ނަޞޭޙަތާއި އިރުޝާދު
އެކުވެރިޔާގެ ޙައްޤުގައި..!

އެކުވެރިޔާ ފެނުމުން ސަލާމްކުރާށެވެ. ސަލާމްކުރުމާއި ސަލާމް ގޮވުމަކީ ލޯބި އުފެއްދުމުގެ ވަސީލަތެކެވެ. ކުދި ފާފަތައް ފުހެވުމުގެ ސަބަބެކެވެ. ގަދަވެގެންވާ ސުންނަތެކެވެ.

ކީރިތި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ”والله لا تدخلوا الجنة حتى تؤمنوا ولا تؤمنوا حتى تحابوا أفلا أخبركم بشيء إذا فعلتموه تحاببتم‏؟‏ أفشوا السلام بينكم‏[1]

މި ޙަދީޘްގެ ދޭހައަކީ: ﷲ ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނާނެއެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިކޮށްފުމަށް ދާންދެން އީމާންވީކަމުގައި ނުވާނެއެވެ. އެކަމެއް ތިޔަބައިމީހުން ކޮށްފި ނަމައީ ތިޔަބައިމީހުންގެ މެދުގައި ލޯބިވެތިކަން އުފެދޭނޭ ފަދަ ކަމެއް ތިމަންކަލޭގެފާނު ޚަބަރުކުރައްވަމެވެ. ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ގިނަކުރާށެވެ.“

ސަލާމަށް އިސްނެގުމަކީ ގަދަވެގެންވާ ސުންނަތެއް ކަމުގައި ވީ ނަމަވެސް ސަލާމަށް ޖަވާބުދިނުމަކީ ފަރުޟުކިފާޔަތެކެވެ. އެހެންވީމާ އެކަނިހުއްޓާ މީހަކު ސަލާމްގޮވާލުމުން އޭނާއަށް ކޮންމެހެންވެސް ޖަވާބުދޭންޖެހޭނެއެވެ. ޖަމާޢަތަކަށް ގޮވާލެވޭ ސަލާމަށް ޖަމާޢަތުން އެކަކު ޖަވާބުދިނަސް ފުދޭނެއެވެ. ނަމަވެސް އެކުވެރީންގެ މައްޗަށް ހެޔޮދުޢާކުރުމުގައި ދަހިނުވާށެވެ.

އެކުވެރިޔާގެ ދަޢުވަތަށް އިޖާބަދޭށެވެ. އެއީ ކެއުމަކަށް ދެވޭ ދަޢުވަތެއް ކަމުގައި ވިޔަސް ނުވަތަ އެހީތެރިކަމަކަށް އެދިގެން ދިން ދައުވަތެއް ކަމުގައި ވިޔަސްވެހެވެ. (ވަލީމާ) ކައިވެނިޕާޓީއެއްގެ ދަޢުވަތަށް ނަމަ އިޖާބަދިނުން ވާޖިބެވެ. އެއީ ވަލީމާގެ ދަޢުވަތަށް އިޖާބަ ނު ދިނުމަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދުމެއް ކަމުގައި ޙަދީޘްބަސްފުޅުގައި އައިސްފައިވާތީއެވެ.[2]

އެކުވެރިޔާ ނަސޭހަތަކަށް އެދެފި ނަމައީ އޭނާއަށް ނަސޭހަތްތެރިވާށެވެ. ފަހަރުގައި އަހަންނަށް ނަސޭހަތެއް ދޭށޭ ފާޅުގައި ސާފުބަހުން ނުބުނެފާނެއެވެ. ތަފާތު ހާލަތްތަކުގައި ކަލޭގެ ރަހުމަތްތެރިޔާ ކަލޭގެ ގާތުން މަޝްވަރާއަށް އަހާނެއެވެ. ބައެއް ކަންކަމުގައި ކަލޭގެ ޚިޔާލަކީ ކޮބައިތޯ ސުވާލުކުރާނެއެވެ. އެއެދެނީވެސް ނަސޭހަތަށެވެ. ކަލޭގެ އެކުވެރިޔާއަށް ޖަވާބުދޭށެވެ. އެކުވެރިޔާ ކަލޭގެ ކުރިމަތީގައި ކުށެއް ކުރާ ނަމަ އޭނާއަށް ނޭނގިހުރެ ނަމަވެސް އެ އެދެވެނީ ނަސޭހަތަކަށެވެ. އޭނާއަށް ނަސޭހަތްދޭށެވެ.

އެކުވެރިޔާއަށް ކިނބިހި އެޅުމުން އޭނާ الحَمْدُ لِلّهِ  ކިޔާ ﷲ އަށް ޙަމްދުކޮށްފި ނަމަ يَرْحَمُكَ الله  ކިޔާ އޭނާއަށް ރަޙުމަތް ލެއްވުމަށް އެދި ދުޢާކުރާށެވެ. އޭގެ ޖަވާބުގައި އޭނާ  يَهْدِيْكُمُ اللهُ وَيُصْلِحُ بَالَكُم މިފަދައިން ޖަވާބުދޭންޖެހޭނެއެވެ.[3] އެއްފަހަރާ މާ ގިނައިން ކިނބިހި އަޅަނީ ނަމަ عَافَاكَ الله ކިޔާށެވެ. އެއީ ޝިފާދެއްވުމަށް އެދިގެންނެވެ.

އެކުވެރިޔާ ޙަމްދުނުކުރި ނަމައީ އޭނާއަށް ހަނދާންކޮށްދޭށެވެ. ނޭނގޭ ނަމަ ދަސްކޮށްދޭށެވެ. މި ކަމުގައި ލަދު ނުގަންނާށެވެ. ލަދު ގަންނަންޖެހޭނީ މީހަކަށް ނުބައިކަމެއް ދަސްކޮށްދޭން ހިތަށް އަރާހިނދުގައެވެ.

އެކުވެރިޔާ ބަލިވުމުން ޒިޔާރާތްކުރާށެވެ. މި ކަމުގައި އޭނާއަށް އުނދަގޫވާނެހެން ހީވާ ކަންކަމުން ދުރުހެލިވާށެވެ. ހިތްވަރު ދިނުމުގެ ބަސްތައް ބޭނުންކުރާށެވެ. މުސްލިމެއްގެ ގައިގައި ރިހޭ ކޮންމެ ރިހުމަކީ އަޅާ ކޮންމެ ވޭނަކީ އެކަމަށްޓަކައި ކެތްތެރިވެއްޖެ ނަމަ ފާފަ ފުހެވޭ ކަމެއް ކަން ހަދާންކޮށްދޭށެވެ.

އެކުވެރިޔާ މަރުވުމުން އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ. އެއީ އޭނާއަށް ދެވޭ އަގުހުރި ހަދިޔާއެކެވެ. ކަލެއަށް ލިބޭ އެތަކެއް ދަރުމައަކާއި ސަވާބެކެވެ.

ނޯޓް: މި މަޒުމޫނުގައި އައިސްފައިވާ އެކުވެރިޔާގެ ޙައްޤުތަކަކީ އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރެއިން ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ޙަދީޘްބަސްފުޅުން ޚާއްސަކުރައްވާފައިވާ ހަ ޙައްޤެކެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

1