ނަޞޭޙަތާއި އިރުޝާދު
ތިބާގެ ނިޔަފަތިތަކަށް ބަލާށެވެ.

މާތްﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ނެތުމުގެ ތެރެއިން ޚަލްޤުތަކުން ޚަލްޤުކުރައްވާ، ފުރިހަމަ ޤަވާއިދާ ނިޒާމްގެ ދަށުން ކަންކަން ހިންގަވަމުންދާ އެންމެ ކުޅަދުންވަންތަ އިލާހެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ވާހަކަ ދައްކައި ކޮޅުން ނުލާހާ ގިނައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. މިގޮތުން މާތްﷲ ގެ ކުޅަދުންވަންތަކަމުގެތެރޭގައި އިންސާނާގެ ފަޔާއި އިނގިލިތަކުގައިވާ ނިޔަފަތިތައް ނުހިމެނި ނުދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ނިޔަފައްޗަކީ އޭގެ ޒާތުގައި ވަރަށް ޢަޖާއިބުކުރުވަނިވި ގޮތަކަށް އިންސާނުންގެ ހަށިގަނޑުގައި މާތްﷲ ލައްވާފައިވާ އެއްޗެކެވެ. ނިކަން ތިބާގެ ނިޔަފައްޗަށް ނަޒަރު ހިންގަވާ ބައްލަވާށެވެ. މާތްﷲ ތިބާގެ ނިޔަފަތި އުފެއްދެވީ ތިބާގެ އެތެރެހަށީގައިވާ ކަށިހެން ހަރުކޮށް ކަމުގައިވީނަމަ، ތިބާގެެ ގައިގެ ތަންތަން ހިރުވައިގަނެގެން ކަހަން ފަށާއިރަށް  ހަންގަނޑުން ތަންތަން ވީދި، ހަންގަނޑު ހަލާކުވެގެން ހިނގައިދާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. މިއާ ޚިލާފަށް ނިޔަފައްޗަކީ ވަރަށް މަޑު އެއްޗެއްކަމުގައިވީނަމަ ތިބާގެ ގައިން ހިރުވައިގަންނަތަނުގެ ކެހުންގަނޑު ތިބާއަށް ފަސޭހައިން ފިލުވައިލެވިދާނެތޯއެވެ؟

ސުބުޙާނައްﷲ އެވެ. މާތްﷲ ނިޔަފަތިތައް ހައްދަވާފައިވަނީ އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެކަހަލަ ނިޒާމެއްގެ ދަށުންކަމާމެދަކު ޝައްކެތްނެތެވެ. އެހެނީ މާތްﷲ ނިޔަފަތިތައް ހައްދަވާފައިވަނީ ހަށިގަނޑުން ހަމަ ތަންކޮޅެއް ހިރުވާއިރަށް ފަސޭހައިން ކަހާލެވޭ އަދި ހަށިގަނޑަށް އެއްވެސް ކަހަލަ ގެއްލުމެއް ނުލިބޭގޮތުގެ މަތީން އެންމެ ފުރިހަމައަށް، ބަރާބަރަށެވެ.

މަސްދަރު: ދިސަލަފިއްޔާ

0