ނަޞޭޙަތާއި އިރުޝާދު
މާމުތުގައި ހިތި ރަހަލާ ހިނދު..؟

ސާފު ތާޒާ މާމުތުން ފުރިފައިވާ ދެ ތަށި ގެނެވުނެވެ. އެއަށް ފަހު ސިއްހަތު ސަލާމަތުން ހުރި މީހަކަށް އޭގެ ތެރެއިން އެއް ތަށި ބޯންދެވުނެވެ. އަދި ވަރަށް ގަދައަށް ހުންއައިސްފައިވާ މީހަކަށް އަނެއް ތަށި ބޯންދެވުނެވެ. އެއަށް ފަހު ދެމީހުންނާއި ސުވާލުކުރެވުނެވެ. މާމުތުގައި ލަނީ ކޮން ރަހައެއްހެއްޔެވެ؟ ސިއްހަތު ސަލާމަތުން ހުރި މީހާ ބުނީ ފޮނި ރަހަ ކަމުގައެވެ. ބަލިމީހާ ބުނީ ހިތި ރަހަ ކަމުގައެވެ؟

އައިބު ހުރީ މާމުތުގައެއް ނޫނެވެ. އެކަމަކު ބަލިމީހާގެ ކިބައިގައެވެ. އޭނާގެ ބަލީގެ ބޮޑުކަމުން ރަހަ ބެލުމުގެ ހިއްސު ތަޣައްޔަރުވެފައިވަނީއެވެ. އެހެންވީމާ ހައްލަކީ އޭނާގެ އަމިއްލަ ބައްޔަށް ފަރުވާ ހޯދުމެވެ.

ހަމަ މި ފަދައިން އީމާންކަމުގައި ވެސް ފޮނިކަމާއި މީރުކަން އެކުލެވިފައިވެއެވެ. އީމާންކަމުގެ ފޮނިމީރުކަން ލިބެނީ ދުލަކަށް ނޫނެވެ. ނަފުސަށެވެ. ނަމަވެސް ކޮންމެ މީހަކަށް އޭގެ އިހުސާސެއް ނުކުރެވެއެވެ. އެމީރު ރަހައެއް ނުލިބެއެވެ. އީމާންކަމުގެ ފޮނިމީރުކަން ވެސް ލިބެނީ ވަހުމުގެ ބަލީން އީމާންކަން ސަލާމަތްކޮށްގެން ތިބޭ އީމާންކަމުގެ އަހުލުވެރީންނަށެވެ. އެ އަހުލުވެރީންގެ ޝަރުޠުތައް ބަޔާންކުރައްވާ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހިވަސައްލަމް ހަދީޘްކުރައްވާފައިވެއެވެ.  ثلاث من كن فيه وجد حلاوة الإيمان: أن يكون الله ورسوله أحب إليه مما سواهما، وأن يحب المرء لا يحبه إلا لله، وأن يكره أن يعود في الكفر كما يكره أن يقذف في النار“[1]

މި ބަސްފުޅުން ދޭހަވާ މާނައަކީ “މީހެއްގެ ކިބައިގައި ތިން ކަމެއް ހަމަވެއްޖިއްޔާ އީމާންކަމުގެ މީރުކަން އޭނާއަށް ލިބޭނެއެވެ. އެއީ އެހެން އެކައްޗަކަށް ވުރެ ބޮޑަށް އޭނާ ލޯބިވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ކަމުގައި ވުމާއި،އަދި އޭނާ މީހަކު ދެކެ ލޯބިވާ ކަމުގައި ވަނީ ނަމަ ﷲ އަށްޓަކައި މެނުވީ ލޯބި ނުވުމާއި، އަދި އަލިފާންގަނޑަކަށް އެއްލާލެވުމަށް ނުރުހޭ ފަދައިން ކާފަރުކަމާ ދިމާއަށް އެނބުރިގަތުމަށް ނުރުހުންވެގެންވުމެވެ.” މިއެވެ.

އީމާންކަމުގެ ފޮނިކަން ބަދަލުވުމެއް ނެތި އަބަދުވެސް އީމާންކަމުގައި އެކުލެވިފައިވެއެވެ. އަބަދުވެސް ބަދަލުވޭވޭ ހުންނަނީ  ނަފުސުގެ ހާލަތެވެ.

އެހެންވީމާ އިންސާނާ އިންސާނާ އޭނާގެ ނަފުސުގެ ލަގަނުގައި ހިފާ އަބަދުވެސް ހަމަ މަގަށް އޭގެ މިސްރާބު ސީދާކުރަންޖެހޭނެއެވެ. ނަޖާވާނީ އޭރުންނެވެ. “އާޚިރަތުގައި ނަފުސަށް އަރާމުދޭން އެދޭ މީހާ ދުނިޔޭގައި އެ ނަފުސާއި ހަނގުރާމަކުރާށެވެ.”[2]

މި ގޮތުގެ މަތީން އަބަދުވެސް އިންސާނާ އޭނާގެ ނަފުސާއި ޖިހާދުކޮށް ޝަރީޢަތުގެ ގިޔުގަނޑަށް އެނަފުސު ބައްޓަންކޮށް އެގޮތުގެ މައްޗަށް ނަފުސު ހާނުވަންޖެހެއެވެ. “ހަމަކަށަވަރުން އެ(ނަފުސު) ނުބައި ކަންތަކުން ޠާހިރުކަން ސާފުކުރި މީހަކަށް ކާމިޔާބުލިބިއްޖެއެވެ. އެ (ނަފުސު) ފާފަތަކުން ހަޑިކުރި މީހާ ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ.”[3]

އީމާންކަމުގެ ފޮނިމީރުކަން ނަފުސަށް އިހުސާސްވާން ފެށުމުން ނަމާދަކީ އުފަލެއް ކަމުގައިވެ، ﷲ ގެ ކަލާމްފުޅުން މިންވަރެއް ކިޔަވައި ނުލެވުނު ދުވަހަކީ ހިތާމައިގެ އަހަރެއްގެ ގޮތުގައި ގުނެންފަށައިދާނެއެވެ. އެނޫންވެސް އެންމެހާ ހެޔޮ ކަމަކަށް ނަފުސު އަމިއްލައަށް ގޮވަން ފަށާފާނެއެވެ. ނުބައިހާ ފާފައަކަށް ހިތުގައި ނަފުރަތު އުފެދި ސުވަރުގެއާ ދިމާއަށް ޙަޔާތުގެ މިސްރާބު ސީދާވެދާނެއެވެ.

 

ރެފަރެންސް:

[1]  މިއީ ބުޚާރީއާއި މުސްލިމް، ތިރްމިޛީ އަދި ނަސާއީ ވެސް ރިވާކުރައްވާފައިވާ ޙަދީޘެކެވެ.

[2]  މިއީ ކުރީގައި އުޅުއްވި ބޮޑު އަޅުވެރިއެއްގެ ބަސްފުޅެކެވެ.

[3]  ސޫރަތުއްޝަމްސުގެ ނުވަ ވަނަ އާޔަތާއި ދިހަވަނަ އާޔަތުން ދޭހަވާ މާނަ.

 

މަސްދަރު: ނޫރުލްއިސްލާމް

0