ނަޞޭޙަތާއި އިރުޝާދު
ޞަދަޤާތް ކުރުން – ހުރިހާ ބައްޔަކަށް ޝިފާ އެއް

ތަފާތު ވައްތަރުގެ ބަލިތައް ފާޅުވަނީއެވެ. އެއަށްކުރާނެ ފަރުވާ ހޯދަން ސައިންސާއި ބޭސްވެރިކަން ވަނީ ނުކުޅެދިފައެވެ. އެހެންނަމަވެސް މާތް ﷲ ބޭސް ނުލައްވާ ބައްޔެއް ދުނިޔެއަކަށް ނުފޮނުއްވައެވެ. އެކަމަކު ފޮރުވިފައިވާ ޙިކުމަތަކަށްޓަކައި ﷲ ވަނީ، ފަރުވާނޭނގޭ ބަލިބަލީގެ، ފަރުވާ ސިއްރު ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.{{ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ}} މާނައަކީ: “ މީސްތަކުންކުރި ނުބައި ކަންކަމުގެ ސަބަބުން އެއްގަމާއި ކަނޑުގައި ފަސާދަ ފާޅުވެއްޖެވެ. އެއީ އެބައިމީހުންނަށް އޭގެ ރަހަ ދެއްކުމަށް ޓަކައެވެ. އަދި އޭގެސަބަބުން އެމީހުން ހެޔޮމަގަށް ރުޖޫޢަވޭތޯއެވެ“. އަދިވެސް ވަޙީކުރައްވައެވެ. {{ وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ }} މާނައީ: ”ތިޔަބައި މީހުންނަށް ދިމާވާ މުޞީބާތްތަކަކީ ހަމަ ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ލިބިގަތް ކަންކަމެވެ“.

ބަލިތައް އިތުރުވެ، އެއަށްދޭނެ ފަރުވާ ނުހޯދިއޮތް އެންމެބޮޑު އެއް ސަބަބަކީ މީހުން ކުރާ ނުބައި ޢަމަލުތައް ގިނަވުންކަން އެއީ ޔަގީނާ ގާތަށް އެނގޭކަމެކެވެ. ރިބާ ހުއްދަ ކުރަމުން އޭގެ މުޢާމަލަތުގައި ބައިވެރިވެ އެ ރިބާކަނީއެވެ! ޒިނޭހުއްދަކުރާޙާލު ޒިނޭވެސް ކުރަނީއެވެ! ނަމާދު ކުރާމީހުންގެ ޢަދަދުއެހާމެ މަދެވެ. މުދަލުޒަކާތް އެއީ ނެރެން ކޮންމެހެން ޖެހޭ އެއްޗެއްކަން އެނގެނީވެސް މަދު ބަޔަކަށެވެ. އެނގޭ މީހާއަށް ވެސް އެ ނެރުން އޮންނަނީ އެހާމެ އުނދަގޫ ކަމަކަށް ވެފައެވެ. މިހެންގޮސް މިލިސްޓު ވަރަށް ދިގުކޮށް ބަޔާން ކުރެވިދާނެއެވެ.

ހެޔޮމަގަށް ގޮވަލާ މިކަންކަން ބަޔާންކޮށްދިނުން މަނާކުރުން އެއީ ބައެއްމީހުންގެ ޝައުގަކަށް ވަނީވެފައެވެ. ލޯތަކުން އޮހެނީކަރުނައެވެ. ހުރިހާ ޝަކުވާއެއް ދަންނަވަނީ ހުސްޠާހިރުވަންތަ ﷲ އަށެވެ. އަދި އެފަދަ މީހުންނަށް ކުޅަދުންވަންތަ މާތްﷲ ގެ މިއާޔަށް ހަނދާންކޮށްދެމެވެ.{{وَلاَ تَحْسَبَنَّ اللَّهَ غَافِلاً عَمَّا يَعْمَلُ الظَّالِمُونَ}}މާނައީ: ”އަނިޔާވެރީން ކުރަމުންދާ ކަންކަމާމެދު ﷲ ޢާފިލުވެ ވޮޑިގެންވާކަމަށް ފަހަރެއްގައިވެސް ހީނުކުރާށެވް“.

މާތް ﷲ، އެއިލާހުގެ އަޅުތަކުންނަސް ބަލިޖައްސަވަނީ އިމްތިހާން ކުރެއްވުމަށެވެ. ބަލީގެ މުޞީބާތް ކުރިމަތި ވުމަކަށް ރަސްކަލެއް، ވަޒީރެއް ނެތެވެ. މުއްސަނދި މީހާއަކީ ފަޤީރު މީހާއަކީ މިކަމުގައި ވަނީ ހަމަހަމައެވެ. ބޮޑުމީހެއް ކުޑމީހެއް ނުބަލައެވެ.ކޮންމެ ގެއަކަށްވެސް ޒިޔާރަތް ކޮށްފާނެއެވެ. ކޮންމެ ކުލައެއްގެ ދޮރެއްގައިވެސް ޓަކިޖަހާފާނެއެވެ.

ދުނިޔޭގައިވާ އެންމެހާ ބަލިމީހުންނަށް ﷲގެ ޙަޟްރަތުން ފުރިހަމަ ޝިފާއަށް އެދި ދުޢާ ކުރަމެވެ. އެމީހުންގެ ވޭނާއި ކެކުޅުންތައް، އުފަލާއި ހިތްހަމަ ޖެހުމަށް ބަދަލުކުރަށްވާދޭނވެ. އާމީން!

ބަލިމީހާ ބަލިތަންމަތީގައި ރޮއި ހިތާމަ ކުރަނީއެވެ. ފުރިހަމަ ޞިތްހަތުގައި ތިބި މީހުން އެމީހަކު ހިތުހުރި ގޮތަކަށް ހީސަމާސާކޮށް ހަދަމުން ޢުމުރުގެ ދުވަސްތައް ހޭދަ ކުރަނީއެވެ. ނަމަވެސް ފުރިހަމަ ޞިއްޙަތުގެ އަހުލުވެރިންނަށް އޮތީ،އެމީހުންގެ ފުރިހަމަ ޞިއްޙަތަށްޓަކައި ﷲ އަށް ޢަމަލާއި ބަހުން ޝުކުރު ކުރުމެވެ. ބަލިތަންމަތީގައި ތިބި އަޚުންނާއި އުޚްތުންނަށް ހެޔޮދުޢާކުރުމެވެ.

މިހެނީ ބަލި ތަންމަތީގައިވާމީހާ އެހެރީ އޭނާގެ މިލްކިއްޔާތުގައި ވާހައިތަކެތި ހޭދަކޮށްގެންވެސް ޝިފާ ހޯދުމަށް ތައްޔާރަށެވެ.

އޭ އަޅުގަނޑު ހެޔޮ އެދޭ ނިކަމެތި ބަލި މީހާއެވެ! ފަހަރެއްގައިވެސް އަޅުގަނޑުގެ ބޭނުމަކީ ތިބާގެ ބަލީގެ ޒަޚަމްތައް ފުންކޮށް އޭގައި އަޅާ ވޭންތައް އިތުރު ކުރުމެއް ނޫނެވެ. މަޤްޞަދަކީ ބޭހެއް ބުނެ ދިނުމެވެ. رسول الله صلى الله عليه وسلمޙަދީޘް ކުރެއްވިއެވެ. ((داووا مرضاكم باالصدقة)) މާނައީ: “ ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާކުރާށެވެ“.

އާއެކެވެ. ޞަދަޤާތް ކުރާށެވެ. ފަހަރެއްގައި ތިބާއަށް އެއީ ބޮޑުއެއްޗެއްކަމުގައި ވުންވެސް އެކަށީގެންވެއެވެ. އެކަމަކުވެސް އެކަން ތިބާ ކުރަނީ ﷲގެ ޙަޟްރަތުން ޝިފާއަށް އެދިގެންކަން ހަނދާނުގައި ބަހަށްޓާށެވެ.

ތަޖުރިބާ ކުރައްވާށެވެ. ޞަދަޤާތް ދިނުމުގައި ތެދުވެރިވާށެވެ. ފަޤީރުންނަށް ކާންދޭށެވެ. ޔަތީމު ކުދިންނަށް އެހީވާށެވެ. ދިގުދެމިގެންވާ ޞަދަޤާތް ކުރާށެވެ. ހަމަކަށަވަރުން ޞަދަޤާތް ކުރުމުން ބަލިތަކުންނާއި މުޞީބާތްތަކުން ﷲ ތިބާ ސަލާމަތް ކުރައްވައެވެ. މިކަން ﷲ ގެ އަޅުންވަނީ ތަޖުރިބާ ކުރައްވާފައެވެ. މީގެ ސަބަބުން ﷲ ގެ ރަޙުމަތުން އެބައިމީހުންވަނީ ޖިސްމާނީ ފައިދާއަށްވުރެބޮޑަށް ރޫޙާނީ ފައިދާ ހޯދާފައެވެ. ފާއިތުވި ޖީލުތަކުގެ ޞާލިޙު އަޅުންވަނީ އެމީހުންގެ ބަލިބައްޔަށާއި މުޞީބާތްތައް އުފުއްލެވުމަށް އެދި މިލިޔަނުން ހޭދަ ކުރަށްވާފައެވެ. ކޮންމެ މީހަކުވެސް ހޭދަ ކުރާނީ ލިބޭ މިންވަރަކުންކަން ޔަޤީނެވެ. ވީމާ، މުށް ބާރު ނުކުރަށްވާށެވެ. ނަފްސަށް ދަހިވެތި ނުވާށެވެ.

މިކަމަށް ބާރުދޭނެ ޙަޤީޤީ ޙާދިޘާތައް އެބަހުއްޓެވެ. އެއްދުވަހަކު ޢަބްދު ﷲ ބުނު އަލްމުބާރަކު ގެ އަރިހަށް މީހަކު އައިސް ޝަކުވާ ދަންނަވަނީ، ތަފާތު ޑޮކްޓަރުން ލައްވައި ތަފާތު ފަރުވާކުރުމުން ވެސް އެމީހާގެ ދެކަކުލަށް ދިމާވެފައިވާ ބަލި ފަސޭހައެއް ނުވި ވާހަކައެވެ. އެހިނދު ޢަބްދު ﷲ ބުނު އަލްމުބާރަކު އެމީހާއަށް ބުންޏެވެ! ފެނަށް ބޭނުން ޖެހިފައިވާމީހުން ފެންބޯނެ ވަޅެއް ހަދައިދޭށެވެ. ދެން ފަހެ އޭނާ އެކަން ކޮށްފިއެވެ. އަދިއޭނާގެ ބަލި ހުރިހާ ކަމަކަށްމެ ކުޅަދުންވަންތަ މާތް ﷲ ގެ ރަޙްމަތްފުޅުން ރަނގަޅުވެއްޖެއެވެ.

އަދި މިނޫނަސް ކެންސަރުގެ ޝިކާރައަކަށް ވެފައިވާ ބަލިމީހަކު، ޔަތީމު ކުދިންތަކެއްގެ މަންމައަކަށް ޞަދަޤާތްދީފައި، ދެން ބަލީގެ ތަޙްލީލުތައް ކުރިއިރު ﷲ ގެ ކުޅަދުން ވަންތަކަމުން ބައްޔެއް ނެތުމުން ޑޮކްޓަރުން ޙައިރާންވި ވާހަކަ އަކީވެސް ވަރަށް މަޝްހޫރު ހަގީގީ ވާހަކައެކެވެ.

އަދިވެސް އަޑު އައްސަވާށެވެ! ކަރު ތެރެއަށް ބައްޔެއް ޖެހިފަވާ ލޯބިލޯބި އަންހެން ކުއްޖެކެވެ. ފަރުވާ ހޯދުމަށް ދިޔަ ހޮސްޕިޓާތައް ޢަދަދު ކުރަން ފަސޭހައެއްނޫނެވެ. ތަފާތު ކުލަކުލައިގެ ތަފާތުފެންވަރުގެ ޑޮކްޓަރުންނެވެ. ވާ ހަމައެއްކަމެއްވެސް ނެތެވެ. މީގެ ސަބަބުން އެމަޢްޞޫމް ކުއްޖާގެ މަންމައަށްވެސް އަސަރުތަކެއް ކުރަން ފަށައިފިއެވެ. މުޅި ޢާއިލާ އެކަމުގައި ހިތާމަ ކުރަނީ އެވެ. މާތް ﷲ ގެ ކުޅަދުން ވަންތަކަމާއެވެ. ބަލި އަޅުންނަށް ކެތްތެރިކަން ދެއްވާށިއެވެ! ބަލި ތަންމަތީގައި ދުވަސްތަކަށް ވޭތިކުރަމުން އައިސް، އެއްދުވަހަކު ބަލީގެ ވޭން ކުޑަވުމަށް އެދި އިންޖެކްޝަނެއް ޖެއްސީއެވެ. އުއްމީދުގައެވެ. ލޯބިވާ ދަރިފުޅުވިއްޔާއެވެ. ޒަމާންތަކަކަށްފަހު ގޭގައިހުއްޓާ ފޯނު ރިންގުވިއެވެ. ވަރަށް މާތް އަޑަކުން ސަލާމް ގޮވާލާ ދަރިފުޅުގެ ވާހަކަ އަހާފައި، ދަރިފުޅުގެ މައްޗަށް ޞަދަޤާތް ކުރަން ނަޞޭޙަތްތެރި ވިއެވެ. އަދި ކުރީގައި ބަޔާން ކޮށްފައި އެވާ ޙަދީޘްވެސް ކިޔައި ދިނެވެ. ޖަވާބުގައި ކުއްޖާގެ މަންމަ ޞަދަޤާތް ކުރާވާހަކަ ބުނުމުން އެމީހާ ބުންޏެވެ! ތިބާއަކީ ﷲ ގިނަ މުދާތަކެއްދެއްވި މީހެއް ނޫންހެއްޔެވެ. ވީމާ ގިނައިން ހޭދަކުރާށެވެ. ޖެހިގެން އައި ދުވަހު ސަވާރީއަށް ހަނޑުލާއި ފުށާއި ސާމާނު އަރުވައިގެން ގޮސް ބޭނުންޖެހިފައި ވާމިހުންނަށް ބެހިއެވެ. މީގެ ސަބަބުން އެމީހުންގެ މޫނުތަށް ވަނީ އުޖާލާވެފައެވެ. އެންމެންވެސް ތިބީ އުފަލުން ނެވެ. ދެންފަހެ އެމަންމަ ބުންޏެވެ! “ ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އެދުވަހު އެ ޖެއްސި އިންޖެކްޝަނަށް ފަހު އެއްވެސް ފަރުވާއެއް ނުކުރަމެވެ. ޞަދަޤާތުގެ ސަބަބުން ޝިފާދެއްވީ ﷲ އެވެ. ﷲ އަށް ޙަމްދާއި ޝުކުރު ހުއްޓެވެ.“

 

މަސްދަރު: ނޫރުލްއިސްލާމް

3