ޚަބަރު
ވެރިކަމަކަށް އިސްވާ މީހާ، ރަނގަޅު މީހުން ގާތްކުރުން ވާޖިބު ކުރައްވައި، ފަސާދައާއި އަމިއްލަ އެދުމުގެ އަހުލުވެރިން ދުރުކުރުމަށް އަންގަވާފައިވޭ – ޚުޠުބާ

މުސްލިމުންގެ ވެރިކަމަކަށް އިސްވާ މީހާ، ރަނގަޅު މީހުން ގާތްކުރުން ވާޖިބު ކުރައްވައި، ފަސާދައާއި އަމިއްލަ އެދުމުގެ އަހުލުވެރިން ދުރުކުރުމަށް އަންގަވާފައިވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ”މުސްލިމުންގެ ވެރިކަމަކަށް އިސްވާ މީހާ، ރަނގަޅު މީހުން ގާތްކުރުން ވާޖިބު ކުރައްވައި، ފަސާދައާއި އަމިއްލަ އެދުމުގެ އަހުލުވެރިން ދުރުކުރުމަށް އަންގަވާފައިވެއެވެ. އައިޝާ رضى الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ‏ ”إِذَا أَرَادَ اللَّهُ بِالأَمِيرِ خَيْرًا جَعَلَ لَهُ وَزِيرَ صِدْقٍ إِنْ نَسِيَ ذَكَّرَهُ وَإِنْ ذَكَرَ أَعَانَهُ وَإِذَا أَرَادَ اللَّهُ بِهِ غَيْرَ ذَلِكَ جَعَلَ لَهُ وَزِيرَ سُوءٍ إِنْ نَسِيَ لَمْ يُذَكِّرْهُ وَإِنْ ذَكَرَ لَمْ يُعِنْهُ ‏“     މާނައީ: ”ވެރިއަކަށް ހެޔޮ ގޮތް އިރާދަކުރައްވައިފިނަމަ، އޭނާއަށްޓަކައި ތެދުވެރި ވަޒީރަކު ލައްވައެވެ. އެ ވެރިޔާ އަށް ހެޔޮގޮތް ހަނދުމަ ނެތިއްޖެނަމަ ވަޒީރު ހަނދާން ކޮށްދެއްވާނެއެވެ. ވެރިމީހާ ހެޔޮގޮތް ހަނދުމަ ވެއްޖެނަމަ، އޭނާއަށް އެކަމުގައި އެހީތެރިވެ ދެއްވާނެއެވެ. އަދި އެ ވެރިއަކަށް އެނޫން ގޮތެއް (އެބަހީ: ނުބައިގޮތް) ﷲ އިރާދަކުރައްވައިފިނަމަ، އޭނާއަށް ނުބައި ވަޒީރަކު ލައްވައެވެ. އެވެރިމީހާ ހަނދުމަ ނެތިއްޖެނަމަ ވަޒީރު ހަނދާންކޮށެއް ނުދެއްވާނެއެވެ. އަދި ހަނދުމަ ވެއްޖެނަމަ، އެކަމުގައި އޭނާއަށް އެހީތެރިއެއް ނުވާނެއެވެ.“

އިތުރަށް ޚުތުބާގައި ބުނެފައިވަނީ ”އަމާނާތްތަކުގެ ތެރެއިން އެންމެބޮޑު އެއް އަމާނަތަކީ، ވެރިކަމުގެ އަމާނާތެވެ. އާދައިގެ އިދާރާތަކާއި އޮފީސްތަކުގެ ވެރިކަމުން ފެށިގެން ޤައުމުގެ އެންމެ މަތީ ވެރިކަމާ ހަމައަށެވެ. އެހެންކަމުން ވެރިކަމުގެ އަމާނާތުގެ މުހިއްމުކަމާމެދު އިސްލާމްދީނުގައި ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައި، އެއަމާނާތް އަދާކުރާނެ ގޮތުގެ ފުރިހަމަ އިރުޝާދު ދެއްވާފައިވެއެވެ.“

އިތުރަށް ޚުތުބާގައި ބުނެފައިވަނީ “ ވެރިކަމަކީ އޭގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް އަދާ ނުކޮށްފިނަމަ، އޭގެ ސަބަބުން ވެރިމީހާއަށް ޤިޔާމަތްދުވަހުން ހިތާމައަކަށް ނުވަތަ ހިތްދަތިކަމަކަށް ވެގެން ދާނެ ކަމެކެވެ.“

އަދިވެސް އިތުރަށް ޚުތުބާގައި ބުނެފައިވަނީ ”އަބޫ ޛައްރުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނު މަޤާމަކަށް އިސްކުރެއްވުމަށް ދެންނެވި ހިނދު، ރަސޫލާ صلى الله عليه وسلمގެ އަތްޕުޅުން ތިމަންކަލޭގެފާނުގެ ކޮނޑުފުޅުގައި ޖެއްސެވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. ”އޭ އަބޫ ޛައްރެވެ! ހަމަކަށަވަރުން ކަލޭގެފާނަކީ ބަލިކަށި ބޭކަލެކެވެ. އަދި ހަމަކަށަވަރުން އެއީ އަމާނާތެކެވެ. އަދި ހަމަކަށަވަރުން އެއީ ޙައްޤު ގޮތުގައި އެކަން ލިބިގަނެ، އެކަމުގައި އޭނާ އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްފި މީހަކަށް މެނުވީ، ޤިޔާމަތްދުވަހުން ނިކަމެތިކަމެކެވެ. އަދި ހިތާމައެކެވެ.“

މީގެ އިތުރުން ”އިސްލާމީ ޝަރީޢަތުގައި މަސްއޫލުވެރިން އެބައިމީހުންގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އަމާނާތްތެރިކަމާއެކު އެ ޙައްޤުތަކުގެ ވެރިންނަށް ޙައްޤުތައް ހޯދައިދީ، އަމާނާތްތަކުގެ އަހުލުވެރިންނަށް އަމާނާތް ރައްދުކުރުމަށް ވަނީ ބާރު އަޅުއްވާފައިވާކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

އަދި މީގެ ސަބަބުން ހުރިހާ ބާވަތެއްގެ މަޞްލަޙަތެއް ފުރިހަމަވެ، ފަސާދަތައް ނެތިގެން ދާކަމާއި އަދި އޭގެ އާޚިރު ނަތީޖާ ފޮނިވެގެން ދާކަމަށް ޚުތުބާގައި ވެއެވެ.

މުސްލިމް އަޚުންނޭވެ! އިސްލާމްދީން ވަނީ ޙާކިމުންނާއި އެހެނިހެން ފަރާތްތަކަށް އެމީހެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމައަށް ޢަދުލުވެރިވުން ވާޖިބު ކުރައްވާފައެވެ.

 

 

 

 

0