ނަޞޭޙަތާއި އިރުޝާދު
ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިން ނިދީގެ މަތިވެރި ނިޢްމަތް

ނިދުމަކީ މާތް ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އަދި އެއީ އެ އިލާހުގެ ނިޢްމަތްތަކުގެތެރެއިން ވަރަށް މަތިވެރި ނިޢްމަތެކެވެ. ނަމަވެސް މި ޒަމާނުގައި މި މަތިވެރި ނިޢްމަތް ބަލައިގަންނަތަން ފެންނަނީ ވަރަށް މަދުންނެވެ.

ދުވާލުގެ ބުރަ މަސައްކަތަށް ފަހު ވަރުބަލި ފިލުވައި ހަށިގަނޑަށް އަރާމުލިބިގަންނަން އޮންނަ ވަގުތު އަޅުގަނޑުމެން ހޭދަކުރަނީ ކެއުމާއި ބުއިމުގައެވެ. ލަވަކިޔުމާއި ނެށުމުގައެވެ. ކުޅިވަރާއި މަޖަލުގައެވެ. ފޯނުކުރުމާއި ޗެޓްކުރުމުގައެވެ…. ކޮންމެ ރެއެއްގައިވެސް އެފަދަ ޙާލެއްގާ އުޅެނިކޮށް ކުއްލިޔަކަށް ހޭވެރިކަންވަނީ ފަތިސްދަމަށް ހާ ގޮވީމައެވެ. ނުވަތަ މުދިންބެ ބަންގި ގޮވީމައެވެ.

    ދެން ވާގޮތަކީ ކުއްލިއަކަށް ވަރުބަލިކަން އިޙްސާސް ވާން ފަށަނީއެވެ. އަދި ވެފައިވާ ވަރުބައްޔާއި ލިބިފައިވާ ލޮޑުކަމުގެސަބަބުން އެނދުމައްޗަށް ވެއްޓިގަނެވެނީއެވެ. ދެން ފުން ނިދީގެ ތެރެއަށް ޣަރަޤުވެގަނެވެނީއެވެ. އެގޮތުގައި ދުވާލުގެ އެންމެ ބަރަކާތްތެރި ގަޑި ބޭކާރުކޮށްލެވެނީއެވެ. ފަލާޙާއި ކާމިޔާބުގެ މަގަށް ގޮވާ ގޮވުމަށް ފުރަގަސް ދެވެނީއެވެ. ޝައިޠާނާގެ ގޮވުންތަކަށް އިޖާބަ ދެވެނީއެވެ!!!

    އަޅުގަނޑުގެ ގާތް ރައްޓެއްސަކު އެއްފަހަރަކު ދެކެވުނު ވާހަކައެއްގައި އޭނާ ބޮޑުވެ، ރޯދަމަހު ރޯދަހިފަން ފެށިފަހުން އެހާތަނަށް، އެއްވެސް ރޯދަމަހެއްގައި ދުވާލުގެ އިރު ނުދެކޭވާހަކަ ބުނުމުން އަޅުގަނޑު ޙައިރާންވިއެވެ! އޭނާ ރޭގަނޑު ހޭލާހުރެފާ ފަތިސްވާން ކައިރިވުމުން ހާރު ކައިގެން ނިދާގޮތަށް ތެދުވަނީ އިރު އޮއްސި ރޯދަ ވީއްލާގަޑި ޖެހުނީމައެވެ!!! އެވާހަކަ އަހާފައި އަޅުގަނޑުގެ ހިތަށް އެރީ، އޭނާ ހިފާ ރޯދައިގެ ބޭނުމަކީ ކޮބައިބާވައެވެ!!!

    އިންސާނީ މުޖްތަމަޢަށް މިއަދު އައިސްފައިވާ އާ މަދަނިއްޔަތާއި އެއާ ގުޅިފައިވާ ކަރަންޓުގެ ގަދަ އަލީގެ ބެބުޅުންތަކުގެ ސަބަބުން އިންސާނުންގެ ޙަޔާތާއި މަސައްކަތްކުރުމުގެ އާދަތަކަށް މިއަދު މި ވަނީ ނޭދެވޭ ބަދަލުތަކެއް އައިސްފައެވެ.

ދިރާސާތަކުން ދައްކާ ގޮތުން، މިއަދު އިންސާނުން ނިދަނީ މީގެ 100 ވަރަކަށް އަހަރުގެ ކުރިން އެމީހުންގެ ކާބަފައިން ނިދައި އުޅުނު މިންވަރަށްވުރެ އެއްގަޑި ނުވަތަ ދެގަޑި މަދު މިންވަރަކަށެވެ. މިއިން ދޭހަވަނީ، އިންސާނާގެ ދިރިއުޅުމުގެ ދުވަސްތަކުގައި ހޭދަކުރާ ގަޑިތަކަށް  ބޮޑު ބަދަލެއް އަތުވެއްޖެ ކަމެވެ.

ނިންޖަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނިޢްމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ނިޢްމަތެއްކަމާއި އެއީ އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެއްކަން ރޫމް ސޫރަތުގެ 23 ވަނަ އާޔަތުން ވަރަށް ޟަރީޙަކޮށް އަންގަވާފައި ވެއެވެ. އަދި ފުރްޤާން ސޫރަތުގެ 47 ވަނަ އާޔަތުގައި ޥަޙީކުރައްވާފައި ވެއެވެ.

” وَهُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِبَاسًا وَالنَّوْمَ سُبَاتًا وَجَعَلَ النَّهَارَ نُشُورًا “

މި އާޔަތުގެ މާނައީ: “އަދި އެކަލާނގެއީ ރޭގަނޑު ނިވަލެއްކަމުގައި ލައްވައި ނިދި އަރާމެއްކަމުގައި ލައްވައި ދުވާލަކީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަށް ނިކުމެ އުޅޭ ވަގުތެއްކަމުގައި ލެއްވި ރަސްކަލާނގެއެވެ.”

ނިދީގައިވާ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިން ބައެއް ހެކިތައް:

  1. Pineal Gland (ޕައިނީލް ގްލޭންޑް):

    އެންމެ  ފަހުގެ  ހޯދުންތަކުން  ދައްކާގޮތުން  އިންސާނާގެ ނިދީގެ ހުރިހާކަމެއް އިންތިޒާމްކޮށް ބެލެހެއްޓުމަށް މާތް ﷲ ލައްވާފައިވާ އެންމެ  މުހިއްމު ގުނަވަނަކީ  އޭނާގެ ސިކުނޑީގައިވާ  ޚާއްޟަ ގްލޭންޑެކެވެ.  މި ގްލޭންޑްގެ ނަމަކީ “Pineal gland” )ޕައިނީލް ގްލޭންޑް( އެވެ. މިއީ މީގެ ބޭނުންތެރިކަމާ އަޅާ ބަލާއިރު ޙައިރާންވެ އަންތަރީސްވާހާ ކުޑަ ގްލޭންޑެކެވެ. މީގެ ދިގުމިނެއްކަމުގައި ބެލެވެނީ ގާތްގަނޑަކަށް 5 މިލިމީޓަރާއި 9 މިލިމީޓަރާއި ދެމެދުގެ މިންވަރެކެވެ. ފުޅާ މިނަކީ ގާތްގަނޑަކަށް 3 މިލިމީޓަރާއި 6 މިލިމީޓަރާއި ދެމެދުގެ މިންވަރެކެވެ. ބޯމިނަކީ ގާތްގަނޑަކަށް 3 މިލިމީޓަރާއި 5 މިލިމީޓަރާއި ދެމެދުގެ މިންވަރެކެވެ. މީގެ ބަރުމިން 120 މިލި ގްރާމަކަށްވުރެ ބަރެއް ނުވާނެއެވެ.

  1. Biological Clock (ބަޔޮލޮޖިކަލް ކްލޮކް):

އަދިހަމަ އެހެންމެ އިންސާނާގެ ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ވަކިގޮތަކަށް އިންތިޒާމުކޮށް ހަމަޖެއްސުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ އެކަމަށްޓަކައި ކީރިތި ﷲ އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ޚާއްޟަ ނިޒާމެކެވެ. މި ނިޒާމަށް ދެވިފައިވާ ސައެންޓިފިކް ނަމަކީ “biological clock” (ބަޔޮލޮޖިކަލް ކްލޮކް) އެވެ. މި ދެންނެވި ބަޔޮލޮޖިކަލް ކްލޮކް)ނުވަތަ ގަޑިއާ އިންސާނާގެ ވަށައިގެންވާ ވެށި އޮންނަނީ ވަރަށް މުނާސިބުގޮތެއްގައި ގުޅި ލާމެހިފައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ދުވާލުގެ އަލި ހަށިގަނޑަށް އިޙްސާސްވުމާގުޅިގެން ހަށިގަނޑު މަސައްކަތްކުރާގޮތް ރޭގަނޑުގެ އަނދިރިކަން ވެރިވުމުން ބަދަލުވެގެންދަނީ ވަރަށް ފުރިހަމަ އިންތިޒާމެއްގެ ދަށުންނެވެ. މިދެންނެވި އަނދިރިކަމާ ގުޅިގެން އެންމެ މުހިއްމު ވަޒީފާއެއް އަދާކުރަންފަށަނީ ކުރީގައި ދެންނެވުނު ކުޑަކުޑަ “ޕައިނީލް ގްލޭންޑް” އެވެ. ރޭގަނޑުގެ އަނދިރިކަމާއެކު މި ދެންނެވި ގްލޭންޑުން ވަރަށް ބޭނުންތެރި ހޯމޯނެއް އުފައްދަން ފައްޓައެވެ. މި ހޯމޯން މަޝްހޫރުވެފައިވަނީ “ނިދުމުގެ ހޯމޯން” ގެ ނަމުންނެވެ. ނަމަވެސް މީގެ ސައެންޓިފިކް ނަމަކީ “Melatonin” (މެލަޓޮނިން) އެވެ. މިއުފެދޭ ހޯމޯންތައް މާތް ﷲގެ އަމުރުފުޅާއެކު ވަގުތުންލޭގެ ތެރެއަށް ދަތުރުކޮށް ލެއާ އެކުވެއެވެ. ނަތީޖާއަކަށްވަނީ ނިދިޖެހެން ފެށުމެވެ. އަދި އާދަވެގެން ރޭގަނޑު 10:00 އާއި 11:00 އާދެމެދު މި ހޯމޯން އުފައްދާ މިންވަރު އިތުރުވާން ފަށައެވެ. އަދި މި އިތުރުވުން ފަތިސްވެ އަލިވިލުމާ ހަމައަށް ދެމިގެން ދެއެވެ. އެއަށްފަހު ދުވާލުގެ އަލިކަން އިތުރުވަމުންދާވަރަކަށް މި އުފެދޭ މިންވަރު ދަށްވަމުންގޮސް ކުއްލިއަކަށް ދަށަށްދެއެވެ. އަދި ދުވާލުގެ ވަގުތާ އަޅާކިޔާއިރު ރޭގަނޑު ނިދާފައި އޮންނަ ވަގުތު ހޯމޯން އުފައްދާ މިންވަރު 10 ގުނައިން ފެށިގެން 20 ގުނައާދެމެދު އިތުރުވެގެން ދާކަމަށް ބެލެވެއެވެ. އަދި މި ހޯމޯންގެ ސަބަބުން ހަށިގަނޑަށް އަންނަ އެހެނިހެން ބަދަލުތަކަކީވެސް ވަގުތާއި ޙާލަތަށް ބިނާވެގެން އަންނަ، ވަރަށް މުނާސިބު ބަދަލުތަކެކެވެ. މިގޮތުން އަންނަ އެންމެ މުހިއްމު ބަދަލަކީ މިދެންނެވި ހޯމޯން  ލޭގެ ތެރޭގައި ގިނަވާވަރަކަށް ހަށިގަނޑުގެ “ޓެމްޕަރޭޗަރ” (ފިނިހޫނުމިން) އާއި “ބްލަޑްޕްރެޝަރ” (ލޭހިނގާ ބާރުމިން) ދަށަށް ދިއުމެވެ. އަދި ހޯމޯން މަދުވާ ވަރަކަށް ހަށިގަނޑުގެ ފިނި ހޫނު މިނާއި ލޭހިނގާ ބާރުމިން މަތިވުމެވެ.

    ނިދުމުގެ ހޯމޯން (Melatonin) އުފެދުމުގެ މިންވަރު މައްޗަށް ދިއުމާއި ދަށަށް ދިއުމުގެ އެންމެ މުހިއްމު އަސާސީ ދައުރެއް އަދާކުރާ ބަހާއަކީ އަލިކަމެވެ. މިގޮތުން ބަލާއިރު، ގަދަ އަލީގެ ތެރެއަށް އިންސާނާގެ ހަށިގަނޑު ހުށައެޅުމުން ނިދުމުގެ ހޯމޯންގެ ދަރަޖަ ލޭގައި ސުމަކަށް ތިރިވެގެން ދެއެވެ.

    އިސްވެދިޔަ ޢިލްމީޙަޤީޤަތްތަކާމެދު ވިސްނާލާ ކޮންމެ ފަރުދަކު އިޢްތިރާފްވާންޖެހެނީ ޚާލިޤުވަންތަ މާތް ﷲގެ މަތިވެރިކަމާއި އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ މަތިވެރިކަމަށެވެ. އަދި އެ އިލާހު އިންސާނިއްޔަތަށް މިންވަރުކުރައްވާފައިވާ މިފަދަ ކޮންމެ ނިޢްމަތަކީ އޭގެ ބޭނުން ހެޔޮގޮތުގައި ކުރަންޖެހޭ ނިޢްމަތެއްކަމެވެ. އަދި އެ ނިޢްމަތުގެ ބޭނުން ހެޔޮގޮތުގައި ނުކުރެވޭނަމަ އޭގެ ގެއްލުން ލިބޭނީވެސް ހަމަ އެމީހަކަށްކަމެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

0