ޚަބަރު
ދޮގު ޚަބަރު ފަތުރާ މީހާއަކީ މުޖްތަމަޢުގައި ހިމެނޭ ވިހަ ގުނަވަނެއް

ދޮގު ޚަބަރު ފަތުރާ މީހާއަކީ މުޖްތަމަޢުގައި ހިމެނޭ ވިހަ ގުނަވަނެކެވެ. އޭނާއަކީ އޭނާގެ ޠަބީޢަތުގައި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެކެވެ. ދޮގު ޚަބަރު ފެތުރުމަކީ، ދީނާ ދެކޮޅަށް ހިންގޭ ޖަރީމާއެކެވެ. އަދި އެއީ، މުޖްތަމަޢުގެ އަމަން އަމާންކަމުގެ ނަގާލުމަށް ކުރެވޭ ނުބައި ޢަމަލެކެވެ. އޭގެ ސަބަބުން މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ނެތިވެ، ޤައުމުގެ ވަޙްދަތު ގެއްލިގެންދެއެވެ. މޫސާގެފާނާ ދެކޮޅަށް ފިރްޢައުނު ގެންގުޅުނު އެންމެ ވަރުގަދަ ހަތިޔާރަކީ އެކަލޭގެފާނާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ފެތުރުމެވެ.

ﷲގެ ދީނަށާއި، އެ ދީނުގެ ޙުކުމްފުޅުތަކަށާއި، ދީނުގައި ކަނޑައަޅުއްވާފައިވާ ޢުޤޫބާތްތަކަށް ބަދުބަސްބުނެ ފުރައްސާރަކޮށްގެން ނުވާނެއެވެ. އަދި ތިމާ ފަތުރާ ޚަބަރަކުން އެއްވެސް މީހެއްގެ ޢިއްޒަތާއި އަބުރަށް އުނިކަމެއް އައިސްގެން ނުވާނެއެވެ. އެއްވެސް މީހެއްގެ ޒާތީ ކަންކަމުގެ މަޢުލޫމާތުތައް އެހެން މީހުންނަށް ހާމަކޮށްގެން ނުވާނެއެވެ. މިއީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. ރަސޫލު ދޮގު ވާހަކަތައް ހަދައި، މީހުންގެ ޢިއްޒަތާއި އަބުރު ނަގައިލުމަކީ މުސްލިމުންގެ ސިފައެއްނޫނެވެ. ޢިއްޒަތަކީ ވަކި މީހަކަށް، ނުވަތަ ވަކި ބަޔަކަށް މާތް ﷲ ދެއްވާފައިވާ އެއްޗެއް ނޫނެވެ. އެންމެ މޮޅުމީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއަށް ވެސް އަބުރާއި ޢިއްޒަތް ލިބިގެން ވެއެވެ. މުއްސަދިންނާއި ބާރުވެރިން އެބައިމީހުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށް އެދޭ ފަދައިން، އަނެކުންގެ އަބުރާއި ޢިއްޒަތް ރައްކާތެރި ކުރުމަށް ވެސް އެދެން ވާނެއެވެ. އަދި ހުތުރު ނަންނަމުން މީހުންނާ މުޚާޠަބުކުރުމާއި ހުތުރު ބަސްތައް ބުނުމަކީ މާތް ﷲ ރުހިވޮޑިގެންވާ ކަމެއް ނޫނެވެ. އަދި، މާތް ﷲ އިންސާނާ އުފައްދަވާފައިވާ ރީތި ސިފަ ބަދަލުކޮށް، ކާޓޫނު ކުރަހައި ހުތުރު ގޮތްގޮތަށް މީހުންގެ ސިފަ ބަދަލު ކުރުމަކީ މުސްލިމަކު ކުރުން ހުއްދަ ކަމެއް ނޫނެވެ. މިއީ ވަރަށް ނުބައިކަން ބޮޑު ކަމެކެވެ.

މުސްލިމުން ވާންޖެހޭނީ އެމީހުން ކުރާ ކޮންމެ ކަމެއްގައި ވެސް ތެދުވެރި ބަޔަކަށެވެ. ތިމާކުރާ ވިޔަފާރި އާއި، މުޢާމަލާތާއި، ބުނާ ބަސްތަކާއި، ފޯރުކޮށްދޭ މަޢުލޫމާތާއި ޚަބަރާއި އަދި ކުރާ މަސައްކަތުގައި ތެދުވެރިންނަށެވެ. މުސްލިމުންނަށް އެމީހުންގެ އީމާންކަން ލާޒިމުކުރަނީ ތެދުވެރިވުމަށެވެ. ތެދުވެރިކަމަކީ އަޚްލާޤީ ސިފަތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ސިފައެވެ.

0