ނަޞޭޙަތާއި އިރުޝާދު
އިޚްލާޞްތެރިކަމަކީ އުނދަގޫ ކަމެކެވެ.

ޢަރަބި ބަހުން ހިތަށް ކިޔާނީ (ޤަލްބު) އެވެ. ޤަލްބުގެ މާނައަކީ ފުރޮޅުމެވެ. ހިތަށް މިހެން ކިޔުނީ ހިތަކީ ވަރަށް ފަސޭހައިން ފަރާތް ފަރާތަށް ފުރޮޅޭ އެއްޗަކަށް ވާތީއެވެ. ދުނިޔެއަށް ޖެހޭ ތަފާތު އޮއިވަރުތަކާއި ތަފާތު ފިކުރުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއްޗަކީ އިންސާނާގެ ހިތެވެ. ފިތުނައިގެ ޒަމާނުގައި ހެނދުނު މުސްލިމެއްގެ ގޮތުގައި ހުންނަ މީހާ ހަވީރު ކާފަރުވާ ވަރުގެ ބޮޑެތި ފިތުނަ ފަހުޒަމާނުގައި އަންނާނެކަމަށް ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގެއެވެ. އަދި އެކަލޭގެފާނު އެފިތުނަ ސިފަކުރައްވާފައިވަނީ ކަޅުފޮއި ރެއެއްގެ ކަޅު އަނދިރިކަން ފަދައިންނެވެ. ވީމާ ހިތަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ދުނިޔަވީ އެދުންތަކުގެ ފިތުނައިން ރައްކާތެރިކޮށް އެހިތުގެ ވެރި ރަސްކަލާނގެއާ ގުޅުވައި މިގުޅުން ހީނަރުވެ ދިޔަ ނުދިނުމަށްޓަކައި އަބަދުވެސް ފާރަވެރިވާން ޖެހެއެވެ.

އިސްވެ ގޮސްފައިވާ ޞާލިޙު އަޅުން އެންމެބޮޑަށް އިސްކަން ދީފައިވަނީ ހިތުގެ އިޞްލާޙަށެވެ. އަދި އެކަމުގެ ސަބަބުން އެބޭކަލުން ވަނީ ދުނިޔޭގައި މިޘާލު ޖެހޭ ނަމޫނާ ބަޔަކަށް ވެ ވަޑައިގެންފައެވެ.

އެބޭކަލުންގެ ޙަޔާތުގެ ތަޖުރިބާއަށް ބަލައިފިނަމަ، ފެންނަނީ އިޚްލާޞްތެރިކަމަކީ ޙާޞިލުކުރަން އުނދަގޫ ކަމެއް ކަމަށެވެ. އަދި އެއީ ނަފްސާ ކުރަންޖެހޭ ވަރުގަދަ ޖިހާދެއް ކަމެވެ.

ޞާލިޙު އަޅުންގެ ތެރޭގައި ގުނާލެވޭ، އައްޔޫބުއްސަޚްތިޔާނީ – ރަޙިމަހުﷲ – ވިދާޅުވިއެވެ. ” ޢަމަލުގައި އިޚްލާޞްތެރިވުމަކީ ހުރިހާ ޢަމަލަކަށްވުރެ މީސްތަކުންނަށް ބުރަކަމެކެވެ.”

ޒާހިދުންގެ ތެރެއިން މަޝްހޫރު ބޭފުޅެއް ކަމުގައި ވާ ފުޟައިލު ބުނު ޢިޔާޟް – ރަޙިމަހުﷲ – ވިދާޅުވިއެވެ. ” ތިބާއާ ދިމާލަށް އޭ ދެއްކުންތެރިޔާއޭ! ބުނެވިއްޖެނަމަ ތިބާ ރުޅިއާދެއެވެ. އެހެނަސް ތިބާއާ ދިމާލަށް މިބުނެވުނު ބަހަކީ ހަމަ ޙައްޤުބަހަކަށްވެސް ވެދާނެއެވެ. އެހެނީ ތިބާ ދުނިޔެއަށްޓަކައި އެބަ ޒީނަތްތެރިވަމުއެވެ. ތިބާގެ ހެދުން ކުރުކޮށް ތިބާގެ ބޭރުފުށް ހެޔޮކަމުގެ އަހުލުވެރިން ގޮތަށް މީސްތަކުންނަށް އުނދަގޫ ނުކޮށް ހުންނަކަމަށް އެބަ ދައްކަމުއެވެ. އެއީ ތިބާއާ ދިމާއަށް މިވެނި މީހަކީ ރަނގަޅު އަޅުވެރިއެކޭ ބުނުމަށްޓަކައެވެ. ދެން މީސްތަކުން ތިބާއާ ބައްދަލުކުރަން އައިސް ހަދިޔާދީ މާތްކޮށް ހިތައި އުޅުމަށްޓަކައެވެ. ނަމަވެސް ވަގު ދިރުހަމުހެން ގިނަމީހުންނަކަށް ތިމާގެ ޙަޤީޤަތް ނޭނގެއެވެ. ވަގު ދިރުހަމުގެ ބޭރު ކަހާލުމުން އެތެރެއިން ރިހީގެ ބަދަލުގައި އެތެރެއިން ތިމަރަ ފާޅުވެދާހެންނެވެ. ” (ނުޒްހަތުލްފުޟަލާ 2 / 667 )

މަސްދަރު: ނޫރުލްއިސްލާމް

0