ސުވާލު: ވުޟޫ ނުކޮށް، މޮބައިލް ފޯނުން ނުވަތަ ކޮމްޕިއުޓަރުން ބަލައިގެން ޤުރުއާން ކިޔެވިދާނެތަ؟ އަދި އެގޮތަށް ކިޔެވުމުގައި ވުޟޫ ކުރަން ޖެހޭތަ؟
ޖަވާބު: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. ޤުރުއާން ކިޔެވުމުގައި މުޞްޙަފުން ބަލައިގެން ކިޔެވުމަކީ ޝަރުޠެއް ނޫނެވެ. އެހެން ނަމަވެސް، ޤުރުއާން ހިތުދަސް ނޫންނަމަ، ކުށެއް ކީދާނެކަމުގެ ބިރަށްޓަކައި، މުޞްޙަފުން ކިޔުން އައުލާވެގެން ވެއެވެ. މިއަދުގެ ތަރައްޤީވެފައިވާ ދުނިޔޭގައި ކޮމްޕއުޓަރާއި މޯބައިލްފޯނުގައިވެސް ޤުރުއާނުގެ ދެލިގަނޑު، ފެންނަ ގޮތަށް ޕްރޮގްރާމް ތައް ހެދިފައިވެއެވެ. އެހެންކަމުން މިފަދަ ވަޞީލަތްތައް ބޭނުން ކޮށްގެން ޤުރުއާން ކިޔެވުމަކީ ހުއްދަ ކަމެކެވެ.
އަދި މިފަދަ ވަޞީލަތަކުން ޤުރުއާން ކިޔެވުމުގައިވެސް ޤުރުއާން ކިޔެވުމުން ލިބޭ ސަވާބާއި ދަރުމަ ލިބޭނެއެވެ. ސަބަބަކީ ކުރިން ދެންނެވި ފަދައިން މުޞްޙަފް ބަލައިގެން ޤުރުއާން ކިޔެވުމަކީ ޝަރުޠެއް ނޫނެވެ.
މުޞްޙަފުން ޤުރުއާން ކިޔެވުމުގައި ވުޟޫ / ޠަހާރަތުގެ މަތީގައި ހުރުމަކީ ލާޒިމު ކަމެކެވެ. އެހެން ނަމަވެސް މޯބައިލް ފޯނާއި ކޮމްޕިއުޓަރުން ކިޔަވާއިރު ޠަހާރަތު ޝަރުޠު ނުވާކަމަށް ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވައެވެ.
މިފަދަ ވަޞީލަތްތަކުން ޤުރުއާން ކިޔެވުމުގައި ވުޟޫކުރަން ނުޖެހޭނެކަމަށް ފަތުވާ ދެއްވާފައިވާ ފަހުގެ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި ފަޟީލަތުއްޝައިޚް އަލްޢައްލާމާ ޢަބްދުއްރަޙްމާން ބުނު ނާޞިރު އަލްބައްރާކް އާއި ފަޟީލަތުއްޝައިޚް އަލްޢައްލާމާ ޞާލިޙް އަލްފައުޒާން ހިމެނިވަޑައިގަންނަވައެވެ. والله أعلم
ޖަވާބު: ނޫރުލްއިސްލާމް