ނަޞޭޙަތާއި އިރުޝާދު
ފުން ކަނޑުގެ އަޑީގައި..!

ކީރިތި ޤުރުއާނުގައި ކަނޑާއި ބެހޭގޮތުން ބަޔާންގެންވާ ޙަޤީޤަތްތަކަކީވެސް ދާދިފަހުން ސައިންސްވެރީންނަށް ހޯދުނު ކަންކަމެވެ. އަދިވެސް ސައިންސްވެރީންށަށް އެއާމެދު އެއްޗެއް ބުނުމަށް ސާބިތު ހެކިލިބިފައި ނުވާކަންތައްތައް ޤުރުއާނުގައިވެއެވެ. ކީރިތި ޤުރުއާނުގައި ކަނޑާއި ބެހޭގޮތުންވާ ޢިލްމުތައް ހޯދުނީ ފަހުގެ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެތައް މަސައްކަތެއްކުރި ފަހުން ކަމަށް އިޢުތިރާފްވި އެކަކީ ޕްރޮފެސަރ ޝްރޯޑަރ އެވެ. އޭނާއަކީ ހުޅަނގު ޖަރުމަނުގައި އުޅުނު ފާހަގަކޮށްލެވޭ މޮޅު އޯޝަނަގްރާފަރެކެވެ. ސައިންސް ކުރިއަރާ ނަމަ ދީން ޖެހޭނީ އެއްފަރާތްވެ ބާކީ ވާންކަމަށް މީނާ ބުނާކަމަށްވިއެވެ.

އެހެނަސް ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތަރުޖަމާ އޭނާ އަޑު އެހީ އަންތަރީސްވެގެންވާ ޙާލުގައެވެ. އެއީ އިންސާނެއްގެ ބަސްތަކެއް ނޫންކަމަށް އޭނާ ބުންޏެވެ. އަދި ހަމައެހެންމެ އޯޝަނޮގްރާފަރަރ އެއްކަމަށްވާ ޕްރޮފެސަރ ޑޮރްޖާރޯ، ކީރިތި ޤުރުއާނުގެ މި އާޔަތުގެ ތަރުޖަމާ އަޑު އިވުމުން ސައިންސްގެ ފަހުގެ ހޯދުންތައް ބަޔާންކޮށްދިނެވެ.

”ނުވަތަ ފުންކަނޑެއްގައިވާ އަނދިރިގަނޑުތަކެއް ފަދައެވެ. އެ ކަނޑުގައި އުފެދެމުން އަންނަނީ މަތިމައްޗަށް ފެތުރިފައިވާ ރާޅުތަކެވެ. އޭގެ މަތީން މަތިމައްޗަށް ހުރި އަނދިރީގެ ވިލާތައްވެއެވެ. އެމީހާގެ އަތް ނެރުނަސް އެފެންނާން ގާތް ވެސް ނުވެއެވެ. ފަހެ އެމީހަކަށް ﷲ އަލިކަމެއް ލައްވާފައި ނުވާ މީހާ (ދަންނާށެވެ!) ފަހެ އެމީހާއަށް އެއްވެސް އަލިކަމެއް ނުވެއެވެ.“[1]

ޕްރޮފެސަރު ބުންޏެވެ. ކުރީ ޒަމާނުގައި، އެއްވެސް މީހަކަށް ވިހި މީޓަރަށް ވުރެ އަޑިއަކަށް ނުފީނެއެވެ. އެހެނީ އެޒަމާނުގައި އެކަމަށް ޚާއްޞަ ވަސީލަތްތަކެއް ހޯދިފައެއް ނުވެއެވެ. އެހެނަސް މިހާރު ކަނޑުގެ އެންމެ އަޑިޔާއި ހަމައަށް ފީނުމުގެ ޤާބިލްކަންދޭނެ އާލާތްތައް ހުރެއެވެ. ކަނޑު އަޑީން ދުއިސައްތަ މީޓަރަށް ދިޔުމުން ކަޅު އަނދިރިކަން މެނުވީ ނުވެއެވެ. މި އާޔަތުގައި ވަނީ ފުން ކަނޑެއްގެ ވާހަކައެވެ.

ކުލައިގެ ސްޕްކްޓްރަމްގައި އިންނަނީ ހަތް ކުލައެކެވެ. އެއީ ރަތް، ރީނދޫ، ނޫ، ފެހި، އޮރެންޖް… މިހެން ގޮސް ހަތް ކުލައެވެ. ކަނޑުގެ އަޑިއަށް ދިޔަވަރަކަށް މި ހަތްކުލައިގެ ތެރެއިން ފަހަރަކު ކުލައެއް ގެއްލެމުން ދެއެވެ. މިގޮތުން ގެއްލޭ ކޮންމެ ކުލައެއްގެ ސަބަބުން އިތުރަށް އަނދިރިވެއެވެ. ފުރަތަމަ އަޑިއަށް ދާން ފެށުމުން ގެއްލެނީ ރަތް ކުލައެވެ. ދެން އޮރެންޖް ދެން ރީނދޫ ކުލައެވެ. އެންމެ ފަހުން ގެއްލޭ ކުލައަކީ ނޫ ކުލައެވެ. ސްޕެކްޓްރަމްގެ ހަތް ކުލަ އެއްކޮށް ގެއްލެނީ ގާތްގަނޑަކަށް ދުއިސައްތަ މީޓަރަށް އަޑިއަށް ދިއުމުންނެވެ. އެ ހިސާބުގައި އެއްވެސް އަލިކަމެއް، އެއްވެސް ކުލައެއް ނުވާނެއެވެ. ކަޅު އަނދިރިކަން ފިޔަވެއެވެ.

މަތިމައްޗަށް ފެތުރިފައިވާ ރާޅުތަކުގެ ވާހަކައަކީ ވެސް މިޒަމާނުގެ ސައިންސް އިން ސާބިތުވެފައިވާ ވާހަކައެކެވެ. އެހެންކަމުން ޕްރޮފެސާ ޑޮރްޖާރޯއަށް ވެސް ޖެހުނީ މިއީ އިންސާނެއްގެ ފަރާތުން އައިސްފައިވާ ބަސްތަކެއް ނޫންކަމަށް އެއްބަސްވާށެވެ.

ނޯޓު: ކުރީގައި ބަޔާންކުރެވުނު ނޫރު ސޫރަތުގެ ސާޅީސް ވަނަ އާޔަތުގައި މާތް ﷲ ކަނޑުގެ ރާޅުތަކުގެ ވާހަކަ ބަޔާންކުރައްވާފައިވަނީ އަސްލުގައި ކާފަރުންގެ ޢަމަލުތަކަށް މިސާލުޖެއްސެވުމުގެ ގޮތުންނެވެ. ހަމައެފަދައިން އެމިސާލުގައި ކަނޑު އަޑީގެ ހަޤީޤަތް ކަނޑުތަކާއި އެނޫންވެސް އެންމެހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެ ފުރިހަމައަށް ބަޔާންކުރައްވާފައިވަނީއެވެ.

[1]  ސޫރަތުއްނޫރުގެ ސާޅީސް ވަނަ އާޔަތުން ދޭހަވާ މާނަ.

0