ޚަބަރު
އިސްލާމީ ރިވެތި ސަލާމުގެ ބަދަލުގައި ”ހަލޯ“، ”ހައި“ ކިޔުމަކީ ﷲ ގެ ރަޙުމަތާއި އެކަލާނގެ އޯގާވަންތަކަން ބޮލާލާ ޖެހުން ކަމުގައި ނޫނީ ނުވާނެ – ޚުތުބާ

އިސްލާމްދީނުގެ ރިވެތި ސަލާމް ދޫކޮށްލައި، ބަދަލުގައި ”ހަލޯ“، ”ހައި“، ނިތް އަރުވަލުން ނުވަތަ އިޝާރާތްކޮށްލުމަކީ ﷲ ގެ ރަޙުމަތާއި އެކަލާނގެ އޯގާވަންތަކަން ބޮލާލާ ޖެހުން ކަމުގައި ނޫނީ ނުވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނެފައިވަނީ “ ސުކޫލު މަދަރުސާތަކުގައި ދެވޭ ތަރުބިޔަތުގައި އެންމެ އިސްކަމެއް ދެވިފައިވާ އެއް ކަމަކީ އަނެކުންނަށް އިޙްތިރާމު ކުރަން ދަސްކޮށްދީ ދަރިވަރުންގެ ކިބައިގައި އެ ސިފަ އަށަގެންނެވުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ސުކޫލު ތެރޭގައި އުޅޭއިރު އެކަކު އަނެކަކަށް ސަލާމް ކުރުމަށް އާދަކުރަންޖެހެއެވެ. މުދައްރިސު ކުލާހަށް ވަނުމަށްފަހު ސަލާމް ގޮވައިލުމުން ސަލާމުގެ ޖަވާބު ދިނުމަކީ ދަރިވަރުން ކުރަންޖެހޭ ކަމެކެވެ. ސަލާމްކުރުމަށް ދީނުގައި ވަކި ޚާއްޞަ ޢިބާރާތެއް ކަނޑައެޅިފައިވާއިރު، އިސްލާމްދީނުގެ ރިވެތި ސަލާމް ދޫކޮށްލައި، އޭގެ ބަދަލުގައި ”ހަލޯ“ ، ”ހާއި“ ނުވަތަ ހަމައެކަނި ނިތް އަރުވާލުމަކީ ނުވަތަ އަތުން އިޝާރާތް ކޮށްލުމަކީ ﷲ ގެ ރަޙުމަތާއި އެކަލާނގެ އޯގާވަންތަކަން ބޮލާލާ ޖެހުން ކަމުގައި ނޫނީ ނުވާނެއެވެ.

 

ޚުތުބާގައި އިތުރަށް ބުނެފައިވަނީ “ އިސްލާމްދީނުގައި އެއް މުސްލިމަކު އަނެއް މުސްލިމަކު ބައްދަލުވާ ހިނދު ކުރަން އަންގަވާފައިވާ ސަލާމުގެ ޢިބާރާތާއި، އޭގެ ޖަވާބާއި، އެއިން ލިބޭ ދަރުމައާ މެދު ވިސްނާލަމާތޯއެވެ!

ދޭދޭ ފަރުދުން ބައްދަލުވާހިނދު އިސްލާމީ ސަލާމުން ސަލާމް ކުރުމަށް އާދަކުރާ ބަޔަކަށް އަޅުގަނޑުމެން އެންމެން ވެސް ވަމާތޯއެވެ! އަދި ފޯނުކުރުމާއި، މީސްމީޑިއާގެ ވަސީލަތްތަކުން އެކަކު އަނެކަކާ މުޢާމަލާތްކުރުމުގައި ވެސް އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމްކުރަމާތޯއެވެ! ރަޙުމާންވަންތަ ﷲ ގެ އޯގާވަންތަކަން އަޅުގަނޑުމެންނަށް ތަނަވަސްވެފައި ވާއިރު އިސްވެ ސަލާމް ކޮށްގެން ދަރުމަ ލިބިގަނެ، ސަލާމް ކުރުމާއި ސަލާމުގެ ޖަވާބު ދިނުމުގައި ފުރިހަމަ ޢިބާރާތް ބޭނުންކުރުމުން ލިބިގެންދާ 30 ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއްތޯއެވެ؟ “

 

އަދިވެސް ޚުތުބާގައި ބުނެފައިވެއެވެ. “ އިސްލާމްދީން އަބަދުވެސް އެދެނީ ޞުލްޙަވެރިކަމާއި އެކުވެރިކަމަށެވެ. އަދި އެ ޞުލްޙަވެރިކަމާއި އެކުވެރިކަމުގެ ގުޅުމަށް ހީނަރުކަމެއް އަތުވެއްޖެނަމަ، އެކަން ފިލުވައި ޞުލްޙަވެރިވެ ސަލާމްކުރުމަށް އަވަސްވެގަތުމަށެވެ. ރަސޫލާ صلى الله عليه وسلم  ޙަދީޘްކުރައްވާފައި ވެއެވެ. “ لَا يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلَاثِ لَيَالٍ يَلْتَقِيَانِ, فَيُعْرِضُ هَذَا, وَيُعْرِضُ هَذَا, وَخَيْرُهُمَا اَلَّذِي يَبْدَأُ بِالسَّلَامِ“  މާނައީ: ”އެއްވެސް މުސްލިމަކު އޭނާގެ (މުސްލިމު އަޚާއާ ރުޅިވެ، ތިން ދުވަހަށްވުރެ ގިނަދުވަހު އަނގައިންނުބުނެ ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެ ދެ މީހުން ބައްދަލުވާހިނދު، އެކަކު އަނެކަކަށް މޫނު އަނބުރާލައެވެ. އެ ދެމީހުންކުރެ އެންމެ ހެޔޮ މީހަކީ، އިސްވެ ސަލާމްކުރާ މީހާއެވެ.“

0