ނަޞޭޙަތާއި އިރުޝާދު
އަހަންނަށް ބާއްޖަވެރިކަން ލިބޭނީ ކޮންތާކުން؟

ބައެއް މީހުން ހީކުރަނީ ބާއްޖަވެރިކަން ލިބޭނީ މުދަލުންނާއި މުއްސަނދިކަމުންކަމަށެވެ. އަދި ބައެއްމީހުންނަށް ހީވެފައިވަނީ އެކަންވަނީ ޖާހާއި މަންޞިބުގައިކަމަށެވެ. އަދި ބައެއް މީހުން އެއަށް އެދިފައިވަނީ ޙަރާމް ކަންތައް ޙާޞިލުކޮށްގެންނެވެ. އެކަން ޙާޞިލުކުރުމުގައި މަޚްލޫގުންތައްވަނީ ވަރަށް ހަލުވި ހިނގުމެއްގައެވެ. އަދި އެކަން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރުމުގައެވެ.

ފަހެ އެއަށް ވާޞިލުވާމީހުންނާއި އޭގެން މަޙްރޫމުވާމީހުންވެއެވެ. އަދި ބާއްޖަވެރިކަން ޙާޞިލުވިކަމަށް ވަހުމުވަދެފައިވާ އަބާއްޖަވެރިންވެސްވެއެވެ. ފަހެ އެބައިމީހުން ދީނުގެ މައްޗަށް ދުނިޔެއަށް އިސްކަންދިނެވެ. އަދި އާޚިރަތުގެ މައްޗަށް ހަވާނަފްސަށެވެ. ފަހެ ވަހުމާއި ކަންބޮޑުވުމާ އެބައިމީހުން ކުރިމަތިލިއެވެ. އަދި ދިރިއުޅުން ދަތިވިއެވެ. އަދި ހިތާމަތަށްވެސް ތަޙައްމަލުކުރިއެވެ.

ﷲ އަށް ތަޤްވާވެރިނުވެ ބާއްޖަވެރިކަން ޙާޞިލެއްނުވާނެއެވެ. އެއީ އެއިލާހަށާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންގަތުމެވެ. އަދި ފާފަތަކާއި ނުބައިކަންތައްތަކާއި ދުރުހެލިވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا﴾ (سورة الأحزاب ٧٠-٧١)

މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. (އޭރުން) ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިޞްލާޙްކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲއަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ ކާމިޔާބަކުން އެމީހާއަށް ކާމިޔާބު ލިބިއްޖެއެވެ.”

ޝައިޚަލް އިސްލާމް ވިދާޅުވިއެވެ: “ﷲއާއި އެއިލާހުގެ ރަސޫލާއަށް އީމާންވުމަކީ ބާއްޖަވެރިކަން ޖަމާކުރެވޭކަމެކެވެ. އަދި އެއީ އޭގެ އަޞްލެވެ.” ފަހެ ދުނިޔަވީ ޙަޔާތާއި އޭގައިވާ އުފާތަކުގައި ތަޤްވާވެރިކަމެއްނުވާނަމަ ބާއްޖަވެރިކަމެއްނުވެއެވެ.

ޅެންވެރިޔާ ވިދާޅުވެފައިވެއެވެ:

ولست أرى السعادة َجمعَ مال … ولكنّ التقيّ هو السعيدُ

وتقوَى الله خيرُ الزاد ذخرا … وعند الله للأتقَى مَزِيدُ

މާނައީ: “ބާއްޖަވެރިކަމަކީ މުދާ އެއްކުރުންކަމުގައި އަހަރެން ނުދެކެމެވެ.

އެކަމަކު ބާއްޖަވެރިންނަށްވަނީ ތަޤްވާވެރިންނެވެ.

ފަހެ ތިބާ އެއްކުރާ އެންމެ ހެޔޮ ކޮއްތަކީ ﷲއަށް ތަޤްވާވެރިވުމެވެ.

އަދި ﷲގެ ޙަޟްރަތުގައި ތަޤްވާވެރިންނަށް އިތުރަށްވެއެވެ.”

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މަސްދަރު: ދިސަލަފިއްޔާ

0