މިއަދުގެ ބޮޑެތި ޢިލްމުވެރިން ދެކެލައްވަނީ ދުންފަތަކީ ޙަރާމް އެއްޗެއް ކަމަށް މިއަދު ޚުތުބާގައި ގޮވާލައްވާފިއެވެ.
ޚުތުބާގައި ގޮވާލެއްވީ ” އިސްލާމް ދީން ހުއްދަކުރައްވާފައި ވަނީ ފައިދާ ހުރި ރަނގަޅު ތަކެއްޗެވެ. ގެއްލުން ހުރި ނުރަނގަޅު ތަކެތި އެ ކަލާނގެ ޙަރާމް ކުރެއްވި އެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ” وَیُحِلُّ لَهُمُ ٱلطَّیِّبَـٰتِ وَیُحَرِّمُ عَلَیۡهِمُ ٱلۡخَبَـٰۤىِٕثَ ” (އަލްއައުރާފް 157) މާނައީ: “އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމް ކުރައްވަތެވެ.” ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްދަ ނުވާނެކަމުގެ ދަލީލެއް ނެތް ކަމަށް ބައެއް މީހުން ބުނެ އުޅެއެވެ. ނަމަވެސް ކަމާ ގުޅުން ހުރި ޑޮކްޓަރުންނާއި ސައިންސުވެރިންގެ ދިރާސާގެ ނަތީޖާ އަށް ރިޢާޔަތް ކުރައްވައި މިއަދުގެ ބޮޑެތި ޢިލްމުވެރިން ދެކެލައްވަނީ ދުންފަތަކީ ޙަރާމް އެއްޗެއް ކަމަށެވެ. އެ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީއާއި، މިޞްރުގެ ދާރުލް އިފްތާ އާއި އުރުދުންގެ ދާރުލް އިފްތާ ފަދަ ފަރާތްތައް ހިމެނެ އެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ބޮޑުވެގެންވާ އިސްރާފެކެވެ.”
އިތުރަށް ޚުތުބާގައި ވަނީ ” މިއަދު ރާއްޖޭގައި ދުންފަތް ކޮންޓްރޯލުކުރުމަށް ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި ހުރި ނަމަވެސް އޭގެ މައްޗަށް ޢަމަލު ކުރަނީ ކިތައް މީހުންހެއްޔެވެ؟ އެ ޤާނޫނުތަކުގައި ވަކި ޢުމުރެއްގެ ކުދިންނަށް ސިނގިރޭޓް ވިއްކުން މަނާކޮށްފައި ނުވޭހެއްޔެވެ؟ ނަމަވެސް ވަކި ޢުމުރުފުރައަކަށް ބެލުމެއްނެތި ސިނގިރޭޓު ވިއްކަމުން ނުދޭހެއްޔެވެ؟ ސިނގިރޭޓު ބުއިން މަނާ ސަރަޙައްދުތަކުގައި ކެނޑިނޭޅި ސިނގިރޭޓު ބޮމުންދާއިރު އެ މަންޒަރު ފެންނަނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިއަދު ދިވެހި ރާއްޖޭގައި އެންމެ ހަގު ޢުމުރުފުރާ އިން ފެށިގެން ދޮށީ ޢުމުރުފުރާގެ މީހުންނަށް ދާނދެން، ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. އެއީ މޮޅުކަމެއް ކަމުގައްޔާއި އަދި ރީތި އާދަ އެއް ކަމުގައި އެ ބޭނުންކުރާ ބައެއްމީހުން ދެކެއެވެ.”
އިތުރަށް ޚުތުބާގައި ބުނެފައިވަނީ ” ދުންފަތު އިސްތިއުމާރު އެއް ބާވަތަކީ ސިނގިރޭޓެވެ. އެ ރޯކޮށްލީމާ މަޑުމަޑުން އަނދައި އަޅިޔަށްވެ، ހުލިވެގެންދާ ފަދައިން އެ އިސްތިޢުމާލުކުރާ މީހާ އާއި އޭނާގެ ފައިސާ ވެސް މަޑުމަޑުން އަނދައި ހުލިވާން ފަށައެވެ. އެންމެ ފަހުން ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއްގެ އަސީރަކަށްވެ، މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހެއެވެ.”