އީމާންކަމަކީ ހަމައެކަނި ހިތުން ތެދުކުރުމެއް ނޫންކަމާއި އީމާންކަން ފުރިހަމަވަނީ ޢަމަލު ކުރުމުންނެވެ.
އީމާންކަމަކީ ހަމައެކަނި ހިތުން ތެދުކުރުމެއް ނޫނެވެ. އީމާންކަން ފުރިހަމަވަނީ ޢަމަލު ކުރުމުންނެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ ,ٱلَّذِینَ هُمۡ فِی صَلَاتِهِمۡ خَـٰشِعُونَ ) އަލްމުއުމިނީން 1،2) މާނައީ: “މުއުމިނުން ކާމިޔާބުވެއްޖެ ކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.” މިއާޔަތުގައި ބަޔާންވެގެންވަނީ ބާއްޖަވެރިކަމާއި ކާމިޔާބީ ލިބޭނެ މީހުންނަކީ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުން ކަމެވެ. ނަމާދަކީ ގުނަވަންތަކުން ކުރާ ޢަމަލެކެވެ. އަދި ރަސޫލުﷲ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.” އީމާންކަން ހަތްދިހަ އެތައް ބަޔަކަށް އީމާންކަން ބެހިގެންވެއެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ لآ اِلَهَ اِلّا اللّهُ ކިޔުމެވެ. އެންމެ ދަށު ދަރަޖައަކީ )މީސްތަކުންނަށް) އުނދަގޫވާގޮތަށް މަގުމަތީގައި ހުންނަތަކެތި އެއްފަރާތްކުރުމެވެ. ލަދުވެތިކަމަކީ އީމާންތެރިކަމުގެ ބައެކެވެ.” މިޙަދީޡް ބަސްފުޅުން އެނގެނީ މަގުމަތީގައި މީސްތަކުންނަށް އުނދަގޫވާގޮތަށް ހުންނަ އެއްޗެހި ދުރަށްލުންވެސް ވަނީ އީމާންކަމުގެ ތެރެއިން ކަމެވެ.
އީމާންކަން ބަލިކަށިވުމުގެ ވަރަށް ގިނަ ސަބަބުތައް ޢިލްމުވެރިން ބަޔާންކުރައްވާފައި ވެއެވެ. އޭގެތެރޭގައި ޖާހިލުކަން ހިމެނެއެވެ. ޢަޤީދާއާއި ދީނުގެ ކަންތައްތައް ރަނގަޅު މަޞްދަރުތަކުން ނުހޯދުމުގެ ސަބަބުން އިސްލާމީ ޢަޤީދާއާ ތަޢާރުޟުވާ ޢަމަލުތައް ކުރަމުންދެއެވެ. ޤަބުރަށް އަޅުކަން ކުރުންފަދަ ޢަމަލުތައް ކުރެއެވެ. އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ޣާފިލުވުން ހިމެނެއެވެ. މާތް ﷲ އަށް އަޅުކަންކުރުން ދޫކޮށް، ދުންޔަވީ އެކި ކަންކަމުގައި މަޝްއޫލުވެގެން އުޅުމެވެ.
އީމާންތެރިކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ނުބައިކަންތަކަށް ގޮވާލުން ހިމެނެއެވެ. އިންސާނާގެ ނަފްސުގެ ތިން ބާވަތެއް ވެއެވެ. މީގެތެރެއިން އެއްބާވަތަކީ، އިންސާނާއަށް ނުބައި ކަންތައްތަކަށް ގޮވާލައި، މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކާވީ ފަރާތަށް އިންސާނާ ގެންދާ ނަފްސެވެ. ދުނިޔެއާއި ދުނިޔޭގެ ފިތުނަތަކަކީ އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއްކަމެވެ. މާތް ﷲ ގެ މަތިންނާއި، އާޚިރަތްދުވަހުގެ މަތިން ހަނދާން ނައްތާލައި، ދުނިޔެއަށް ދަހިވެތިވުމަކީ އީމާންކަން ބަލިކަށިވާ ކަމެކެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތް ތަކުގައި މިކަން ބަޔާން ކުރައްވާފައިވެއެވެ.