އަޚްލާޤު
އިމާމުލް ބުޚާރީ އާއި އެއްހާސް ދީނާރު

އިމާމުލް ބުޚާރީ (ރަހިމަހުﷲ) ޢިލްމު ހޯދުމަށްޓަކައި އެއްފަހަރެއްގައި ކުރެއްވި ދަތުރެއް ފެއްޓެވީ އެއްހާސް ދީނާރު ހިއްޕަވައިގެންނެވެ. މި ދަތުރުގެ އެއް ބައިވެރިޔަކު އެކަލޭގެފާނާއި ވަރަށް ގާތްކޮށް ވާހަކަ ދައްކާ އެކަލޭގެފާނާއި ވަރަށް ގާތް ގުޅުމެއް ބަދަހި ކުރަމުން ގެންދިޔައެވެ. އެކަލޭގެފާނު އަރިހުގައި މި މީހާ ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. ދިގު ދަތުރު ތަކުގައި އެކުވެރިކަން ވަރަށް އަވަހަށް އާލާވެ ވަރުގަދަވެއެވެ. މި ގޮތަށް ދަތުރު މަތީގައި އިމާމުލް ބުޚާރީ މި މީހާއާއި އެއްކޮށް ހޭދަކުރަމުން ދިޔަ ވަގުތެއްގައި އެއްހާސް ދީނާރު އެކަލޭގެފާނު އަތުގައި އޮތް ވާހަކަ މި މީހާ ގާތު ބުނުއްވިއެވެ.

މި ދީނާރު ދަބަހުގެ ވާހަކަ ދެއްކެވި ދުވަސް ނޫން އަނެއް ދުވަހު ހެނދުނު އެ މީހާ ތެދުވެ ރޮއެ، ހަޅޭއްލަވާ، ހެދުން ވީދާ އަދި އަމިއްލަ މޫނުގައި ތަޅާ ހަދަންފެށިއެވެ. އޭނާއަށް ބޮޑު ގެއްލުމެއް ވެގެން އުޅޭ ކަހަލަ ގޮތަކަށެވެ. ދަތުރު ކުރަމުން ދިޔަ އުޅަނދުގެ މީހުން އޭނާ ގާތު ކޮން ކަމެއް ގޯސްވެގެން ތޯ ސުވާލު ކުރިއެވެ. ނަމަވެސް ފުރުތަމަ އެމީހާ އުޅުނީ ޖަވާބު ނުދޭށެވެ. އޭނާ އަށް ދިމާވި ކަމުގެ ބޮޑު ކަމުން ލިބުނު ސިހުމުގެ ތެރޭގައި އަދި ވެގެން އުޅޭ ގޮތް ބުނެވޭ ވަރު ނުވާކަން ދައްކާ ކަހަލަ ގޮތަކަށެވެ. މި މީހާ އުޅޭގޮތް ފެނި ދަތުރުގެ އެހެން ބައިވެރިން ކުރުނުކޮށް ވެގެން އުޅޭ ގޮތް ބުނުމަށް އޭނާ ގާތު އެތައް ފަހަރަކު އެދުމުން އެންމެ ފަހުން ”މަގޭ އެއްހާސް ދީނާރު އަޅާފައި އޮތް ދަބަސް ގެއްލިއްޖެ“ މިހެން ބުންޏެވެ.

ދަތުރު ކުރަމުން ދިޔަ އުޅަނދުގެ ފަޅުވެރިންގެ އިސް މީހާ ހުރިހާ ދަތުރުވެރިން ބަލާ ފާސްކުރަން ފަށައިފިއެވެ. ފަހަރަކު މީހަކު ބަލާ ފާސްކުރަމުން ދިޔައެވެ. ކަން ވަމުން ދާގޮތް އިމާމް ބުޙާރީއަށް އެނގިވަޑައިގަތެވެ. އެހެންކަމުން އެއްވެސް މީހަކު ބަލަން ނެތް ވަގުތެއް ބަލާފައި އުޅަނދުގެ އެއްފަރާތަކުން އެ ދީނާރު ދަބަސް ކަނޑަށް އެއްލާ ލެއްވިއެވެ. މީހުން ބަލާ ފާސްކުރަމުން އައިސް އެކަލޭގެފާނާއި ޖެހި އެކަލޭގެފާނު ފާސްކުރި އިރުވެސް އެ ދީނާރު ދަބަހެއް ނުފެނުނެވެ. އަދި މުޅި އުޅަނދާއި ހުރިހާ ދަތުރުވެރިން އެއްކޮށް ހޯދާ ބެލިއިރުވެސް އެއްވެސް ދީނާރު ދަބަހެއް ފެންނަގޮތެއް ނުވިއެވެ. މި ގޮތަށް ދޮގު ވާހަކައެއް ދައްކައިގެން ފަޅުވެރިންނަށް އެހާ ބޮޑު އުނދަގުލެއް ކުރިމަތި ކުރިވީތީވެ އެމީހުން މި މީހާއަށް އެއްޗެހި ގޮވާ އަނިޔާކުރިއެވެ. މިހެން ދަތުރުކުރަމުން ގޮސް އެންމެ ފަހުން ދާން ކަނޑައެޅިފައިވާ ތަނަށް އުޅަނދު މަޑުކޮށް މީހުން ފައިބަން ފަށައިފިއެވެ. އެވަގުތު އެއްކަލަ މީހާ އިމާމް ބުޙާރި ގާތު އެ ދަބަހަށް ހެދީ ކިހިނެއްތޯ ސުވާލު ކުރިއެވެ.

”އެ ދަބަސް ކަނޑަށް އެއްލާލީ“ އިމާމުލް ބުޚާރީ ޖަވާބު ދިނެވެ.

”އެހާ ބޮޑު އަދަދެއްގެ ދީނާރު ގެއްލުމުންވެސް ހަމަ އެއްވެސް މާޔޫސްކަމެއްނެތި ކެތްތެރިކަމާއި އެކު ތިޔަ ހުންނަނީ ހެއްޔެވެ؟“ ވަރަށް ކަންބޮޑުވެހުރެ އެމީހާ އެހިއެވެ.

”އޭ މިހިރަ ޖާހިލު މީހާއެވެ.“ އިމާމުލް ބުޚާރީ ވިދާޅުވިއެވެ.

”ރަސޫލާ (ސައްލައްﷲ އަލައިހި ވަސައްލަމަ) ގެ ހަދީޡްތައް އެއްކުރުމުގައި އަހުރެންގެ މުޅި ހަޔާތް ހޭދަކުރިކަން ތިބާއަށް ނޭނގެނީ ހެއްޔެވެ. އަދި މުޅި ދުނިޔެ އަހުރެން ހާސިލްކޮށްފައިވާ ޢިލްމު ގަބޫލުކޮށް އިތުބާރު ކުރެއެވެ. ވީމާ އަހުރެންގެ މައްޗަށް ވައްކަމުގެ ތުހުމަތެއް ކުރެވުން އެއީ ޤަބޫލުކުރެވޭނެ ކަމެއްތަ؟ އަދި މުޅި އުމުރު ދުވަހުގެ މަސައްކަތުން ހޯދި މި އަގުބޮޑު އިތާމުތް (އެކަލޭގެފާނު ޢިލްމުވެރިއެއްގެ ގޮތުގައި ހޯދާފައިވާ ޢިލްމާއި ކާމިޔާބު) ދީނާރުކޮޅަކަށް ދޫކޮށްލަންވީތަ؟

8