ގިނަ މޫނުތަކުން ފެންނަނީ މާޔޫސްކަމެވެ. އިވެނީ އަބަދުވެސް ޝަކުވާކުރާ އަޑެވެ. ޝަކުވާގެ ގަހުގައި އަޅާ މަލަކީ މާޔޫސްކަމެވެ.
ބައެއް މީހުންނަށް ދުވަހެއްގައި ވެސް އެމީހުން އެދޭ ގޮތަކަށް ކަންތައް ދިމައެއް ނުވެއެވެ. އަބަދުވެސް އެހެންވި ނަމައޭ މިހެންވި ނަމައޭ ހިތަށް އަރައަރާ ތިބެއެވެ. ނަސޭހަތެއް ދެންހެއްޔެވެ؟ ނަމަވުމެއްގެ ފަހަތުގައި އުފަލެއް ނުވެއެވެ.
އެކަނި އުޅެން ޖެހިފައިވާ މީހާ ޝަކުވާކުރަނީ ބައިވެރިޔަކު ނެތީމައެވެ. މީހުންނާ އެކީ އުޅެން ޖެހިފައިވާ މީހާ ޝަކުވާކުރަނީ ގާތުގައި އުޅޭ މީހުންނާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
މިއީ ދުނިޔެއެވެ. މި ދުނިޔެއަކު މާތްކަލާނގެ ސުވަރުގެއް ނުލައްވަވައެވެ. މި ދުނިޔޭގައި ސުވަރުގޭގެ އުފަލުގައި އުޅެން ނޫޅޭށެވެ.
ދުނިޔެ ހެއްދެވި ކަލާނގެ ދުނިޔެއަކީ ވަގުތީ ތަނެއްކަން އަންގަވާފައި ވަނިކޮށް މިތަނުގައި ތާއަބަދަށް ދިރިއުޅެން ނިންމައިގެން ހުންނަ މީހަކަށް އަބަދުވެސް ވާނީ ނަމަވެ ނަމަވެފައި ޝަކުވާކުރާހާއެވެ. އެފަދަ މީހަކަށް ނުވާށެވެ.
އަބަދުވެސް ދެއްވި މިންވަރަށް އީމާންވާށެވެ. އިތުރުކުރައްވައިތޯ ދުޢާކުރުމާއި ވަކީލުކުރުމާއެކު ސަބަބުތަކުގައި ހިފާ މަސައްކަތްކުރާށެވެ.
ޢަޒުމާއި އުންމީދުން ފޭވެ، ޝައިޠާނާއަށް ހެއްލި، ނަމަވުމުގައި ގެއްލި، ޝަކުވާގެ މައްޗަށް އެއްލި ގަތީމާ އެވެއްޓެނީ މަރުވުވުމުގެ މާނަ ފުރިހަމަ ނުވާ މަރެއްގެ ތުންފަތްމައްޗަށެވެ. އޭރުން މަރެއް ނުމެ ވީމެއެވެ. ޙަޔާތުގައި ރަހައެއް ނުމެލީމެއެވެ.
އަޅުކަމެއް ނުކޮށް އަޅުވެރިއަކަށް ވީ ކާކުހެއްޔެވެ؟ އަތްއުރާލައިގެން ކަމެއް ނުކޮށްހުއްޓާ ޢިލްމުވެރިކަމުގެ ސަނަދެއް ލިބުނީ ކާކުގެ އަތުން ކާކަށް ހެއްޔެވެ؟
ގިނަ މީހުން ބުނަނީ އެވެނި މިވެނި ކަމެއް ކުރާކަށް ތިމަންމެންނަށް ފުރުސަތެއް ނުލިބޭ ވާހަކައެވެ. ސުވާލަކީ އެނޫން އަގުހުރި އެހެން ކަންކަން ކުރުމަށް ލިބުނުހާ ފުރުސަތެއްގެ ބޭނުން ހަމަ ރަނގަޅަށް ކުރީމުހެއްޔެވެ؟
ފުރުސަތަކީ އުޑުމަތީ ހެދޭ ވާރޭ ވިލާތަކުން ވެހޭ އެއްޗެއް ނޫނެވެ. ދަނޑުމަތީ ހުއިފަޅާހެން ކުރިމަތީ ފަޅާއެއްޗެއް ނޫނެވެ. ޒުވާނަކު ލޯބިވެރިޔާގެ ފަހަތުން ދުވެ އަންނަ ފަދައަކުން ފުރުސަތު ކަލޭގެ ފަހަތަކުން ނާންނާނެއެވެ.
ޢުމުރުން ހޭދަވީ ކިތައް ދުވަސްހެއްޔެވެ؟ ވޭތުކުރީ ކިތައް އަހަރު ހެއްޔެވެ؟ ފާއިތުވީ ކިހާ ޒަމާނެއްހެއްޔެވެ؟ ލާބައާއި މަންފާ ލިބެނިވި ކަންކަމުގެ ގޮތުގައި ކިތައް ކަންތައް ކުރެވިއްޖެހެއްޔެވެ؟
އަބަދާއި އަބަދު ޝަކުވާކުރަމުން ތިޔަގެންދާ ކަންކަމުގެ ހައްލު ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތަކުގެ ތެރެއިން ކިތައް ކަންތައް ކުރެވުނުހެއްޔެވެ؟
ރަނގަޅު ހަމައަކީ، އޮންނަ ގޮތަކީ ސަބަބުތަކުގައި ހިފުމަށް ފަހު ވަކީލުކުރުންކަން ޤަބޫލުކޮށް އީމާންވެގެން ތިބޭއިރުގައިމެ، ސަބަބުތަކުގައި ނުހިފައި ޝަކުވާގައި ހިފުން އެއީ ހަމަ އެންމެ ބުއްދިވެރި ގޮތްހެއްޔެވެ؟
ދެ ޙަޔާތުގެ ކާމިޔާބާ މެދު ވިސްނާއިރުގައި އުޅުން ބެހެއްޓިފައި ތިޔަހުރީ ހަމަ އެންމެ ރަނގަޅަށްހެއްޔެވެ؟
މަސްދަރު: ނޫރުލްއިސްލާމް