އަޚްލާޤު
އިމްތިހާން

އަހަރުމެން މުސްލިމުންނަކީ އީމާންވެގެން ތިބި މީހުންނެވެ. ﷲގެ ނިޢުމަތްތައް ލިބިގެންވާ މީހުންނެވެ. ހައްޤުގެ މަގުގައި ތިބި މީހުންނެވެ. އެކަމަކުވެސް އަހަރުމެން މުސްލިމުންނަށް ބިރުވެރި ކަންކަމާ ކުރިމަތިލާން ޖެހެނީ ކީއްވެބާވައެވެ؟ އަހަރުމެން އީމާންވެގެން ތިބި ހާލުވެސް ހަޔާތުގައި ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެނީ ކީއްވެގެން ބާވައެވެ؟ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓަމުން ދާއިރުވެސް ދިރިއުޅުގައި މައްސަލަތައް ދިމާވަނީ ކީއްވެ ބާވައެވެ؟ މިއަދު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅެމުންދާ މުސްލިމުންގެ ހާލަތަށް ރިޔާއަތްކޮށް އަދި އިސްލާމްދީނަށް ޢަމަލުކުރާ މީހަކަށް ޢާއްމު ދިރިއުޅުމުގައި ކުރިމަތިވަމުންދާ ދަތި ތަކާއި އުނދަގޫތަކުގެ ސަަބަބުން މި ސުވާލުތައް ހިތަށް އެރުން ނުވަތަ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މި ސުވާލުގެ ޖަވާބު ކީރިތި ޤުރްއާނުގެ އެންމެ އާޔަތަކުންވެސް އަޅުގަނޑުމެންނަށް ލިބިދާނެއެވެ.

ސޫރަތުލް ޢަންކަބޫތުގެ ދެވަނަ އާޔަތް ބައްލަވާލައްވާށެވެ.  أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ . މި އާޔަތުގެ މާނައިގެ ދިވެހި ތަރުޖަމާއަކީ : ”މީސްތަކުން ތިމަންމެން އީމާންވެއްޖައިމުއޭ ބުނުމުން، އެއުރެން އިމްތިހާނު ނުކުރައްވާ ދޫކޮށްލައްވާނޭ ކަމަށް ހީކުރީ ހެއްޔެވެ؟“ މި އާޔަތުގައި ބަޔާންވެފައިވާ ފަދައިން އަޅުގަނޑުމެންނަށް އެނގިގެން ދަނީ މީހަކު އިސްލާމްދީން ޤަބޫލުކޮށް އީމާންވީ ކަމުގައި ވީނަމަވެސް އެމީހަކު ހުރިހާ ދަތި ތަކާއި، އުނދަގޫތަކުން ސަލާމަތްވުމުގެ ފާހެއް ނުލިބޭކަމެވެ. އޭގެ ބަދަލުގައި ﷲ އެމީހަކު އިމްތިހާން ކުރައްވައެވެ. އިމްތިހާނުކުރުމުގެ ބޭނުމަކީ އީމާންކަމުގެ ވަރުގަދަކަން ބެއްލެވުމެވެ. އޭނާ ވަނީ ފުރިހަމައަށް އީމާންވެގެންކަން، ހަމައެކަނި ދުލުން ބުނެލި ބަހެއް ނޫންކަން އަދި ހިތުގައި އެއްވެސް ޝައްކެއް ނެތްކަން ގިނަ ފަހަރު އެނގިގެން ދަނީ އުއްމީދު ގެއްލޭފަދަ އިމްތިހާނަކާ ކުރިމަތި ވުމުންނެވެ.

ހަޤީޤީ މުސްލިމަކީ ﷲ އިމްތިހާން ކުރެއްވުމަށް ކުރިމަތި ކުރައްވާ ދަތިތަކާއި އުނދަގޫ ހާލަތްތަކުގައި ވެސް އެއީ އިމްތިހާނެއްކަން ޤަބޫލުކޮށް، ﷲ އޭނާ ދޫކޮށްނުލައްވާނޭ ކަން ޔަޤީންކޮށް އަދި މިފަދަ ހުރިހާ ކަންކަމަށް ﷲ ނިމުމެއް ގެނެސްދެއްވާނޭ ކަމާއި މެދު ޝައްކުނުކުރާ މީހާއެވެ.

ހަޤީޤީ މުސްލިމަކަށް ވުމަށްޓަކައި ތިމާގެ ގައިގާ ސިފަތަކެއް އަށަގަންނުވަން އެބަޖެހެއެވެ. އޭގެތެރެއިން މުހިންމު ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. ފުރުތަމަ ކަަމަކަށް، ހުރިހާ ޝިރުކުތަކަކުން ދުރުހެލިވެގެންވާ މީހަކަށް ވާންޖެހެއެވެ. ﷲ ހަނދުމަކޮށް ޒިކުރު ކުރާ މީހަކަށް ވާންެޖެހެއެވެ. ގިނަގިނައިން ސަލާމް ގޮވުން އިތުރުކޮށް ބޭކާރު ވާހަކަ ތަކުން ދުރުހެލިވާން ޖެހެއެވެ. ތެދުވެރި މީހަކަށް ވާންޖެހެއެވެ. ސޫރަތުއް ތައުބާގެ 119 ވަނަ އާޔަތުގެ މާނައިގެ ތަރުޖަމާގައިވެއެވެ. “ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި ތިޔަބައިމީހުން ވާށެވެ.“ މީގެ އިތުރުން ތިމާއަކީ ހުލްޤު ހެޔޮ ދީލަތި މީހަކަށް ވާންޖެހެއެވެ. އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މީހަކަށް ވާންޖެހެއެވެ. ސޫރަތުއް ލުޤްމާނުގެ 18 ވަނަ އާޔަތުގެ މާނައިގެ ތަރުޖަމާގައިވެއެވެ. “ އަދި މީސްތަކުންނަށް ކިބުރުވެރިވެ ތިމާގެ ކޯތާފަތް އަނބުރާނުލާށެވެ! (އެބަހީ: މޫނު އަނބުރާނުލާށެވެ) އަދި ބޮޑާވެގެންވާ ހާލު ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހެއްދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.“ ހަމައެހެންމެ ފަރުޟު ފަސް ނަމާދު ޤާއިމުކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާ މީހަކަށް ވާންޖެހެއެވެ. އައްނިސާ ސޫރަތުގެ 103 ވަނަ އާޔަތުން ބައެއްގެ ތަރުޖަމާގައި ވެއެވެ. “ ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންގެ މައްްޗަށް ވަޤުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ.“ މި ސިފަތަށް ލިބިގެންވާ ބަޔަކު ކަމުގައި އަޅުގަނޑުމެން އެންމެން ލެއްވުން އެދި ދުޢާ ކުރަމެވެ. އާމީން

1