ނަޞޭޙަތާއި އިރުޝާދު
އެމީހުން އެހެން ބުނާ ނަމަ، ތިބާއަށް މިހެން ވެސް ބުނެވިދާނެއެވެ.

އެމީހުން ބުނެއެވެ. އަންހެނުން ޙިޖާބު[1] އަޅަންޖެހެނީ ކީއްވެހެއްޔެވެ؟

ބުނާށެވެ. ކާރު ޑުރައިވަރުން ގޮނޑީކަމަރު (ޝީޓްބެލްޓް) އަޅަންޖެހެނީ ކީއްވެހެއްޔެވެ؟

ބުނެއެވެ. އެކްސިޑެންޓްތަކާއި ނުރައްކާތެރި ހާލަތްތަކުގައި ގޮނޑީ ކަމަރުގެ ސަބަބުން ޑުރައިވަރުން އެތަކެއް ގެއްލުންތަކަކުން ސަލާމަތްވާތީއެވެ.

ބުނާށެވެ. ޖިންސީ ގޮތުން ނަހަމަ ފުރޮޅުންތަކާއި ހުށަހޮޅިގަތުންތަކުން ޙިޖާބު ގެ ސަބަބުން އަންހެނާ ސަލާމަތްވެއެވެ.

އެމީހުން ބުނެއެވެ. އެހެންވީއިރު ޖިންސީ ގޮތުން ނަހަމަ ފުރޮޅުންތަކާއި ހުށަހޮޅުންތަކުގެ ޝިކާރައަކަށް ޙިޖާބު އަޅައިގެން ތިބޭ ބައެއް އަންހެނުން ވެސް ވަނީ ކީއްވެހެއްޔެވެ؟

ބުނާށެވެ. ގޮނޑީ ކަމަރު އަޅައިގެން ތިއްބާ އެކްސިޑެންތަކުގައި ބައެއް ޑުރައިވަރުންނަށް ހާނިއްކަވެ އަނެއް ބައި ޑުރައިވަރުން މަރުވަނީ ކީއްވެހެއްޔެވެ؟

އެމީހުން ބުނެއެވެ. އަންހެނަކު ޙިޖާބު ނާޅަން ބޭނުންވުމީ އޭނާގެ އަމިއްލަ ޒާތީ މައްސަލައެކެވެ. އެއީ އެހެން މީހަކާއި ބެހޭ ކަމެއް ނޫނެވެ. އަދި އޭނާ އެކަން ނުކުރުމީ އެހެން މީހުންނަށް ގެއްލުންވާނޭ ކަމެއް ވެސް ނޫނެވެ.

ބުނާށެވެ. ޑުރައިވަރަކު ގޮނޑީކަމަރު ނާޅަން ބޭނުންވުމީ އޭނާގެ އަމިއްލަ ޒާތީ މައްސަލައެކެވެ. އެއީ އެހެން މީހަކާއި ބެހޭ ކަމެއް ނޫނެވެ. އަދި އޭނާ އެކަން ނުކުރުމީ އެހެން މީހުންނަށް ގެއްލުންވާނޭ ކަމެއް ވެސް ނޫނެވެ.

އެމީހުން ބުނެއެވެ. ތިބާމެން ދެކޭ ގޮތުގައި ޙިޖާބު އެޅުން ވާޖިބުވުމުގެ ޤާނޫނު އަންނަނީ ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭ ގެއްލުންތަކަކުން އަންހެނާ ސަލާމަތްތެރިކޮށް ރައްކާތެރިކޮށްދިނުމުގެ ޝިޢާރުގެ ދަށުން ކަމަށް ވާނަމަ އަދި އަންހެނުންނަށް ސަލާމަތްތެރިކަން ހޯދައި ދިނުމުގެ ނަމުގައި ތިބާމެން ތިކުރާ ދަޢުވާއަކީ ތެދު ދަޢުވާއެއް ކަމުގައި ވަނީ ނަމަ، ފިރިހެނުންގެ ތެރެއިން އަންހެނުންނާއި ހުށަހޮޅިގަންނަ މީހުން ހޯދާ އެމީހުންނަށް އަދަބު ދިނީމާ ވީ ނޫންހެއްޔެވެ؟ އަންހެނުން އެކަނބަލުން އަޅާނެ ހެދުމެއް އަޅަން ދޫކޮށްލެވިދާނެ ނޫންހެއްޔެވެ؟

ބުނާށެވެ. ތިބާމެން ދެކޭ ގޮތުގައި ގޮނޑީކަމަރު އެޅުން ވާޖިބުވުމުގެ ޤާނޫނު އަންނަނީ ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭ ގެއްލުންތަކަކުން ޑުރައިވަރުން ސަލާމަތްތެރިކޮށް ރައްކާތެރިކޮށްދިނުމުގެ ޝިޢާރުގެ ދަށުން ކަމަށް ވާނަމަ އަދި ޑުރައިވަރުންނަށް ސަލާމަތްތެރިކަން ހޯދައި ދިނުމުގެ ނަމުގައި ތިބާމެން ތިކުރާ ދަޢުވާއަކީ ތެދު ދަޢުވާއެއް ކަމުގައި ވަނީ ނަމަ، ޑުރައިވަރުންގެ ތެރެއިން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފާނެ ގޮތްގޮތަށް ޢަމަލުކުރާ ޑުރައިވަރުން ހޯދާ އެމީހުންނަށް އަދަބު ދީފައި އެނޫން ޑުރައިވަރުން ދޫކޮށްލީމާ ވީ ނޫންހެއްޔެވެ؟

ބުނެއެވެ. ގޮނޑީކަމަރަކީ ގައިމުން ދެ ޖިންސުގެ މީހުން ވެސް އެޅުން ހަމަހަމައަށް ލާޒިމުކޮށްފާ އޮންނަ އެއްޗެކެވެ. ވީއިރު ތިބާމެން ފިރިހެނުން ފިޔަވައި، އަންހުންގެ މައްޗަށް އެކަނި ޙިޖާބު އެޅުން ލާޒިމުކުރަނީ ކީއްވެގެންހެއްޔެވެ؟

ބުނާށެވެ. ތިބާމެން ގޮނޑީކަމަރު އެޅުން ބައެއް ޑުރައިވަރުންނަށް ލާޒިމުކޮށްފައި އަނެއް ބައި ޑުރައިވަރުން ދޫކޮށްލަނީ ކީއްވެހެއްޔެވެ؟ ހުޅަނގުގެ ޤާނޫނުތަކުގައި ބަސް ޑުރައިވަރުންނަށާއި ބައެއް ވައްތަރުގެ ޓެކްސީ ކުރާ މީހުންނަށް ގޮނޑީކަމަރު އެޅުން ލާޒިމު ނުކޮށް އޮންނަ ކަމެއް ނޭނގޭހެއްޔެވެ؟

ބުނެއެވެ. ގޮނޑީކަމަރު އެޅުމުގެ ޤާނޫނުގައި އައިސްފައިވާ އިސްތިސްނާގައި ޖިންސުގެ ތަފާތުކުރުމެއް ނެތެވެ. ނަމަވެސް ޙިޖާބު އެޅުމުގެ ޤާނޫނުގައި ހަމައެކަނި އަންހެނުންނަށް ޙިޖާބު އަޅަން ޖެހޭ ގޮތަށް އޮންނަ އޮތުމީ ހަމަކަނޑައެޅިގެން ފާޅުވާން އޮތް ބޮޑު އަނިޔާވެރި ތަފާތުކުރުމެކެވެ.

ބުނާށެވެ. ހިޖާބުއެޅުމުގެ ޤާނޫނުގައި އައިސްފައިވާ އިސްތިސްނާތައް ބިނާވަނީ އަދާކުރާ ވަޒީފާގެ ހައިސިއްޔަތަކަށް ނޫނެވެ. ކޮންމެ އަންހެނަކު ވެސް ހިލޭ ފިރިހެނުންގެ ކުރިމައްޗަށް އަރާނަމައީ ޙިޖާބުން ނިވާވާން ޖެހެއެވެ. އެއީ އަންހެން ޑޮކްޓަރެއް، މުދައްރިސެއް، ގެވެއްސެއް [2] ޕްރިންސިޕަލެއް، މަސައްކަތު މީހެއް ކަމުގައި ވިޔަސްވެހެވެ. ރަސްކަލެއްގެ އަތްނބެއް ނޯކަރެއްގެ އަތްނބެއް ވިޔަސް ތަފާތެއް ނެތެވެ. ރާނީއެއް ވިޔަސް ޚާދިމާއެއް ވިޔަސް ފަރަޤެއް ނެތެވެ. ކޮންމެ އަންހެނަކަށް ވެސް އެއް ހަމައެކެވެ. އަންހެނުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތެވެ. އެކަމަކު ތިބާމެންގެ ޤާނޫނުގައި ވާފަދައިން ބައެއް ޑުރައިވަރުންނަށް ގޮނޑީކަމަރު އެޅުން ލާޒިމުކޮށްފައި އަނެއް ބައި ޑުރައިވަރުން ދޫކޮށްލުމުން، ނަތީޖާއަކީ ހުރިހާ ޑުރައިވަރުން ހަމަހަމަ ނުކުރެވުނުތާނގައި ހުރިހާ އަންހެން ޑުރައިވަރުންގެ މެދުގައި ވެސް ހަމަހަމަ ނުކުރެވުމެވެ. ހުރިހާ ފިރިހެން ޑުރައިވަރުންގެ މެދުގައި ވެސް ހަމަހަމަ ނުކުރެވުމެވެ. އަންހެނުންނާއި ފިރިހެނުން އަދި ހަމަހަމަ ކުރެވޭނީ ދެން ކޮން އިރަކުންހެއްޔެވެ؟ ތިބާމެންގެ ތި ފިކުރުން ބަލާއިރު މިއީ މާ ފާޅުކަން ބޮޑު މާ އަނިޔާވެރި ތަފާތުކުރުމެއް ނޫންހެއްޔެވެ؟

ބުނެއެވެ. ބަސް ޑުރައިވަރުންނަށް ގޮނޑީކަމަރު އެޅުން ލާޒިމު ނުވަނީ އެއީ ކާރު ޑުރައިވަރުންނަށް ވުރެ އެކްސިޑެންތަކުގައި މަރުވުމުގެ ނުރައްކާތެރިމާއި އެނޫންވެސް ތަފާތު ގެއްލުންތައް ލިބުމުގެ އިހުތިމާލު[3] ބަސް ޑުރައިވަރުންގެ ހައްޤުގައި ކުޑަކަމުގައި ވާތީއެވެ.

ބުނާށެވެ. ފިރިހެނުންނަށް ޙިޖާބުއެޅުން ލާޒިމުނުވަނީ  އަންހެނުންނަށް ވުރެ ފިރިހެނުންނަށް ޖިންސީގޮތުން ނަހަމަ ފުރޮޅުންތަކާއި ހުށަހޮޅުންތައް އައުމުގެ އިހުތިމާލު ކުޑަކަމުގައިވާތީއެވެ.

ބުނެއެވެ. މައްސަލައެއް ނެތެވެ. ޙިޖާބަކީ ތިޔަހާ ބޭނުންތެރި އެއްޗެއް ކަމުގައި ތިބާމެން ޤަބޫލުކުރާނަމަ ތިބާމެންނަށް ތިބާމެން ދެކޭ ގޮތެވެ. ބޭރު ޤައުމުތަކުން އަންނަ އަންހެނުންނަށް އެކަން ލާޒިމުނުކުރާށެވެ. ތިބާމެންނާއި އެއްފަދައިން އެމީހުންނެއް ޙިޖާބުގެ މުހިންމުކަމެއް ޤަބޫލެއް ނުކުރެއެވެ. ދެން އެމީހުން އެކަން ކުރަން އެހާ ނޭދޭއިރު އެމީހުންގެ މައްޗަށް ތިޔަހާ ދަތިބޮޑުކުރަނީ ކީއްވެހެއްޔެވެ؟

ބުނާށެވެ. މައްސަލައެއް ނެތެވެ. ގޮނޑީކަމަރަކީ ތިޔަހާ ބޭނުންތެރި އެއްޗެއް ކަމުގައި ތިބާމެން ޤަބޫލުކުރާނަމަ ތިބާމެންނަށް ތިބާމެން ދެކޭ ގޮތެވެ. އެގޮތަށް ޤަބޫލުނުކުރާ ޑުރައިވަރުންނަށް އެކަން ލާޒިމުނުކުރާށެވެ. ތިބާމެންނާއި އެއްފަދައިން އެމީހުންނެއް ގޮނޑީކަމަރުގެ މުހިންމުކަމެއް ޤަބޫލެއް ނުކުރެއެވެ. ދެން އެމީހުން އެކަން ކުރަން އެހާ ނޭދޭއިރު އެމީހުންގެ މައްޗަށް ތިޔަހާ ދަތިބޮޑުކުރަނީ ކީއްވެހެއްޔެވެ؟

އެމީހުންވެސް އަހަރެމެން ވެސް (ވަރަށް މަދު މީހަކު ފިޔަވައި) ގޮނޑީކަމަރު އެޅުމުގެ މުހިންމުކަމާއި އެކަމުގެ ފައިދާއާއި އަދި އެއްޗަކުން ލިބޭ ފައިދާއަކީ ނިސްބީ އެއްޗެއްކަން ގަބޫލުކުރަމެވެ. އެހެނަސް… ޙިޖާބާއި ހަމައަށް އައުމުން އެވާ ގޮތެއް ނޭނގެއެވެ. ޢަޖައިބެކެވެ. އެހެންވީމާ އެމީހުން އެހެން ބުނަނީ ނަމަ އަހަރެމެންނަށް މިހެން ވެސް ބުނެވިދާނެއެވެ. އެނޫނަސް ކީރިތި ޤުރްއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތައް އަހަރެމެންނަށް ފުދިގެން ވެއެވެ.

 

ރެފަރެންސް:

[1] ޙިޖާބު: އިސްލާމީ ހަމަތަކަށް ފައްތައިގެން އަންހެނާ އަޅާ ހެދުން.

[2] ގެވެހި މިބަހުގެ މާނައަކީ އުޅުންހުރި މިއެވެ. ޢާންމުކޮށް މިބަސް ބޭނުންކުރެވެނީ އުޅުންހުރި އަންހެނުން ސިފަކުރާ ކުރުމުގައެވެ. އެގޮތުން ގެވެހި އަންހެނެކޭ ބުނެއުޅެއެވެ. ނަމަވެސް މިތަނުގައި އަޅުގަނޑު [ގެވެއްސެކޭ] ބުނެފައި އެވަނީ ހައުސްވައިފް ގެ މާނައިގައެވެ.

[3] އިހުތިމާލު: ކަމެއް ވަކި ގޮތަކަށް ހިނގާފާނޭ ކަމުގެ ފުރުސަތު އެބަ އޮތޭ ބުނުމަށްޓަކައި ބޭނުންކުރެވޭ ބަހެއް.

 

މަސްދަރު: ނޫރުލްއިސްލާމް

0