ނަޞޭޙަތާއި އިރުޝާދު
އަވަހަށް ފިލާވަޅު ދަސްވާނީ …

 ޙަމްދާއި ޘަނާ ހުރީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ހުރީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. މި މާތް ޞަލަވާތުގައި އެކަލޭގެފާނުގެ އިތުރު އާލު އަޞްޙާބުން ޝާމިލް ކުރަމެވެ.

         ކޮންމެމީހަކު ކޮންމެއެއްޗެއް އުފެއްދިކަމުގައިވިޔަސް އެ އުފެއްދި އެއްޗެއް ބޭނުންކުރާނެ ގޮތުގެ ފުރިހަމަތަފްޞީލް (ޔޫޒަރގައިޑް) އެއާއެކު އޮންނަންޖެހޭނެއެވެ. އެހެނީ އެ އެއްޗެއް ބޭނުންކުރަންޖެހޭނީ އެ ޔޫޒަރގައިޑް ގައިވާގޮތަށް، އެކަމަށްފުރިހަ ސަމާލުކަން ދީގެންކަމަށްވާތީއެވެ. އެހެންނޫނީ އެ ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވެ އަދި އޭގެ އުމުރުކުރުވާގޮތް ދިމާވާނެއެވެ. އަދި އެއަށް މައްސަލައެއް ދިމާވެއްޖެނަމަ މަރާމާތުކޮށް އިސްލާހުކުރަން ގެންދަންވާނީ، އެކަން ރަނގަޅަށް ދަންނަ މޭސްތިރީއެއްގެ ކައިރިއަށެވެ. ގަޑިއެއް ހަލާކުވީމާ ވަޑާންގެއަކަށް ގެންގޮސްގެން ނުވާނެއެވެ. ކަމެއްގެ މަޤްޞަދު ޙާޞިލުވާނީ އެކަމަކާ ގުޅުންހުރި ކަންތައްތަކުގެ މައްޗަށް ކަމަށްވާތީއެވެ.

         މާތްﷲ ވަނީ ތިބާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވުމަށްފަހު ތިބާ ތިބާގެ ޙަޔާތުގެ ދުވަސްތައް ހޭދަކުރަން އޮތް ހެޔޮގޮތާއި ނުބައިގޮތް ކީރި ޤުރްއާން  އާދެ! “ޔޫޒަރގައިޑް”  ގައި ބަޔާން ކޮށްދެއްވާފައެވެ. އެއަށްފަހު އެފޮތުގައިހުރި ހުރިހާ ވާހަކައެއް ތިބާއަށް އުނގަންނައި ދެއްވުމަށް އެކަލާނގެ ވަނީ ނަބިއްޔަކުވެސް ފޮނުއްވަވާފައެވެ. އަދި ތިބާގެ ޙަޔާތުގެ ދުވަސްތައް ތިބާ ހެޔޮގޮތުގައި ހޭދަކޮށްފިނަމަ ހުރި ދަރުމައާއި ޘަވާބުގެ ވާހަކަވެސް މާތްﷲ ވަނީ ބަޔާން ކުރައްވާފައެވެ. އެދުވަސްތައް ތިމާހިތުހުރި ގޮތަކަށް ” ޔޫޒަރގައިޑް” އާ ޚިލާފަށް ހޭދަކޮށްފިނަމަ ދެދުނިޔޭގައިވެސް ތިބާއަށް ވަނީ ގެއްލުމާއި ހަލާކުކަންވެސް މާތްﷲ ވަނީ އަންގަވާ ދެއްވާފައެވެ.

         ވީމާ ސިކުނޑީގެ ބޭނުންކުރުމުގައި ސިކުނޑި އުފެއްދެވި ފަރާތުގެ ” ޔޫޒަރގައިޑް ” ބަލާށެވެ. ސިކުނޑިއަށް ރައްކާތެރި ވުމުގައި އެކަލާނގެ އެންގެވިގޮތަށް ތިބާގެ އުޅުމާއި ގުޅުން ބައްޓަން ކުރާށެވެ.

         ގަޑިއަށް މައްސަލަދިމާވުމުން ގަޑި ހަދަން ދަންނަމީހާ ކައިރިއަށް ދާ އުސޫލުން ތިބާއަށް ދިމާވާ ކޮންމެ ކަމެއް އިޞްލާޙް ކުރުމަށް ތިބާގެ ” ޔޫޒަރގައިޑް ” ބަލާ ތިބާ ހެއްދެވި ފަރާތަށް ރުޖޫޢަވާށެވެ.

         ވީމާ އަވަހަށް ފިލާވަޅު ދަސްކޮށް ހަނދާނުގައި ބެހެއްޓުމަށްޓަކައި:-

  • މާތްﷲ އަށް ފުރިހަމައަށް ހެޔޮހިތުން ކިޔަމަންތެރިކަން އަދާކުރާށެވެ.
  • ނަމާދު، އޭގެ ވަގުތުން ޖަމާޢަތުގައި ކުރާށެވެ.
  • މަންމަ އާއި ބައްޕައަށް ވަރަށްބޮޑަށް ހެޔޮކޮށް ހިތާށެވެ.
  • މުދައްރިސަށް އިޙްތިރާމް ކުރާށެވެ. (ކޮންމެ ދީނެއްގެ މީހަކުކަމުގައި ވިޔަސް ކަންއޮތީ މިގޮތަށެވެ.)
  • ފަތިސް ނަމާދު ފަހުން، އިރު އެރުމުގެ ކުރިން ނުނިދާށެވެ.
  • ޢަޞުރު ނަމާދު ފަހުން، ޢިޝާނަމާދު ކުރިން ނުނިދާށެވެ.
  • ކާ ވަގުތުތަކުގައި ބަނޑަށް އުނދަގޫ ވާވަރަށް ގިނައިން (ލޮޑުވެކަންނެތްވާވަރަށް) ނުކާށެވެ.
  • އެއްޗެއް ނުކައި ހުސްބަނޑާ ހުރެ ފިލާވަޅު ދަސްކުރަން ނުފަށާށެވެ.
  • ބޭކާރު ވާހަކަ ނުދައްކާށެވެ. ފައިދާއެއް ނެތް ވީޑިއޯ ނުބަލާށެވެ. ބޭކާރު ލިޔުން ނުކިޔާށެވެ.
  • ގިނައިން ފެންބުއިމަށް އާދަ ކުރާށެވެ.
  • ދުވާލަކު ކޮންމެވެސް މޭވާއެއް ކާށެވެ.
  • ބަދަން އަދި ހިކި މޭބިސްކަދުރު ގިނަގިނައިން ކައިހަދާށެވެ.
  • ކާމިޔާބު ވާނެކަމުގެ ފުރިހަމަ އުންމީދާއި ޢަޒުމާއެކުގައި މަސައްކަތްފަށާށެވެ.
  • މިސަބަބުތަކުގައިހިފައި އަވަހަށް ދަސްވުމަށާއި ދަސްކުރާ ތަކެތި ހަނދާނުގައި ހަރުލެއްވުމަށް އެދި މާތްﷲ އަށް ދުޢާ ކުރާށެވެ.

         ހުރިހައި ކަމެއްމެ މޮޅަށް ދެނެވޮޑިގަންނަވަނީ ގަދަ ކީރިތި ވަންތަ މާތްﷲއެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

0