ޢާއްމުވެ، ބައެއް ތަޤްރީރުތައް މުޅިރާއްޖެ އެއްފަހަރާ އަޑުއަހަމުން އެބަދެއެވެ.

މިދެންނެވި، މަދުނަމަވެސް ބައެއް ތަޤްރީރުތަކުގައި، ބަހުގެ ހަމައިން ނެއްޓި، ބަސް ބޭނުން ކުރެވިފައިވާ ކަމީ ޤަބޫލުކުރަން ޖެހޭ ކަމެކެވެ. މިސާލެއްގެ ގޮތުން ބަހުގެ ދަރަޖައަށް ވިސްނަވާލައްވާށެވެ. ދިވެހި ބަހުގައި ބަހުގެ ދަރަޖަތަކެއް ވަނީ ކަނޑައެޅިފައެވެ. އެއީ ޤަވާޢިދެއް ކަމަށް ބެލިފައިވެއެވެ.

މިސާލަކަށް މީހަކު ބުނުން، ބައްޕަ ނުވަތަ މަންމަ ބުނުއްވުން، ރަސްގެފާނު ވިދާޅުވުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވުން، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވުން؛ މިއީ ދިވެހި ބަހުގެ ދަރަޖަތަކެވެ. އެދަރަޖަތައް ދިވެހިން ޒަމާނުއްސުރެ ބަލައިގަނެ، ދިވެހި ބަހުގެ އަޞްލު ޤަވާޢިދެއް ކަމުގައި ހިމެނިފައިވެއެވެ.

ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ދާދިފަހުން ބައެއް މީހުންގެ ދުލުން ﷲ ބުންޏޭ، ރަސޫލާވެސް ބުންޏޭ، ފަދަ ޢިބާރާތްތަކުން ތަޤްރީރު ކޮށްފައިވާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ.

އެހެން ކަމުން އަޅުގަނޑު، ދީނީ ލިޔުއްވުންތެރިންނާއި މުޤައްރިރުންނަށް ގޮވާލަނީ، ދިވެހި ބަހުގެ ހަމަތަކަށް ބައްލަވައިގެން، އެބޭފުޅުންގެ ލިޔުއްވުންތަކާއި ތަޤްރީރުތައް ޢާއްމު ކުރެއްވުމަށެވެ. ސަބަބަކީ އެބޭފުޅުންގެ ލިޔުއްވުންތައް ކޮޕީކުރެވި ޖީލުތަކަށް ރައްކާކުރެވޭނެއެވެ. އަދި އެބޭފުޅުންގެ ތަޤްރީރުތަކުގެ ރެކޯޑިން ޒަމާންތަކަށް ދެމިގެން ދިޔުމުގެ ފުރުޞަތު އޮތީމައެވެ.

ފަހަރެއްގައި މިއަދު އަޅުގަނޑުމެންގެ ތެރެއިން މީހަކު ލިޔާ ލިޔުމެއް ނުވަތަ ކުރާ ތަޤްރީރެއް، މީގެ އަހަރުތަކެއް ފަހުން ދިވެހި ބަހުގެ އަޞްލެއް ކަމުގައި ބެލެވި އެއަށް ޢަމަލު ކުރެވެން ފަށާފާނެއެވެ. އެފަދަ ވަގުތެއް އަންނައިރު، އަޅުގަނޑުމެން މިހާރު ބެލުމެއް ނެތި ދިވެހިބަސް، ބަހުގެ ހަމައިން ބޭރުގައި ބޭނުންކޮށްފައިވާނަމަ، ފަހުގެ އެޖީލަށް ދިވެހިބަސް ލިބޭނީ ޢައިބުން ފުރިގެންވާ ޙާލުގައެވެ.

މިކަމާމެދެ ވިސްނާލުން އެދެމެވެ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް އަދި އެންމެހާ ލިޔުންތެރިންނާއި މުޤައްރިރުންނަށްވާ ނަޞޭޙަތެއްގެ ގޮތުގައެވެ.

ވަކިވެލުމުގެ ކުރިން، ދިވެހި ބަހުގެ އަޞްލުތަކެއް ކަމުގައި ބެލެވިފައިވާ ކުރީގެ ބައެއް ދީނީ ފޮތްތަކުގެ ނަންތައް މިތަނުގައި ފާހަގަ ކޮށްލާނަމެވެ.

  • އެދުރު އުމަރު މާފަތްކަލޭގެފާނު (ރަޙިމަހުﷲ) ލިޔުއްވި [ ބޮޑުތައުޙީދު ]
  • އައްޝައިޚް އަލި އެދުރު ތަކުރުފާނު (ރަޙިމަހުﷲ) ލިޔުއްވި [ ޒުހަރުލްކަމާލާތި ފީ އަޙްކާމިލް ޢިބާދާތި ]
  • އައްޝައިޚް އަޙްމަދު ޙާޖީ (ރަޙިމަހުﷲ) ލިޔުއްވި [ ތުޙުފަތުލްއުލާތި ފިލް އަޛްކާރި ވައްދަޢަވާތި ]
  • އަލްފަޤީހު އިބްރާހީމް ބަހާއުއްދީން (ރަޙިމަހުﷲ) (ފަނޑިޔާރުތަކުރުފާނުގެ ދޮންމަނިކު) ލިޔުއްވި [ ޖައްނާތުލްފިރުދައުސި ]
  • އައްޝައިޚް ޙުސައިން ޞަލާޙުއްދީން (ރަޙިމަހުﷲ) ލިޔުއްވި [ އައްސީރަތުއްނަބަވިއްޔާ – ކީރިތި ރަސޫލާގެ ސިޔަރަތު ]
  • އައްޝައިޚް ޢަބްދުﷲ ޖަލާލުއްދީން (ރަޙިމަހުﷲ) ލިޔުއްވި [ ދަރިވަރުންގެ އެހީތެރިޔާ ]
  • އައްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީ (ރަޙިމަހުﷲ) ލިޔުއްވި [ ސުއްލަމުލްއަރީބު ]
  • އައްޝައިޚް މުޙައްމަދު ޖަމީލުދީދީ (ރަޙިމަހުﷲ) ލިޔުއްވި [ ތަޢުލީމުއްދިޔާނާ – 1 ، 2، އަދި 3 ]
  • އައްޝައިޚް މުޙައްމަދު ޖަމީލުދީދީ (ރަޙިމަހުﷲ) ލިޔުއްވި [ އިރުޝާދުލްއަނާމި އިލާ އަހައްމި އަޙްކާމިލް އިސްލާމި ]
  • އައްޝައިޚް މުޙައްމަދު ޖަމީލުދީދީ (ރަޙިމަހުﷲ)ގެ މަޒުމޫނުތައް
  • އައްޝައިޚް ޙުސައިން ޞަލާޙުއްދީން (ރަޙިމަހުﷲ)ގެ މަޒުމޫނުތައް
  • އަލްއުސްތާޛު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ)ގެ މަޒުމޫނުތައް

 

މަސްދަރު: ނޫރުލްއިސްލާމް

0