ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަދުން ހޭ ބަޔަކު ކަމުގައި އަދި ގިނަގިނައިން ރޯބަޔަކު ކަމުގައި ވާށެވެ. ޤިޔާމަތް ދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހިޔާވަހިކަން ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ހިޔާވަހިކަން ނުވާދުވަހު އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާ ހަތް ބައެއްގެ ތެރެއިން އެއްބަޔަކީ އެކަނި ހުރެ ﷲ ހަދުމަކުރުމުގެ ސަބަބުން އެމީހެއްގެ ލޯ ކަރުނައިން ފުރާލެވޭމީހާއެވެ. (ބުޚާރީ އާއި މުސްލިމް)
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވެއެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ.
” ދެލޮލެއް ވަނީ ނަރަކައިގެ އަލިފާނަށް މަނާވެގެންނެވެ. އެއީ ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ރޮއެފައިވާ ލޮލަކާއި އަދި އިސްލާމް ދީން ޙިމާޔަތް ކޮށް އެމީހެއްގެ ޢާއިލާ ކުފުރުން ސަލާމަތް ކުރުމަށްޓަކައި ރޭގަނޑު ނުނިދާ ހޭދަކޮށްފައި ވާލޮލެކެވެ. (އަލް ޙާކިމް)
އަނަސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
“އޭމީސްތަކުންނޭވެ ތިޔަބައިމީހުން ރޯށެވެ. ތިޔަބައިމީހުންނަށް ނުރޮވޭނަމަ ގަދަކަމުން ވެސް ރޯށެވެ. ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިން އެމީހުންގެ ކޯތާފަތް މަތީގައި ކަރުނައިގެ ކޯރުތަކެއް ވާފަދައިން ރޯނެއެވެ. އަދި އެމީހުންގެ ލޮލުން ކަރުނަ ހުސްވެ ލޭ އޮހެރެންދެން ނެވެ. އަދި އެބައިމީހުންގެ ލޯތައް ވާނީ ފާރުވެގެން ނެވެ. (އައް ތަރްޣީބް ވައްތަރުޙީބް)
ވީމާ ރަސޫލުއް ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ރުއިމަށް އަމުރު ކުރައްވާ ފައި ވާ ގޮތާއި މެދު ވިސްނާށެވެ. މިޙަދީޘް އަޑުއިވުމުން ވެސް އަޅުގަނޑުމެންގެ ހިތްތަކަށް އަސަރު ނުކުރާނަމަ އަޅުގަނޑުމެންގެ އީމާންކަން ވަރަށް ބަލިކަށްޓެވެ. އަދި ދުނިޔެ ވަނީ އަޅުގަނޑުމެންގެ ހިތްތަކަށް ވެރިވެފައިކަން ކަށަވަރެވެ. އަދި ނަފްސު ވަނީ ނުރައްކަލަށް ހުށެހެޅިފައެވެ.
އިސްވެދިޔަ ޙަދީޘްގައިވާ ޢަޒާބުން އަޅުގަނޑުމެން ސަލާމަތްވެގެން ވާކަމުގެ އެއްވެސް ޔަޤީން ކަމެއް އަޅުގަނޑުމެންނަށް އެބައޮތްތޯއެވެ. އަޅުގަނޑުމެންނަށް ސުވަރުގެ ލިބޭނެ ކަމުގެ ޔަޤީން ކަން އެބައޮތްތޯއެވެ. ވީމާ ފާފަތަކަށްޓަކައި ރޮއެ ކަރުނަ އޮއްސާށެވެ. އެކަމުން ފައިދާ ކުރާނެއެވެ. ލޭކަރުނަ އޮއްސަން ޖެހޭދުވަސް އައުމުގެ ކުރިން ދުނިޔޭގައި ﷲ އަށް ބިރުވެތިވެ ގިނަ ގިނައިން ކަރުނަ އޮހޮރާށެވެ. އެދުވަހަކުން އޮއްސާ ލޭކަރުނައަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
މަސްދަރު: ނޫރުލްއިސްލާމް