ޙަރާމް އެއްޗެއް ކައިގެން ހަށިގަނޑު ހެދި ބޮޑުވުމަކީ އިލާހީ ކޯފާ އެ ހަށިގަނޑަށް ވާޖިބު ވާ ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ޚުތުބާގައި ވިދާޅުވީ ” ޙަރާމް އެއްޗެއް ކައިގެން ހަށިގަނޑު ހެދި ބޮޑުވުމަކީ އިލާހީ ކޯފާ އެ ހަށިގަނޑަށް ވާޖިބު ވާ ކަމެކެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ހަދީޡްގެ މާނައިގައިވެއެވެ. “ޙަރާމް އެއްޗެއް ކައިގެން މަސްޖަހާފައިވާ ހަށިގަނޑެއް ސުވަރުގެ ނުވަންނަ ހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާކަން ބޮޑީ ނަރަކައެވެ.”
އިތުރަށް ޚުތުބާގައި ވިދާޅުވީ ” ލިބޭ އާމްދަނީ މަދުވީމާ ޙަލާލު ނޫން ގޮތުގައި ރިޒުޤު ހޯދުމަށް ޝައިޠާނާ މަގުދައްކާނެއެވެ. އަދި ނަފްސުވެސް އެކަމަށް އެއްބަސްވެދާނެއެވެ. ނަމަވެސް މުސްލިމުން މިފަދަ ޙާލަތެއްގައި ބަލަން ޖެހޭނީ އިސްލާމްދީން ދެއްވާފައިވާ އިރުޝާދަކީ ކޮބައިތޯއެވެ! އެއްވެސް ކަމެއް ކުރުމުގެ ކުރިން ދީނުގައި އެކަމެއް އައިސްފައިވާ ގޮތް ބެލުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ.”
މި މައުލޫގައި އިތުރަށް ޚުތުބާގައި ވިދާޅުވީ ” ރިޝްވަތަކީވެސް ޙަރާމް އެއްޗެކެވެ. ކަމެއް ޙާޞިލުކުރަން ބޭނުންވެފައިވާ މީހާ އެކަމެއް ޙާޞިލުކުރުމަށްޓަކައި ހޭދަކުރާ ހޭދައަކީ ރިޝްވަތެކެވެ. ވީމާ، މިފަދަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެހައި ލޮބުވެތި އަޚުންނަށް މި މަޤާމުގައި ހުރެ ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.”
އިތުރަށް ޚުތުބާގައި ވިދާޅުވީ ” އަޅުގަނޑުމެން ކުރާ ކަންކަން ދެމިއޮތުމާއި، އަދި ﷲތަޢާލާ އެކަން ޤަބޫލުކުރެއްވުމާއި، ނުކުރެއްވުމުގައި ބަލަންޖެހޭ ވަރަށް މުހިންމު އަސާސީ ޤަވާޢިދުތަކުގެ ތެރެއިން ޤާޢިދާއެއްވެއެވެ. އެ ޤާޢިދާއަކީ އަޅުގަނޑުމެން ކޮންމެހެންވެސް ޢަމަލު ކުރަންޖެހޭ ޤާޢިދާއެކެވެ. އެ ޤާޢިދާއަކީ ﷲ އަށްޓަކައި ކުރެވޭ ކަންކަން ދެމި އޮންނާނެކަމާއި، އަދި އެކަން ﷲތަޢާލާ ޤަބޫލު ކުރައްވާނެ ކަމެވެ. ﷲ އަށްޓަކައި ނޫން ގޮތަކަށް ކުރެވޭ ކަންކަމަކީ ފަނާވެ ނެތި ހިނގައިދާނެ ކަންކަމެވެ. އަދި ﷲތަޢާލާ ޙަޟްރަތުގައި މަޤްބޫލު ކަމަކަށްވެސް ނުވާނެ ކަންކަމެވެ. “