ނަޞޭޙަތާއި އިރުޝާދު
ކަލަންޑަރުގެ ގަނޑުތައް އުކާ ހުސްވީއެވެ.

ކަލަންޑަރުގެ ގަނޑުތައް އުކާ ހުސްވީއެވެ. އެއާއި އެކު ފުރިހަމަ އަހަރެއް މުޅީން ނިމުނީއެވެ.

ފައިދާ ހޯދައިގަތް މީހަކަށް ފައިދާވީއެވެ. ގެއްލުން ހޯދައިގަތް މީހަކަށް ގެއްލުންވީއެވެ.

ފުރިހަމަ އެއް އަހަރު ހަމަވެގެން ދިޔައީއެވެ. އަހަރުގައި ވެވުނުހާ ކިޔަމަންތެރިކަމާއި ކުރެވުނުހާ އަޅުކަމާއި އެކީގައެވެ. އަރައިގަނެވުނުހާ ފާފަތަކާއި ކުރެވުނުހާ ކުށްތަކާއި އެކީގައެވެ. ފުރިހަމަ އަހަރެކެވެ. މުސްލިމުންނަށް އެއަހަރުގައި ލިބުނުހާ ނިކަމެތިކަމާއި މަތިމައްޗަށް ޖެހުނު ބަލާތަކާއި މެދުކެނޑުމެއް ނެތި މުސްލިމުންގެ މައްޗަށް ހިންގުނު ޤަތުލު ޢާންމުތަކާއި ފޭރިގަނެވުނު ބިންތަކާއި އެކީގައެވެ. ފުރިހަމަ އެއް އަހަރު އޭގެ ރޭތަކާއި ދުވާތަކާއެކު، އޭގެ ހެވާއި ނުބަޔާއި އެކު، ވޭތުވެގެން ދިޔައީއެވެ.

ތިބާވީ މި ހުސްވި އަހަރުގައި ހެޔޮކަމާއި އެކު ތެދުވެ ސީދާ ވީ މީހެއް ކަމުގައި ނަމަ މަރުހަބާއެވެ.

ނޫންނަމަ ނުބައިނުލަފާކަމާއެކު ކަސިޔާރުވީ މީހެއް ކަމުގައި ވަނީ ނަމަ މިއަދުގައި ދެން ނަފުސު ހިސާބުކޮށްލުމުގެ ވަގުތުކޮޅަކަށް މަޑުކޮށްލަދީބަލާށެވެ.

މި އަވަސް ދަނޑިވަޅުގައި ނަފުސު ހިސާބުކޮށްލުމުގެ ވަގުތުކޮޅަކަށް މަޑުޖެހިލުމީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެހެނީ ދުނިޔޭގައި ނަފުސު ހިސާބުކޮށް އުޅޭ އަޅުން ޤިޔާމަތުގައި ނަޖާވާނެއެވެ.

ދުނިޔޭގައި އަމިއްލަ ނަފުސުގެ ހިސާބު ބެލުމީ މުސްލިމް އަޅާގެ މައްޗަށް ނިކަން ފަސޭހަކަމެކަށް ވެދާނެއެވެ. ފާއިތުވި ތާނގައި ކުރެވުނުހާ ކަންކަމާއި މެދު ވިސްނާ، ފުއްސެވުން އެދިގެން ދުޢާކޮށް، ތައުބާވެވިދާނެއެވެ.  އެހެން ނަމަވެސް ޤިޔާމަތް ދުވަހުގެ ޙިސާބުބެއްލެވުން އޭނާއަށް ތަހައްމަލުކޮށްލެވޭނީ ކޮންފަދައަކުންހެއްޔެވެ؟ ޙިސާބު ބެއްލެވިއްޖެ މީހާއަށް ޢަޒާބު ލިބިއްޖެއޭ ހަދީޘުގައި އައިސްފައިވަނީ އެހެންވެގެންނެވެ.

އެހެނީ އެ ވަގުތުގައި އޭނާ ހުއްޓިހުންނާނީ އަރަހުށި ހުސްޠާހިރުވަންތަ ގަދަފަދަވަންތަ މާތްރަސްކަލާނގެ ދަރުބާރުގައެވެ. ކަނާތަށް ބެލުމުން ކުރެވިފައިވާ ޢަމަލެއް މެނުވީ ނުފެންނާނެއެވެ. ވާތަށް ބެލި ނަމަވެސް ކަން އޮތީ އެގޮތަށެވެ. ކުރިކަމަތީގައި ސުވަރުގެއެވެ. ފަހަތުގައި ނަރަކައެވެ. ދުނިޔޭގައި އެމީހެއްގެ އަމިއްލަ ނަފުސު ހިސާބުކޮށް އިސްލާހުވެ، މާތްކަލާނގެ އެމީހަކު ސަލާމަތްކުރައްވައިފި މީހަކަށް އުފަލާއި އުފާވެރިކަން ހުއްޓެވެ.

އަހަރެމެންނަށް މި އަހަރުގެ ތެރޭގައި ކުރެވިފައިވާ ހެވާ ނުބައި ހަނދާން ނެތިފައި ވީ ނަމަވެސް އެހުރިހާ ކަމެއްގެ ވާހަކަ ވަނީ އަހަރެމެންގެ ފަތްތަކުގައި ލިޔެވިގެން ކަން އަހަރެމެން ޤަބޫލުކުރަމެވެ. ހަނދާން ނެތުމަކީ ﷲ ގެ ނިސްބަތުގައި މުސްތަޙީލުކަމެއް ކަމަށްވެސް އަހަރެމެން އީމާންވަމެވެ.

ތިބާއަށް ހަނދާންކޮށްދެމެވެ. ތިބާ ހަނދާންކުރާށެވެ.

މި ދުނިޔޭގެ ދިރިއުޅުންވަނީ ވަކި މިންވަރަކަށެވެ. ނޭވާލެވުންވަނީ ވަކި ހިސާބަކަށެވެ. އަހަރު ފާއިތުވުމާއި އެކު ތިބާގެ ޢުމުރު ވެސް އެފަދައިން ފާއިތުވެގެން ދާނެކަން ހަނދާންކުރާށެވެ. ފަހަރުގައި ތިބާގެ ޢުމުރުގައި ދެން ބާކީ އޮތީ ދެތިން ގަޑިއިރުކަމުގައި ވެސް ވެދާނެއެވެ. ދެވިފައިވާ މުހުލަތު ޣަނީމާކުރާށެވެ. ހެޔޮ ޢަމަލުތަކަށް އަވަސްވެގަންނާށެވެ. އެދެމެދަށް ހުރަސްއެޅި މަގުބަންދުވުމުގެ ކުރިންނެވެ. އެހާރުން ދެން ހިތާމައަކުންކުރާނޭ މަންފާއެއް ނޯންނާނެއެވެ.

ކުރިއަށް އޮތް އާ އަހަރަށް އަހަރެމެން ކުރިމަތިލާންވީ ކިހިނަކުން ކަމަށްހެއްޔެވެ؟

އެދެވިގެންވަނީ ކޮންމެ ދުވަހަކުމެ އަމިއްލަ ނަފުސު ހިސާބުކުރުމެވެ.

މަތިވެރި ޚަޒާނާއަށް ރައްކާތެރިވުމެވެ. ސަމާލުވާންވީ ދުވަސްތަކާއި ވަގުތުގެ ނިޢުމަތަށެވެ. ކުޅަދާނަވީ މިންވަރަކުން ޒިކުރާއި އަޅުކަމުން ފުރާލުމަށެވެ. ހޭދެކޮށްލެވުނު ވަގުތާއި މެދު ފިކުރެއްކޮށްލާށެވެ. ހޭދަވާން ހުރި ވަގުތައް ޢަޒުމެއް ކަނޑައަޅާށެވެ.

 

މަސްދަރު:ނޫރުލް އިސްލާމް

1