ނަޞޭޙަތާއި އިރުޝާދު
ނިދަން އޮށޯވެ ކިޔަންޖެހޭ ތަކެތި ކިޔުމަށް ވަކި ތަރުތީބެއް ވޭތޯއެވެ؟

ސުވާލު: ނިދަން އޮށޯވެ ކިޔުމަށް ރަސޫލު صلّى  اللّه عليه وسلّم ކިޔުއްވި ދުޢާއެއް ވަރަށް ފަހުން އަޅުގަނޑަށްވަނީ ފޮތަކުން ފެނިފައެވެ. އަދި އޭގައިވަނީ މިދުޢާ، އެމީހާ އެންމެ ފަހުން ކީ އެއްޗަކަށް ހެދުމުން، ނިދަން އޮއްވާ އެމީހާ މަރުވެއްޖެނަމަ، އޭނާ އެމަރުވަނީ ފިޠުރަތުގެ ސާފުދީނުގައި ކަމަށެވެ. އެހެން ކަމުން އަޅުގަނޑުގެ ސުވާލަކީ، ނިދަން އޮށޯވެ ކިޔަންޖެހޭ ޝަހާދަތް، ދުޢާތައް އަދި ޤުރުއާންގެ ސޫރަތްތަކާއި، އާޔަތްތައް ކިޔުމަށް ވަކި ތަރުތީބެއް ވޭތޯއެވެ؟

ޖަވާބު: ޞަޙީޙު ބުޚާރީގައި އައިސްފައިވާ ރިވާޔެތެއްގައި ވެއެވެ :   މާތް ﷲ ރުއްސުންލެއްވި އަލް ބަރާއު ބިން ޢާޒިބުގެ ވިދާޅުވިއެވެ. ކީރިތި ރަސޫލާ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “ތިބާ (ނިދުމަށްޓަކައި ) އެނދަށް އަރަންވީމައި، ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކުރާށެވެ! ދެން ތިބާގެ ކަނާތްފަރާތަށް އަރިޔަށް އޮށޯންނާށެވެ. އަދި މިފަދައިން ކިޔާށެވެ!

 (اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ رَهْبَةً وَرَغْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ)

 އެރޭގައި މަރުވެއްޖެނަމަ ތިބާ އެމަރުވީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އަދި މިކަލިމަތަކަކީ ( ނިދުމުގެކުރިން )ތިބާ އެންމެފަހުން ކިޔާކަލިމަތަކުގެ ތެރޭގައި ހަދާށެވެ“ ( ބުޚާރީ : ޙަދީޘް ނަމްބަރު:  5836 )

އިސްވެދިޔަ ރިވާޔަތުން އެނގެނީ މިކަލިމަތަކަކީ ނިދުމިގެ ކުރިން ކިޔާތަކެތީގެތެރެއިން އެންމެފަހުން ކިޔާތަކެތީގެތެރޭގައި ހަދަން ޖެހޭ ކަލިމަތައްކަމެވެ. ވީމާ ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ އެހެނިހެން ދުޢާތައް ކިޔާނީ މިދުޢާގެ ކުރިންނެވެ. މީގެ އިތުރުން ވާރިދުވެފައިވާ ދުޢާތަކުގައި އިސްފަސްކުރުމަކުން މައްސަލައެއް ނެތެވެ. ( والله أعلم )

ޖަވާބު ދެއްވީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން ، ށ ފޯކައިދޫ

0