ނަޞޭޙަތާއި އިރުޝާދު
ކޮންމެ މަޔަކު އަދި ބަފަޔަކު ކިޔާލަންޖެހޭ ވާހަކައެއް

ދަރިންނަށް ފާގަތި މުސްތަޤްބަލެއް ލިބުން އެދޭނަމަ ޞާލިޙް ބައްޕަޔަކަށް/މަންމަޔަކަށް ވާށެވެ.
މޫސާ ޢަލަހިއްސަލާމް އާއި ހެޔޮލަފާ އަޅެއްގެ ވާހަކަ سورة الكهفގައި އައިސްފައިވެއެވެ. މިދެބޭފުޅުން އަވަށަކަށް ގޮސް އެހީއަށް އެދުމުން ފެންފޮދެއްހާ މިންވަރެއްވެސް ނުލިބުނެވެ. އެއަށްފަހު ކުރިއަށް ދަނިކޮށް ވެއްޓެން ކައިރިވެފައިވާ ފާރަކާއި ލައިގަތެވެ. خضر ( ސާލިހު އަޅާ) އެފާރު ސީދާކުރެއްވިއެވެ. އެކަމާއި ބެހޭގޮތުން ސުވާލުކުރެވުމުން ބުންޏެވެ. އެފާރަކީ މިއަވަށުގެ ޔަތީމުދެކުދިންނަށް ނިސްބަތްވާ ފާރެކެވެ. އެފާރުގެ އަޑީގައި ޚަޒާނާއެއް ވަޅުލެވިފައިވެއެވެ. އެކުދިންގެ މައިންބަފައިންނަކީ ޞާލިހު އަޅުންނެވެ. މައިންބަފައިންގެ ޞާލިހު ޢަމަލުތަކުގެ އަސަރު އެކުދިންނަށް ފޯރާނެ ގޮތް ﷲ މިންވަރުކުރެއްވިއެވެ.
“وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنْزٌ لَهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَنْ يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنْزَهُمَا رَحْمَةً مِنْ رَبِّكَ وَمَا فَعَلْتُهُ عَنْ أَمْرِي ذَلِكَ تَأْوِيلُ مَا لَمْ تَسْطِعْ عَلَيْهِ صَبْرًا” (82) سورة الكهف
” އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، صالح މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأى އަކަށް ނޫނެވެ.”

މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ تفسير އެވެ.

ތަފްސީރުގައި ރާޒީ ވިދާޅުވިއެވެ. ” އެފާރު ހުރީ ވެއްޓެން ގާތްވެފައެވެ. އެފާރުވެއްޓުނުނަމަ އޭގެދަށުގައިވާ ޚަޒާނާ ބޭކާރުވެދިޔައީހެވެ. އެހެންކަމުން الله އިރާދަކުރެއްވީ އެޚަޒާނާ ޙައްޤުވާ ޔަތީމުންނަށް ލިބުމަށެވެ. އެކުދިންގެ ޙައްޤާއި އެކުދިންގެ ޞާލިހު މައިންބަފައިންގެ ޙައްޤު ރައްކާތެރިވުމަށެވެ. އެހެންކަމުން ތިމަންނައަށް (خضرގެފާނަށް) އަމުރުކުރެވުނީ އެހެޔޮކަން ރައްކާތެރިކުރުމަށް އެފާރު ސީދާކުރުމަށެވެ.
تفسير الرازي 10/343.

ތަފްސީރުަގައި އިބްނުކަޘީރު ވިދާޅުވިއެވެ. “{ وَكَانَ أَبُوهُمَا صَالِحًا } މިއާޔަތުން ދަލީލުކޮށްދެނީ ޞާލިހު މީހުންގެ އަޅުކަމުގެ ބަރަކާތުގެ ހެޔޮ އަސަރު އެބައިމީހުންގެ ދަރިންނަށްވެސް ފޯރާނެކަމުގައެވެ.
تفسير ابن كثير 5/185

މާތް ޞަޙާބީ عبدالله بن مسعود رضي الله عنه ދަމުނަމާދު ކުރައްވާއިރު އެކަލޭގެފާނުގެ ދަރިފުޅު ކައިރީގައި ނިދާފައޮވެއެވެ. އޭނާއާއި ދިމާލަށްބަލާލެވޭހިނދު (ހިތްޕުޅުން) ވިދާޅުވެއެވެ. ދަރިފުޅާއެވެ. ތިބާއަށްޓަކައިއެވެ. އަދި ކީރިތިކުރައްވަމުން ކިޔަވައެވެ. \”وكان أبوهما صالحا”

ނަފްސު އިސްލާޙްކޮށް ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ބައްޕައެއްގެ މައްޗަށް އަދި ކޮންމެ މަންމައެއްގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ.

47