ދީން
މީސްތަކުންގެ ޢަމަލުތައް ﷲގެ ޙަޟްރަތަށް އުފުލިގެންދާ މަހަކީ ޝަޢުބާން މަސް – ޚުތުބާ

މީސްތަކުންގެ ޢަމަލުތައް ﷲގެ ޙަޟްރަތަށް އުފުލިގެންދާ މަހަކީ ޝަޢުބާން މަސް ކަމުގައި މިއަދު ޚުުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވެފައިވަނީ “ ޝަޢުބާންމަހު ރޯދަހިފުން ގިނަކުރުމުގެ ދެ ޙިކުމަތެއް ވާކަން އަޅުގަނޑުމެންނަށް އެނގިގެން އެބަދެއެވެ. ފުރަތަމަ ޙިކުމަތަކީ ޝަޢުބާންމަސް ވަނީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދުގައި ކަމުން މީސްތަކުން އެމަހަކާމެދުގައި ޣާފިލުވެފައިވާތީ، އެ ޣާފިލުކަމުން މީސްތަކުން ހޭލައްވާލުމެވެ. އެހެންކަމުން މިއީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ދެވޭ ތަމްރީނެކެވެ. ދެވަނަ ޙިކުމަތަކީ މީސްތަކުންގެ ޢަމަލުތައް ﷲގެ ޙަޟްރަތަށް އުފުލިގެންދާ މަހަކީ ޝަޢުބާން މަސް ކަމަށްވެފައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ ޢަމަލުތައް ކުރުން މަތީ އެ އިލާހުގެ އަޅުތަކުން ތިބޭ ޙާލު، އެ އަޅުތަކުންގެ ޢަމަލުތައް ﷲގެ ޙަޟްރަތަށް އުފުލިގެންދާނެ ގޮތް މިންވަރު ކުރެއްވުމެވެ.“

އިތުރަށް ޚުތުބާގައި ވިދާޅުވީ “ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާންމަހު ރޯދަހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެކެވެ. އެ ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާ ސިކުނޑި ނަމާދުގެ ތެރެއަށް ވައްދައިލެވެއެވެ. އަދި ނަމާދުގެ ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް ނަމާދުގެ ފަހުން ކުރެވޭ ރަވާތިބު ސުންނަތްތަކުން ފޫބައްދައިލެވެއެވެ. ހަމަ އެބީދައިން ޝަޢުބާންމަހު ގިނަގިނައިން ރޯދަހިފުމުން ރަމަޟާންމަސް އަންނަންވާ އިރަށް އެމަހުގެ ރޯދަތައް ހިފުމަށް މީހާގެ ނަފްސު ފުރިހަމައަށް ތައްޔާރުވެއެވެ. ރަމަޟާންމަސް ފިޔަވައި އެހެން މަސްތަކުގައި ހިފާ ރޯދައަކީ މުސްތަޙައްބު ރޯދަތަކެކެވެ. އަޅުކަމުގެ ގޮތުން ޘަވާބާ ދަރުމައަށް އެދި ހެޔޮ ޢަމަލުގެ ފަތަށް ބުރަކުރުމަށް  އަޅާ ކުރުން އެންމެ ރަގަޅު އެއް ޢަމަލެވެ.“

ޝައުބާންމަހުގެ މުހިއްމުކަން ބަޔާންކުރުމުގެ ގޮތުން އިތުރަށް ޚުތުބާގައި ވިދާޅުވެފައިވަނީ  ”މިހާރު އަޅުގަނޑުމެން ގުނަމުންމިދާ ދުވަސްތަކަކީ ޙުރުމަތްތެރި ކުރެއްވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރިވެގެންވާ ރަމަޟާންމަހާ ދެމެދުގައިވާ، މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެމަހުގެ ދުވަސްތަކާމެދު ޣާފިލުވެފައިވާ ޝަޢުބާންމަހުގެ ދުވަސްތަކެވެ. މިދުވަސްތަކަކީ އަޅުގަނޑުމެންގެ ހެޔޮޢަމަލުގެ ފަތަށް ހެޔޮޢަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. އެފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ހިނގާށެވެ! އެމަހުގައި ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ގިނަގިނައިން ރޯދަހިފުމެވެ. އެމަހަކީ މީސްތަކުންގެ ޢަމަލުތައް ﷲގެ ޙަޟްރަތައް އުފުއްލެވޭ މައްސަރެވެ.“

 

 

 

 

.

0