މިއުޒިކަލީ, އިންސްޓަރގްރާމް ފަދަ ސޯޝަލް މީޑިޔާ ނެޓްވޯރކްތަކުގައި ހިލޭ ފިރިހެނުންނަށް ފެންނަގޮތަށް އަދި ހިލޭ ފިރިހެނުންނާ ގުޅިގެން، މުޅި ދުނިޔެއަށް ފެންނަ ގޮތަށް، ނަށާ ލަވަކިޔާ ތިމާގެ ހަށިގަނޑުގެ ވަނާތައް ހާމަކޮށް، ތިމާގެ ޢައުރަ ކަޝްފުކޮށް ހެދުމަކީ، ބުރުގާއޭ ކިޔާ އެއްޗެއް އަޅައިގެން ހުރި ކަމުގައިވިޔަސް، ތިމާގެ ކިބައިގައި ލަދުވެތިކަމުގެ ކަންފުޅެއްވެސް ނެތްކަމުގެ ހެއްކެކެވެ. އަދި އެއީ ޙިޖާބުވުމެއްވެސް ނޫނެވެ. އެއީ ޝައިޠާނާގެ ޙިޖާބެވެ. ޝައިޠާނާގެ ޙިޖާބަކީ ކަޝްފުކުރުމެވެ. އަދި މިފަދަ ފޮޓޯތަކާއި ވީޑިޔޯތައް ހާމަކުރާ ކުދީން، އެމީހުންނަށް ﷲ ތަޢާލާ ދެއްވާފައިވާ ހަށިގަނޑާއި އެމީހުންނަށް ﷲ ތަޢާލާ ރީތިކަމެއް ދެއްވާފައިވާނަމަ އެ ރީތިކަން އެ ބޭނުންކުރަނީ އެ ރީތިކަން ދެއްވި ފަރާތަށް އުރެދުމަށެވެ. އެމީހުންގެ ހަށިގަނޑަކީ ހިލޭ ފިރިހެނުންނަށް ނީލަން ކިޔަން ދެއްވާފައިވާ އެއްޗެއް ނޫނެވެ. އެއީ އަމާނާތެކެވެ. ފޮރުވާ އެއަށް ރައްކާތެރިވާންޖެހޭ އެއްޗެކެވެ.
މިޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނަކަށް ވުމާއެކު، އަންހެން ކުއްޖާ އެންމެ ހިލޭ ފިރިހެނެއްގެ ކުރިމަތީގައި އޭނާގެ ޢައުރަ ދެއްކުމާއި، މިފަދަ އިމެއްނެތް މީޑިޔާއަށް އޭނާގެ ޢައުރަ ދެއްކުމާއި ހާސްބައި ތަފާތެވެ. މި ދެކަމަކީވެސް ޙަރާމް ކަމެއް ކަމުގައިވިޔަސް މެއެވެ. އެފަދަ ނެޓްވޯރކްތަކުގައި ޕޮސްޓުކުރާ ފޮޓޯ އާއި ވީޑިޔޯއަކީ އެ ޕޮސްޓު ކުރުމަށްފަހު ކިތަންމެ ވަރަށް އެ ޑިލީޓްކުރަން އުޅުނު ކަމުގައިވިޔަސް ޙަޤީޤަތުގައި ޑިލީޓްވާ އެއްޗެއް ނޫނެވެ. އެއީ ދުނިޔޭގެ އެކި ޤައުމުތަކަށް ކަނޑުތައް ހުރަސްކޮށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ ފެތުރިގެންދާއިރު، އެ “ސޭވް” ކުރާ ކޮންމެ މީހަކީ އޭގެ “މިލްކުވެރިޔަކަށް” ވީއެވެ. ދެން އެ މިލްކުވެރި ކުރާ ކޮންމެ މީހަކު އެމީހަކު ބޭނުންވަރަކަށް އެ ފަތުރަންވީއެވެ. އެތައް މިލިއަން މީހުންނަކަށް ފެންނާނެއެވެ. އަދި މިފަދަ ވީޑިޔޯތަކާއި ފޮޓޯތައް ހާމަކުރުމަކީ ތިމާއަށް ގިނަ ގުނަ “ލައިކު” ލިބި ގިނަ ގުނަ “ކޮމެންޓު” ލިބުނުކަމުގައި ވިޔަސް ތިމާއަށް މިލިޔަނުން “ފާފަ” ލިބުމަށް މެދުވެރިވާ ސަބަބަކަށް ވެދެއެވެ. އަދި މީގައިވާ އެންމެ ބޮޑު ހިތާމައަކީ ތިމާ މަރުވެ ދިޔުމަށްފަހުގައި ކަށްވަޅުގައި އޮންނައިރުވެސް މިފަދަ ދެމިގެންވާ ފާފަތަކުގެ ހިއްސާ ތިމާއަށް ލިބި ލިބި ޤިޔާމަތާ ހަމައަށް އޮންނަން ޖެހުމެވެ. އަދި މިފަދަ ވީޑިޔޯތަކާއި ފޮޓޯތަކަށް ބަލާ ކޮންމެ މީހަކު ބަލާ ހިނދު އެ ކުރަނީ ފާފައެކެވެ. ލޮލުގެ ޒިނޭއެވެ. އަދި އެ ފާފަ ކުރުވާ މީހާއަކީ އެ ފާފަކުރާ ހުރިހާ އެންމެންގެ ވިޒުރު އެމީހާ އުފުލަން ޖެހޭނެ މީހެކެވެ. އަދި މިފަދަ ފޮޓޯތަކާއި ވީޑިތޯތައް ބޭނުންކޮށްގެން ޖިންސީ އެދުން ފުއްދުން ފަދަ ޢަމަލުތައް ބަޔަކު ކުރާނަމަ އެފަދަ ވީޑިޔޯ އަދި ފޮޓޯ ޕޮސްޓު ކުރި މީހަކަށްވެސް އެ ފާފައިގެ ނިސްބަތެއްވެސް ލިބޭނެއެވެ. މިފަދަ ކަންކަން ކުރާ ގިނަ ކުދީން މިފަދަ ކަންކަން ކުރަނީ ތިމާގެ ރީތިކަން މީހުންނަށް ދެއްކުމަށާއި ތިމާއަށް މީހުންގެ ތަރުޙީބު ހޯދުމަށާއި މީސްތަކުންގެ ތެރޭގައި މަޝްހޫރުވުމަށެވެ. މީސްތަކުންގެ ތެރޭގައި މަޝްހޫރު ވުމަށްޓަކައި، މީސްތަކުންގެ އަދި އޭނާގެ ރައްބު ދެއްވި ހަށިގަނޑާއި ރީތިކަން ބޭނުންކޮށްގެން، ﷲ އަށް އުރެދުމަކީ އަޅާކިޔުމުގެ ގޮތުން ބަލާއިރު ހާދަހާ ހަމަނުޖެހޭ ދެކަމެވެ.
މިގޮތަށް ފަޟީޙަތްވެގަތުން ނުވަތަ އެކްސްޕޯސްވެ ގަތުމަކީ މިއީ ވަރަށް ފެޝަން ކަމެއްކަމަށް، ޒަމާނީ ގޮތެއްކަމަށް ދެކުނު ކަމުގައިވިޔަސް ޙަޤީޤަތުގައި އަންހެނާ ހިލޭ ފިރިހެނުންގެ ކުރިމަތީ ޒީނަތްތެރިކަން ފާޅުކޮށްގަތުމަކީ މިޒަމާނުގެ ގަޓު ގޮތެއް ނޫނެވެ. އެއީ އިހު ޒަމާނުގެ ކަޓު ގޮތެކެވެ. ޖާހިލިއްޔަ ޒަމާނުގެ ބޯދާ ގޮތެކެވެ.
﴿ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ﴾ {الأحزاب:٣٣} މާނައީ: “އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ”
މިއީ އަޅުގަނޑުމެންގެ މުޖުތަމަޢަށް މިއަދު ކުރިމަތިވެފައިވާ ބޮޑުވެގެންވާ ވަބާއެކެވެ. މިފަދަ ގޮތަކަށް ދަރީން ފަޟީޙަތްވެގަތުމަކީ އެކުދިން ތަރުބިއްޔަތުކުރާ މައިންބަފައިން އެކަމާ ފާރަވެރިވެ ހުއްޓުވަން ޖެހޭ ކަމެކެވެ. މިފަދަ ގޮތަކަށް އަނބީން ޢަމަލު ކުރުމަކީ އެކަނބަލުންގެ ފިރީން އެކަންހުއްޓުވަން ޖެހޭ ކަމެކެވެ. ކޮއްކޮއިންނާއި ދައްތައިން މިގޮތަށް ޢަމަލުކުރުމަކީ ބޭބެއިން އެމީހުންގެ ޣީރަތްތެރިކަން ހާމަކުރަން ޖެހޭ ކަމެކެވެ. ފިރިހެނުންގެ ކިބައިގައި ޣީރަތްތެރިކަމެއް ނެތުމަކީ އަންހެނުންގެ ކިބައިން ލަދުވެތިކަން ކެނޑިގެންދާ ސަބަބެވެ.