ނަޞޭޙަތާއި އިރުޝާދު
އަހަރެން އެދެނީ ޖަމާޢަތުގައި ނަމާދެއް ކުރުމަށެވެ.

މީހެއްގެ ވާހަކައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއަށް އާރާއި ބާރު ދެއްވިއެވެ. އެހެން ނަމަވެސް އޭނާ، އޭނާއަށް ބާރުދެއްވި ގަދަކީރިތިވަންތަ އިލާހު ހަނދުމަ ނައްތާލިއެވެ. ﷲ ގެ ޙަޟްރަތުން ގޮވާލެވޭ އަޑު އޭނާއަށް އިވެއެވެ. އެހެން ނަމަވެސް އެއަޑަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. އޭނާ ތަބާވީ އޭނާގެ ހަވާ ނަފްސަށެވެ. ދުނިޔޭގެ ފަނާކުރަނިވި މުދާތަކެއް އެއްކުރުމުގައި އޭނާގެ ދިރިއުޅުން ފަނާ ކުރަމުން ގެންދިޔައެވެ. ޙަލާލުތޯ ޙަރާމްތޯ ނުބަލައެވެ. ލިބެންޏާ ވަރިހަމަ އުޞޫލުންނެވެ.

އޭނާ މަސައްކަތް ކުރަމުން ދިޔައީ ބާޒާރުމަތީގައި މުދާ އުފުލާ މީހެއްގެ ގޮތުގައެވެ. އެއް ދުވަހަކު އާދައިގެ މަތިން ބާޒާރުގެ ފިހާރައަކަށް މުދާ ހިފައިގެން ދިޔައެވެ. އަދި އެމުދާތައް ބޭލުމާއި، އޭގެ ހިސާބު ކިތާބު ނެގުމުގައި އުޅެނިކޮށް އެފިހާރައިގެ ފާރު ވެއްޓި، އޭގެ ދަށުގައި މި މީހާ ވެއްޖެއެވެ.

ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އަވަސް ފަރުވާ ދެވުނެވެ. އޭނާގެ ފުރާނަ ސަލާމަތްވިއެވެ. އެހެން ނަމަވެސް …. ފާރު ވެއްޓުނީ އޭނާގެ ބުރަކަށްޓަށް ކަމުން އޭނާގެ އޮހިބަދައަށް ލިބުނު ގެއްލުމުގެ ސަބަބުން ހިނގައި ބިނގައި އުޅުމުން މަޙްރޫމްވިއެވެ. އަދި އަމިއްލައަށް ފާޚާނާވެސް ނުކުރެވެއެވެ. އެއްވެސް ގޮތަކަށް ޙަރަކާތެއް ނުކުރެވެއެވެ. މެޝިންތަކުގެއެހީގައި ހަށިގަނޑުން ނަޖިސް ބޭރު ކުރުމަށް އެތައް އިރެއް ނަގައެވެ. އެކަމުގައިވެސް އެތައް ވޭނަކާއި ކެކުޅުމެއް އޭނާއަށް ލިބެއެވެ.

މިޙާލުގައި އޭނާ ވަނިކޮށް، ޒިޔާރަތްކޮށްލަން ދިޔަ މީހަކު ސުވާލު ކުރިއެވެ. ”މިހާރު ތިބާގެ އެންމެ ބޮޑު އުއްމީދަކީ ކޮބާހެއްޔެވެ؟“

ޖަވާބުގައި އޭނާ ބުންޏެވެ. ”އަހަރެން އެންމެ އެދެނީ ޖަމާޢަތުގައި ނަމާދު ކުރުމަށެވެ……….“

މިހާރު ހެއްޔެވެ؟ މީގެ ކުރިން ތިބާއަށް އޭގެ އަޑު އިވުނެވެ. އެ ނަމާދަށް ގޮވާލެވުނު އަޑު އިވުނެވެ. އެވަގުތު ތިބާވީ ފުރިހަމަ ޞިއްޙަތުގައެވެ. ހަށިގަނޑުގައި ބާރު ހުއްޓެވެ. އެހެންނަމަވެސް އެއަކަށް ތިބާ އިޖާބައެއް ނުދެމެވެ. ފަހެ މިއަދު އެއަޑަށް އިޖާބަ ދޭން ތިބާގެ ހިތްޖެއްސީ ކޮންކަމެއް ހެއްޔެވެ؟؟؟؟؟؟

* * * * * * * * * * * *

ލޮބުވެތި އަޚުންނޭވެ! ވިސްނާލާށެވެ. އަދި ތިމާއަކީ މި ވާހަކައިގައި މިވާ މީހާކަމުގައި ތަޞައްވުރު ކޮށްލާށެވެ.

ލޮބުވެތި އަޚުންނޭވެ! ﷲ ގެ ނިދާއަށް އިޖާބަދޭށެވެ. ﷲ އަށް ޙައްޤުގޮތުގައި ޝުކުރުވެރި ވާށެވެ. ދަންނާށެވެ! ތިބާއަށް ލިބިފައިވާ ޞިއްޙަތަކީ ﷲ ދެއްވި ނިޢުމަތެކެވެ. އެއަށް ޝުކުރުވެރި ވާށެވެ! (( لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ )) ތިޔަބައިމީހުން ޝުކުރުވެރިވާކަމުގައިވާނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން ކުފުރުވެރިވާކަމުގައި ވާނަމަ، ހަމަކަށަވަރުން ތިމަން އިލާހުގެ ޢަޛާބު ގަދަފަދަވެގެން ވެއެވެ.

މި ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ، މި ނިޢުމަތްތައް ދެއްވި އިލާހަށް ކިޔަމަންތެރިވުމުގައި މި ނިޢުމަތްތައް ބޭނުންކުރުމެވެ. ހުކުރުނަމާދާއި ފަރުޟު ފަސްނަމާދުގެ ޖަމާޢަތަށް ޙާޟިރު ވުމުގައެވެ. އަދި ގާތްތިމާގެ ކަމުގެ ގުޅުން ބަދަހި ކުރުމާއި، މައިންބަފައިންނަށް އިޙްސާންތެރިވުމާއި، މިފަދަ ހެޔޮ ކަންތަކުގައި އެ ނިޢުމަތްތައް ބޭނުން ކުރުމުގައެވެ.

ހައްދަވާ ގެންގުޅުއްވާ އިލާހު! އަޅަމެންނަކީ ފަރުޟު ފަސްނަމާދު މިސްކިތުގައި، ޖަމާޢަތުގައި ކުރާ ބަޔަކު ކަމުގައި ލައްވާށި! އަދި އަޅަމެންނަކީ އިބައިލާހު ދެއްވާފައިވާ ނިޢުމަތްތަކަށް ޙައްޤު ގޮތުގައި ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވާށި! އަޅަމެންނާއި އަޅަމެންގެ މައިންބަފައިންނާއި އަނބީންނާއި ދަރީންނާއި ގާތްތިމާގެ މީހުންނާއި އެންމެހާ މުސްލިމުންނަށް ފާފަފުއްސަވައި އިބައިލާހުގެ ތަނަވަސް ރަޙުމަތުން ރަޙްމަތް ލައްވާށި! އާމީން

 

 

މަސްދަރު: ނޫރުލްއިސްލާމް

0