މޫދުކައިރީގައި ދެކުއްޖަކު ދިޔައީ ވެލިން ބޮޑު ގެއެއް ތައްޔާރު ކުރަމުންނެވެ. އަހަރެން ޝައުޤު ވެރިކަމާއެކު އެކުދިން ކުރަމުންދިޔަ ކަންތައް ބަލަން ހުރީމެވެ. ގާތްގަނޑަކަށް ގެ ހަދާ ނިމުނުތަނާހެން ބޮޑުރާޅެއް ޖަހާ އެކުދީން އެހާ ބުރަ މަސައްކަތުން ތައްޔާރުކުރި ކުޅޭކުޅޭ ގެ އެއްކޮށް ބިމާ ހަމަކޮށްލައިފިއެވެ.
އަހަރެން ހީކުރީ އެދެކުދިންގެ މިބުރަމަސައްކަތް ރާޅާ ގިރާލުމުން އެ ދެކުދީން އެއްއަޑަކުން ރޯންފަށާނެކަމަށެވެ. ނަމަވެސް އެކަން ވީ އަހަރެން ހީކުރިގޮތަކަށް ނޫނެވެ. އެދެ ކުދިން ކުޑަވެސް ހިތާމައެއް ނުކުރެއެވެ. އޭގެ ބަދަލުގައި ހީލާފައި ތަންކޮޅެއް އެއްގަމަށް ޖެހިލުމަށްފަހު، ރާޅުނުޖަހާ ހިސާބުގައި އަނެއްކާވެސް ގެއެއް ހަދަން ފެށިއެވެ. ޢިބްރަތުން ފުރިގެންވާ އެމަންޒަރާއެކު އަހަރެންގެ ހިތް އަހަރެންނަށް ނަސޭހަތްތެރިވިއެވެ.
ނާކާމިޔާބުވުމުން އެކަމުގެ ސަބަބުތައް ހޯދާށެވެ. އެއަށްފަހު ފަހަތަށް ނުޖެހި ކުރިއަށްދާށެވެ. އަބަދުވެސް ތަޖުރިބާގެ ބޭނުން ހިފާށެވެ.