އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ ވަރުގަދައަށް ބިންވަޅުނެގިފައި ނުވާނަމަ، އެ ދަރިން، އިސްލާމް ދީނާ ޚިލާފު އެކިއެކި އޮއެވަރުތަކުގައި ޖެހި، ޙައްޤު މަގުން އެއްކިބާވެގެން ދިއުމަކީ ދާދި ގާތުގައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އިސްލާމީ ޢަޤީދާ ފުނޑުފުނޑު ކޮށްލުމަށް ޣައިރު މުސްލިމުން ކެނޑިނޭޅި އުފައްދާ ޝުބުހަތަކާއި ޝައްކުތަކުގެ ޝިކާރައަކަށް އެކުދިން ވެދާނެތީވެ، އެކަމާމެދު ސަމާލުވާން ޖެހޭނެއެވެ. މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކުރުން ޢާއްމުވެފައިވާ މިފަދަ ޒަމާނެއްގައި، އަޅުގަނޑުމެންގެ ދަރިންނަކީ ދީނުގެ ފުރިހަމަ މަޢުލޫމާތު ލިބިފައިވާ، އަދި ޞައްޙަ ޢަޤީދާއެއްގެ މަތީގައިވާ ދަރިން ކަމުގައިވާ ނަމަ، އެފަދަ ވަސީލަތްތަކުގެ ޒަރީޢާއިން އެ ކުދިންގެ ސިކުނޑިތަކާއި ކުޅެލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ތައުޙީދުގެ ތިންބައި ކަމުގައިވާ، ތަވްޙީދުލްއުލޫހިއްޔާ އަށާއި ތަވްޙީދުއްރުބޫބިއްޔާ އަށާއި ތަވްޙީދުލްއަސްމާއު ވައްޞިފާތަށް އީމާންވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ.
އިސްލާމީ ޞައްޙަ ޢަޤީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ. އިސްލާމް ދީން ބިނާވެގެން ވަނީ ޢަޤީދާ އާއި ޢަމަލުގެ މައްޗަށެވެ. ޢަޤީދާ ޞައްޙަ ނުވެ އެއްވެސް ޢަމަލެއް ޞައްޙަ އެއް ނުވާނެއެވެ. ހަމަ އެފަދައިން ޞައްޙަ ޢަޤީދާ އަކާއި ނުލައި ކުރާ އެއްވެސް ޢަމަލަކުން މަންފާ އެއް ނުކުރާނެއެވެ. މިހެންކަމުން ދަރިވަރުންނަށް ޞައްޙަ ޢަޤީދާގެ މަޢުލޫމާތު އުނގަންނައި ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. މާތް ﷲ ރުއްސުންލެއްވި މުޢާޛުބުނު ޖަބަލު ޔަމަނު ކަރަޔަށް ދީނަށް ގޮވާލެއްވުމަށް ފޮނުއްވަމުން މުޢާޛްގެފާނަށް ފަސުل ﷲ ގެ ޙަދީޘްކުރެއްވިއެވެ. “އޭ މުޢާޛްވެ! ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ ފޮތުގެ އަހުލުވެރިން ދިރިއުޅޭ ޤައުމަކަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށާއި، ތިމަންކަލޭގެފާނީ، ﷲގެ ރަސޫލާކަމަށް އެއުރެން ހެކިވުމަށް ކަލޭގެފާނު އެއުރެންނަށް ގޮވައިލައްވާށެވެ. ފަހެ، އެކަމުގައި އެއުރެން ކިޔަމަންގެންފި ނަމަ، ހަމަކަށަވަރުން ރެއަކާ ދުވާލު، ފަސް ނަމާދުކުރުން އެއުރެންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވާކަން ކަލޭގެފާނު އެއުރެންނަށް އަންގަވައި ދެއްވާށެވެ.
ޣައިރު މުސްލިމަކު ކިތައްމެ ގިނަ ހެޔޮ ކަންތަކެއް ކުރެ ކަމުގައި ވީނަމަވެސް އޭނަގެ ހެޔޮ ޢަމަލުތަކުން، ޤިޔާމަތް ދުވަހު އެއްވެސް މަންފާއެއް ނުކުރާނެއެވެ. އަދި މުސްލިމެއްގެ ގޮތުގައި ހުރެގެން ގިނަ ހެޔޮ ޢަމަލުތަކެއް ކުރުމަށް ފަހު މާތް ﷲ އަށް ޝަރީކު ކޮށްފިނަމަ އެމީހެއްގެ ހެޔޮ ޢަމަލުތައްވެސް ބާޠިލު ވެގެންދާނެއެވެ.