އިންސާނާގެ ދުނިޔަވީ ކަންތައްތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަކީ، އުޚުރަވީ ސަލަމާތާއި ރައްކާތެރިކަމުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަމުގައި މިއަދު ހުކުރު ޚުތުބާގައި ގޮވާލައްވާފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވާފައިވަނީ ” އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިސްކަންދޭން ޖެހޭ ކަންތައްތަކަކީ ކޮބައިކަން ބަލައި، ކަމާބެހޭ ފަރާތްތަކުން އެކަންކަމަށް ހަދާފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ މުހިންމު ކަމެކެވެ. އިންސާނާގެ ދުނިޔަވީ ކަންތައްތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަކީ، އުޚުރަވީ ސަލަމާތާއި ރައްކާތެރިކަމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.”
އިތުރަށް ޚުތުބާގައި ގޮވާލައިފައިވަނީ ” ކުއްލި ޙާދިޘާތަކާއި މުޞީބާތްތަކުން ސަލާމަތްވާނެ ގޮތާއި ޢަމަލު ކުރާނެ ގޮތްތައް އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދީ، އެކުދިންގެ ނަފުސު އެކަންތައްތަކަށް ހާނުވަން ޖެހެއެވެ. ގެއާއި ގެއިން ބޭރުގައި އެފަދަ ކަމެއް ދިމާވެއްޖެނަމަ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެ ގޮތް އުނގަންނައިދީ، ސްކޫލް މަދަރުސާތަކުގައި މިފަދަ ކަންކަމަށް ތަމްރީނު ޕްރޮގްރާމުތައް ބާއްވަން ޖެހެއެވެ. ގޭގައި ކަރަންޓުގެ ޙާދިޘާއެއް ނުވަތަ އަލިފާނުގެ ޙާދިޘާއެއް ހިނގައިފި ނަމަ، ގޭތެރެއިން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ސަލާމަތް ވާނެ ގޮތް އުނގަންނައިދޭން ޖެހެއެވެ.”
އިތުރަށް ޚުތުބާގައި ގޮވާލައިފައިވަނީ ” ސަލާމަތުގެ ސަބަބުތަކާ މެދު ވަރަށް ގިނަ ބަޔަކު ވަނީ އިހުމާލު ވެފައެވެ. ފަހަކަށް އައިސް ގޯތި ގެދޮރު ޢިމާރަތް ކުރުމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކުރާކަން ފާހަގަ ކުރެވެ އެވެ. ޢިމާރަތް ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ވެއްޓޭ ތަކެތިން ޖެހި، މީހުންގެ ފުރާނައަށާއި ތަކެއްޗަށް ގެއްލުން ލިބި، ވަރަށް ހިތާމަވެރި ޙާދިޘާތައް ހިނގައެވެ.”
އަދިވެސް ޚުތުބާގައި ހަނދާންކޮށްދީ ފައިވެއެވެ. ” އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ކާއިނާތުގައި ހިނގާ ކޮންމެ ކަމެއް ހިނގަނީ މާތް ﷲ ގެ ކަށަކުޅަދުންވަންތަކަމުންނެވެ. އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅުންނެވެ. މާތް ﷲ އިރާދަ ކުރައްވާނަމަ އަޅާ ޤަޞްދު ކުރާ ގޮތާ އިދިކޮޅަށް ވެސް ކަންތައް ބަދަލުވެދާނެއެވެ. އެއީ އަޅުތަކުން އެދޭ ގޮތުގެ މައްޗަށް އެކަލާނގެ އިރާދަފުޅު އިސްވެގެންވާތީއެވެ.”