ނަޞޭޙަތާއި އިރުޝާދު
ޞަދަޤާތް ކުރެވިދާނެ 13 ގޮތެއް
ޞަދަޤާތްކުރެވިދާނެ މަގުތައް:

ﷲ ގެ މަގުގައި ހޭދަކުރެވޭނެ ވަރަށް ގިނަގޮތްތައްވެއެވެ.1. ފަޤީރުންނަށާއި ޙާޖަތައްޖެހިފައިވާ މީހުންނަށް ހޭދަކުރުން. އޭގެ ތެރޭގައި ދަރަނިވެރިވެފައިވާ މީހުންގެ ދަރަނިތައް ފުއްދައިދިނުން ހިމެނެއެވެ.

2. މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތަކަށް ހޭދަކުރުމާއި، މިސްކިތްތަކުގެ އިމާމުންނާއި، މުދިމުންނާއި، ބަލަހައްޓާމީހުންނަށް އުޖޫރަދިނުން.

3. ފެން ނުލިބޭ މީހުންނަށް ފެންފޯރުކޮށްދިނުމަށް ވަޅު ނުވަތަ އެނޫންފަދަ ފެން ލިބޭނެ ވަސީލަތްތައް ބިނާކުރުން.

4. ދަތިޙާލުގައިވާމީހުންނަށް ކާބޯތަކެއްޗާއި، އަންނައުނު ފަދަ ތަކެތި ފޯރުކޮށްދިނުން.

5. އިސްލާމްދީނަށް ފައިދާކުރާ ޢިލްމު އުގެނޭކުދިންނަށް ހޭދަކުރުން. ޚާއްޞަކޮށް ދީނީ ޢިލްމު އުގެނޭކުދިންނަށް ހޭދަކުރުން.

6. ދީނީ ފޮތްތައް ޗާޕުކުރުމާއި، ދީނީ ދަރުސްތަކާއި ފޮތްތައް ބެހުން.

7. ޤުރުއާނުގެ މުސްޙަފުތައް މިސްކިތްތަކަށާއި، ޤުރުއާން ކިޔަވާ މީހުންނަށް ފޯރުކޮށްދިނުން.

8. ޤުރުއާން ކްލާސްތަކަށާއި، ޤުރުއާން ކިޔަވާ ހިތުދަސްކުރާކުދިންނަށާއި، މުދައްރިސުންނަށް އުޖޫރަދިނުން.

9. ހުވަފަތްވެފައިވާ އަންހެނުންނަށާއި، ޔަތީމުންނަށާއި، އުމުރުން ދުވަސްވެފައިވާ މީހުންނަށް ހޭދަކުރުން.

10. ﷲގެ މަގުގައި ޖިހާދުކުރާމީހުންނަށް ހޭދަކުރުމާއި، އެކިކަންކޮޅުތަކުގައި ޙާލުގައިޖެހިފައިވާ މުސްލިމުންނަށް ހޭދަކުރުން.

11. އިސްލާމްދީނަށް ދަޢުވަތުދޭމީހުންނަށާއި، އިސްލާމީ ދަޢުވަތު ދިނުމަށް ހޭދަކުރުން.

12. ތަފާތު ކާރިސާތަކާއި ޙާދިސާތަކުގެ ސަބަބުން ޙާލުގައި ޖެހޭމީހުންނަށް ހޭދަކުރުން.

13. މަރުވާމީހުން ހިނަވާތަންތަން ހެދުމަށާއި، ކަފުނަށާއި، އެނޫންވެސް މައްޔިތުން ވަޅުލުމާ ގުޅޭ ކަންކަމުގައި ހޭދަކުރުން.

މިފަދަ އެތައް ގޮތަކަށް ﷲ މަގުގައި ހޭދަކުރެވިދާނެއެވެ.

(ދިސަލަފިއްޔާ)
41