ނަޞޭޙަތާއި އިރުޝާދު
ތިބާގެ މަސްއޫލިއްޔަތެއް ހަމަ ނެތީތޯއެވެ!

ސައިހޮޓަލަކަށް ނުވަތަ ރެސްޓޯރަންޓަކަށް ވަދެވުނަސް ކަންފަތުގައިޖެހެނީ އެއަޑެވެ. މަގުމައްޗަށް ނިކުމެވުނަސް އެއަޑެވެ. އެކުވެރިޔަކާ މަގުމަތިން ބައްދަލުވިޔަސް އެއަޑެވެ. ގޭގެ ސިޓިންރޫމުގަ އިށީނދެ ޓީވީ ހުޅުވާލިޔަސް އެއަޑެވެ. ރޭޑިޔޯ ހުޅުވާލިޔަސް ހަމަ އެއަޑެވެ. އަތުގައޮތް ފޯނުން އެފްބީ ހުޅުވާލިޔަސް އެވާހަކައެވެ. ޓުވިޓަރު ހުޅުވާލިޔަސް އެވާހަކަ އެވެ. ދިވެހި މުޖުތަމައުގައި ހިންގަމުންދާ މުންކަރާތްތަކުގެ ވާހަކައެވެ. މީހުންމަރާ ވާހަކައެވެ. މަސްތުވާތަކެތި ވިއްކާވާހަކައެވެ. މަސްތުވެގެންހުރި މީހަކު އެވެނި މިވެނި ނުބައިކަމެއް ކުރިވާހަކައެވެ. ފާހިޝް އަމަލުތައް ދުވާލުގެ އަލީގައިވެސް އެންމެންގެ ކުރިމަތީގައި ހިންގަމުންދާ ވާހަކައެވެ. އެކިއެކި މުނާސަބަތުތައް ފާހަގަކުރުމުގެ ނަމުގައި ފާހިޝް އަމަލުތައް ވާހަކައެވެ. ގައުމު ޚިޔާނާތާއި ރިޝްވަތުގެ ކަނޑަށް ޣަރަގުވެ ގެނބެމުންދާ ވާހަކައެވެ. ކޮޅުނެތްކޮޅަށް ހިތާމަހުއްޓެވެ.

މިއީ ދެބަސްނުވެވޭނެ ހަގީގަތެކެވެ. ދިވެހި އުންމަތުގެ އިޖުތިމާއީ ފޭރާންދަނީ ވީދި ކުދިކުދިވަމުންނެވެ. މުޖުތަމައުގެ ބޮލުންފެށިގެން ފަޔާ ހަމައަށް އިހުމާލު ނޫން ކުލައެއް ފެނުމަކީ ނާދިރުކަމެކެވެ. މިއީ ދައްކަންޖެހޭ ވާހަކައެކެވެ. ދޭދޭފަރުދުންގެ ދެމެދުގައެވެ. ސައިކޮފީ މަޖުލިސްތަކުގައެވެ. ޕޯޑިއަމްތަކުގައެވެ. ރޭޑިޔޯޓީވީ ޕޮރުގުރާމު ތަކުގައެވެ. އެފްބީ އާއި ޓުވިޓަރުގައެވެ. ދެބަހެއްނުވަމެވެ. ގިނަގިނައިން މަޝްވަރާކޮށް ބަހުސްކުރަންވެސް ޖެހޭނެއެވެ. ނަމަވެސް ސުވާލަކީ މިވަރުން ފުދޭތޯއެވެ؟ ހަމައެކަނި ބަހުސްކޮށް މަޝްވަރާކޮށް ޝަކުވާކުރުމުން ފުދޭތޯއެވެ؟ މިވަރުން މަސްއޫލިއްޔަތު އަދާވީތޯއެވެ؟ މަހުޝަރުދުވަހު ތިބާއާ ސުވާލުވެވޭހިނދު ދޭނެ ޖަވާބަކަށް ފުދޭނެތޯއެވެ؟ ފަރުދީ ޒިންމާ އަދާވީތޯއެވެ؟ ތިބާގެ އިތުރު މަސްއޫލިއްޔަތެއް ނެތީތޯއެވެ؟ އާދެ! ތިބާގެ މަސްއޫލިއްޔަތެއް ހަމަ ނެތީތޯއެވެ؟

މުޖުތަމައެއް އުފެދިބޮޑުވާ ގޮތަށް ނަޒަރު ހިންގާލަމާތޯއެވެ؟ ފެށިގެން އަންނަނީ ފަރުދަކުންނެވެ. ދެފަރުދަކު ކައިވެނީގެ މާތްގުޅުމުން ގުޅި ލާމެހުމުން އާއިލާއެކެވެ. އާއިލާތައް ގުޅި ލާމެހި ރަށެއްގެ ރައްޔިތުންނެވެ. ރަށްތަކެއްގެ ރަށްޔިތުން އެކުވެ އަތޮޅެއްގެ ރައްޔިތުންނެވެ. އަތޮޅުތައް އެކުވެ ދިވެހި އުންމަތެވެ. އާދެ! ދިވެހި މިއުއްމަތް އިސްލާހުކުރުމުގެ ބުރަ މަސައްކަތް ފަށާނެ ހިސާބަކާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް އެބައޮތްތޯއެވެ. މިއުންމަތް ގެތި ލާމެހިފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅުން ފަށަމާތޯއެވެ. އާދެ! ކޮންމެ ބޭފުޅެއްގެވެސް އަމިއްލަ ނަފްސުން ފަށަމާތޯއެވެ.

މާތް ﷲ سبحانه وتعالى ކީރިތި ޤުރުއާނުގެ އައްތަޙްރީމު ސޫރަތުގެ ހަވަނަ އާޔަތުގައި ވަހީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ﴾

މާނައީ: (އޭ! އީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަނަފުސާއި އަނބިދަރިން ނަރަކައިން މިންޖުކުރާށެވެ. އެނަރަކައިގެ އަނދައަނދާހުރި ދަރަކީ އިންސާނުންނާއި ހިލައެވެ. އަދި އެނަރަކައިގެ ފާރަވެރިންގެގޮތުގައި ގަދަފަދަވެގެންވާ ހަރުކަށި މަލާއިކަތްބޭކަލުންވެއެވެ. އެބޭކަލުންނަކީ ﷲ سبحانه وتعالى އަށް އުރެދުމެއްނުވާ އަމުރުވެވިގެންވާގޮތައް އަމަލުކުރައްވާ ބޭކަލުންނެވެ.) އާޔަތަށް ފުންކޮށް ނަޒަރު ހިންގަވާ ލައްވަވާށެވެ. އީމާންވި މީސްތަކުންނަށް ނަރަކައިން ސަލާމަތްވުމަށް ﷲ سبحانه وتعالى ކުރެއްވި އަމުރު ފައްޓަވާފައި އެވަނީ ﴿قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا﴾ “ތިޔަބައިމީހުންގެ އަމިއްލަނަފުސާއި އަނބިދަރިން ނަރަކައިން މިންޖުކުރާށެވެ.” މިފަދައިންނެވެ. ސަހާބީން ﷲ سبحانه وتعالى ގެ މިއަމުރުފުޅާމެދު ވިދާޅުވި ބަސްފުޅުތަކުން މިންވަރެއް މުތޯލިއާކުރުން ކިހިނެއްތޯއެވެ. ފައްޓަވަމާ ހިނގާށެވެ.

ހިޖުރައިން އަށްވަނަ ގަރުނުގައި ދުނިޔެދުށް އެންމެބޮޑު ތަފްސީރު އިލުމުވެރިޔާ عماد الدين أبو الفداء إسماعيل بن عمر بن كثير بن ضوء القرشي البصري މަޝްހޫރު ނަމުން ދަންނަވާނަމަ އިބްނު ކަޘީރު رحمه الله އެކަލޭގެފާނުގެ މަޝްހޫރު ފޮތް تفسير القرآن العظيم ގައި ގެންނަވާފައި ވެއެވެ.

ސަހާބީ ބޭކަލުންގެ ތެރެއިން ޢަލީ رضي الله عنه އާޔަތުގެ މިބައިގެ މާނައިގައި ވިދާޅުވިއެވެ.

“ތިބާގެ އަނބިދަރިން އަދަބުވެރިކުރުވާށެވެ. އަދި އުނގަންނައިދޭށެވެ.”

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“ﷲ سبحانه وتعالى އަށް ކިޔަމަންތެރިވާން ދަސްކުރާށެވެ. އަދި އެކަލާންގެ ނަހީކުރެއްވި ކަންކަމުން ދުރުވެ ރައްކާތެރިވާށެވެ. އަދި ތިބާގެ އަނބިދަރިންނަށް ﷲ سبحانه وتعالى ގެ މަތިން ހަނދުމަކުރުމަށް އަމުރުކުރާށެވެ. މިކަންކަމުގެ ޖަޒާއެއްގެ ގޮތުގައި މާތް ﷲ سبحانه وتعالى ތިޔަބައިމީހުން ނަރަކައިން މިންޖުކުރައްވާ ހުއްޓެވެ.”

އަދިވެސް އިބްނު ކަޘީރު رحمه الله ވިދާޅުވެފައި ވެއެވެ.

“އިމާމު ޢަހްމަދާއި އަބޫދާވޫދު އަދި ތިރިމިޒީ ރިވާކުރެއްވި މިހަދީސްވެސް ވާރިދުވެގެންވަނީ މިއާޔަތުގެ މާނައިގައެވެ. ރަސޫލާ صلى الله عليه وسلم ހަދީސްކުރެއްވިއެވެ.

((مروا الصبي بالصلاة إذا بلغ سبع سنين فإذا بلغ عشر سنين فاضربوه عليها))

މާނައީ “ހަތްއަހަރު ފުރުމުން ދަރިފުޅަށް ނަމާދުކުރަން އަމުރު ކުރާށެވެ. އަދި ދިހައަހަރުވުމުން އަދަބުދީގެން ނަމަވެސް ނަމާދުކުރުވާށެވެ.”

އެއީ ކުޑަކުއްޖާ އަޅުކަމަށް ތަމްރީނު ކުރުމަށްޓަކައެވެ. ބާލިޣުވެ ބޮޑުމީހަކަށްވާއިރު އަޅުކަންކުރުމުގައި ސަބިތުވެ ދެމިހުންނަމީހަކަށް ހެދުމަށްޓަކައެވެ. އަދި ފާފަތަކާއި މުންކަރާތްތަކުން ދުރުވެ ހުންނަ މީހަކަށް ހެދުމަށްޓަކައެވެ.”

އާޔަތުގެ ތަފްސީރުގައި ސަހާބީ ބޭކަލުން ވިދާޅުވެފައިވާ ބަސްފުޅުތަކުންނާއި މަތީގައި ބަޔާންކޮންދެވުނު ހަދީސުން އަދި އިބްނު ކަޘީރު رحمه الله ގެ ބަސްފުޅުން އެނގި ޔަގީންވަނީ ދިވެހި މުޖުތަމައު ޣަރަގުވެ ގެނބެމުން މިދާ ކަޅުއަނދިރިކަމުން ސަލާމަތްކުރުމަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ އަމިއްލަ ނަފުސާއި އަނބިދަރީން އިސްލާހުކުރަން ޖެހޭކަމެވެ. އިސްލާމްދީނުގެ އިލުމު އުނގެނި މިމަތިވެރި ދީނުގެ ފުރިހަމަ ތަރުބިއްޔަތުން ނަފުސު ތަރުބިއްޔަތުކުރަން ޖެހޭކަމެވެ. މާތް ﷲ سبحانه وتعالى އަށް ފުރިހަމައަށް ކިޔަމަންތެރިވެ، އެކަލާނގެ އަމުރުކުރައްވާފައިވާ އެންމެހާ އަމުރުފުޅުތަކަށް އަމަލުކޮށް ނަހީކުރެއްވި އެންމެހާކަންކަމުން ދުރުވެ ރައްކާތެރިވާން ޖެހޭކަމެވެ. އަދި މާތް ﷲ سبحانه وتعالى އަށް ބިރުވެތިވެ، ތަގުވާވެރިވާން ޖެހޭކަމެވެ.

އަދި އަޅުގަނޑަށް އަލިއަޅުވާ މިލެވުނީ އާޔަތުގެ ފުރަތަމަ ބަޔަށެވެ. އާޔަތުގެ ބާކީއޮތް ބަޔައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ. ނަރަކައިން މިންޖުވުމަށް އަމުރުކުރެއްވުމަށްފަހު މާތް ﷲ سبحانه وتعالى ދެން މިބަޔާންކުރައްވަވަނީ އެނަރަކައިގެ ސިފައެކެވެ. އަދި އެކަލާންގެއަށް އުރެދުނު މީހުންނަށް ތައްޔާރު ކުރައްވާފައިވާ ވޭންދެނިވި އަޒާބެވެ.

﴿وَقُودُهَا النَّاسُ وَالْحِجَارَةُ﴾

މާނައީ “އެނަރަކައިގެ އަނދައަނދާހުރި ދަރަކީ އިންސާނުންނާއި ހިލައެވެ.”

އެބަހީ: ނަރަކައިގެ ދަރަކީ އެނަރަކަޔަށް އުކާލެވޭ އާދަމްދަރީންގެ އާދެ! މިނިކަމެތި އިންސާނުންނާއި ޖިންނީންގެ ހަށިތަކެވެ. އަދި އަނގުރު ހިލައެވެ. އަދި އެއަށްފަހު ނަރަކައިގެ ފާރަވެރިން ސިފަކުރައްވާ ވަހީކުރެއްވިއެވެ.

﴿عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ﴾

މާނައީ: “އެނަރަކައިގެ ފާރަވެރިންގެގޮތުގައި ގަދަފަދަވެގެންވާ ހަރުކަށި މަލާއިކަތްބޭކަލުންވެއެވެ.”ގަދަފަދަ އަދި ބިރުވެރި ސިފަޔަކަށް އުފައްދަވާފައިވާ ބިޔަބޮޑެތި މިބޭކަލުންގެ ހިތްޕުޅުން ކުލުނުވެރިކަންވަނީ ނިގުޅައިގަނެވިފައެވެ. ކުލުނުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް މިބޭކަލުންގެ ހިތްތަކުގައި ނުވެއެވެ. މިބޭކަލުންގެ ބައެއްސިފަތައް ބަޔާންކުރެއްވުމަށްފަހު މާތް ﷲ سبحانه وتعالى އެބޭކަލުންގެ ކިޔަމަންތެރިކަން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ.

﴿لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ﴾

މާނައީ “އެބޭކަލުންނަކީ މާތް ﷲ سبحانه وتعالى އަށް އުރެދުމެއްނުވާ އަމުރުވެވިގެންވާގޮތައް އަމަލުކުރައްވާ ބޭކަލުންނެވެ.” އެބަހީ ﷲ سبحانه وتعالى ގެ ކޮންމެ އަމުރުފުޅެއް ވަގުތުން ތަންފީޒު ކުރައްވަވައެވެ. އެސްފިޔަޖަހާއިރު އެހޭދަވާމިންވަރުގެ ވަގުތުކޮޅެއްވެސް ލަސްނުކުރައްވަވައެވެ. އަދި އެބޭކަލުންނަކީ އެއަމުރުފުޅުތައް ތަންފީޒުކުރުމުގެ ފުރިހަމަ ގާބިލުކަން މާތް ﷲ سبحانه وتعالى ދެއްވާފައިވާ ބައެކެވެ. އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ. “އެއީ ޒަބާނިއްޔަ މަލާއިކަތްބޭކަލުންނެވެ. އެބޭކަނުންގެ ކިބައިން ﷲ سبحانه وتعالى ރައްކާތެރިކަން ދެއްވާށިއެވެ.”

އާދެ! އަހިވަކާޖެހި އަހިވަށް ފާވާބީދައިން ފަރުދަކާޖެހި ފަރުދެއް ރަށަކާޖެހި ރަށެއް އަދި އަތޮޅަކާޖެހި އަތޮޅެއް ޖާހިލުކަމާއި ޣާފިލުކަމުގެ ކަނޑަށް ގެނބި ޣަރަގުވާން ދޫކޮށްނުލައްވާ، އިސްލާހުގެ ކަމަރުބަންނަވާ، އިސްލާމްކަމުގެ ނަވަށް ސަވާރުވެ ވަގުތުން ދަތުރު ފަށަމާތޯއެވެ.

 

މަސްދަރު: ދިސަލަފިއްޔާ

2